ވޯލްޑްކަޕް ރަޝިއާ 2018 ގެ މެޗްތައް ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުން

June 13, 2018

ނޫސް ބަޔާން

       ނަންބަރު: (PR)427-BUR/INDIV/2018/1

ވޯލްޑްކަޕް ރަޝިއާ 2018 ގެ މެޗްތައް ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުން

ގަވާއިދު ނަންބަރު 2012/R-12 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 38 މާއްދާ އަދި ގަވާއިދު ނަންބަރު 2012/R-11 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 35 ވަނަ މާއްދާއަށް ނަޒަރުކުރާއިރު، ދިވެހި ރައްޔިތުންގެ ޚާއްސަ ޝައުގެއް ހިމެނޭ އިވެންޓެއް ނުވަތަ “ލިސްޓަޑް އިވެންޓެއް” ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޙައްޤު ހޯދުމުގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު މެދުވެރިކޮށް ރައްޔިތުންނަށް ވީހައިވެސް ފުޅާ ދާއިރާއެއްގައި އެ އިވެންޓެއް ފޯރުވައިދިނުމަށް މަގުފަހިކޮށްދީފައިވާތީ އާއި، ފީފާ ވޯލްޑްކަޕް އަކީ ލިސްޓެޑް އިވެންޓެއްގެ ގޮތުގައި ކޮމިޝަނުން ކަނޑައަޅައިފައިވާ އިވެންޓަކަށް ވާތީ، މި އަހަރު ރަޝިއާގައި ކުޅޭ ފީފާ ވޯލްޑްކަޕްގެ މެޗުތައް ބެލުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިފައިވޭތޯ މި ކޮމިޝަނުން ބެލިބެލުމުން، ފީފާ ވޯލްޑްކަޕް ރަޝިއާ 2018 ގެ މެޗެތައް ޕަބްލިކް ސަރވިސް މީޑިއާއާ އެ އިވެންޓް މި ސަރަހައްދުގައި ޑިސްޓްރިބިއުޓްކުރުމުގެ ޙައްޤު އޮތް ފަރާތާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރައްޔިތުންނަށް ބެލޭނޭ މަގު ފަހިވެފައިވާކަން މިހާރު ކަށަވަރުވެފައި ވާތީ އެކަމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއަށް މަރުހަބާކިއަމެވެ.

މީގެ އިތުރުން، ރާއްޖޭގެ ބައެއް ރީބްރޯޑްކާސްޓަރުން އެ ފަރާތްތަކުގެ ޚިދުމަތުގައި ގެނެސްދޭ ބައެއް ޗެނެލްތަކުން ފީފާ ވޯލްޑްކަޕް ރަޝިއާ 2018 ގެ މެޗްތައް އެކި ފެންވަރު (ހައި ޑެފިނިޝަން އަދި  4K ކޮލިޓީ) ގައި ގެނެސްދިނުމަށް މަސައްކަތްކުރަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާތީ އެ ކަމަށް ވެސް ނުހަނު މަރުހަބާކިއަމެވެ.

ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަނުން ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުން ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ދައްކަމުންދާ ޗެނަލްތައް ގެނެސްދޭން ވާނީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 30 އަދި 31 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ޕެކޭޖްގެ ގޮތުގައި ބައިކޮށް، އެ ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ޗެނަލް ދޭ ފަރާތާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ ނޮން-އެކްސްކްލޫސިވް ޗެނެލް އެއްބަސްވުމެއްގެ ދަށުން އަދި ކޮމިޝަނުން ފާސްކޮށްފައިވާ އަގެއްގައި އަދި އެ ޗެނެލެއްގައި ޤާނޫނާ ޚިލާފު ކޮންޓެންޓެއް ހިނެމިފައި ނުވާ ގޮތުގެ މަތީން ކަމުގައި ފާހަގަކުރަމެވެ.

ވީމާ، ވޯލްޑްކަޕް ރަޝިއާ 2018 ގެ މެޗްތައް ރައްޔިތުންނަށް ގެނެސްދިނުމުގައި، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ކަންކަން ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކުރިއަށް ގެންދާނޭކަމަށް ކޮމިޝަނުން ޔަޤީންކުރަމެވެ.

 

  28  ރަމަޟާން 1439

 11 ޖޫން 2018