ދިވެހި ބަސް ހެޔޮގޮތުގައި ބޭނުންކޮށް ކުރިއެރުވުމުގެ ދާއިރާއިން ނޫސްވެރިން ތަމްރީނުކުރުމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކާ އެކު ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއިކޮށްފި

October 2, 2017

ދިވެހި މީޑިއާގައި އިސްލާމީ ޝަޚުޞިއްޔަތާއި ދިވެހި ޤައުމިއްޔަތާއި ދިވެހިބަހުގެ ސިޔާދަތު ދަމަހައްޓައި ދިވެހި މީޑިއާގެ ވެށްޓަކީ ދިވެހިވަންތަކަމަށް އިޙުތިރާމުކުރާ ވެށްޓެއްގެ ގޮތުގައި ބައްޓަންކުރުމަށް ކަމާ ގުޅޭ އިދާރާތަކާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ރޭޑިއޯ ބިލްޑިންގގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ފަހުމުނާމާގައި ސޮއިކުރި އިދާރާތަކަކީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިތުރުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި، ދިވެހިބަހުގެ އެކެޑަމީއާއި، ޕަބްލިކް ސަރވިސް މީޑިއާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއެވެ.

މި ފަހުމުނާމާގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބެވެ. އަދި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީއާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޢަބްދުލްމުޢީދު ޙަސަނާއި ޕަބްލިކް ސަރވިސް މީޑިއާގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙައްމަދު ސަޢީދާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޙައްވާ ލަޠީފު މި ފަހުމުނާމާގައި ސޮއިކުރެއްވިއެވެ.

މިއަދު މި ސޮއިކުރެވުނު ފަހުމުނާމާގެ މައިގަނޑު މަޤްޞަދުތަކަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގައި އިސްލާމީ ޝަޚުޞިއްޔަތާއި، ދިވެހި ޤައުމިއްޔަތާއި، ދިވެހިބަހުގެ ސިޔާދަތު ދަމަހައްޓައި، ނޫސްވެރިކަމުގެ ވެށްޓަކީ ދިވެހިވަންތަކަމަށް އިޙުތިރާމްކުރާ ވެށްޓެއްގެ ގޮތުގައި ބައްޓަންކުރުމާއި ދިވެހި ނޫސްވެރީންނަކީ ނޫސްވެރިކަމާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި ހަމަތަކަށް އަހުލުވެރި، ގާބިލު ބައެއް ކަމުގައި ހެދުމާއި ނޫސްވެރިކަމުގެ ތަންޒީމީ އޮނިގަނޑު ހަރުދަނާކުރުމެވެ.

މި ފަހުމުނާމާގެ އަމާޒުތަކަށް ވާސިލުވުމަށާއި އެއްބަސްވެފައިވާ ކަންތައްތައް ހާސިލުކުރުމަށް މި ފަހުމުނާމާގައި ސޮއިކުރި ފަސް އިދާރާއިން ކުރަންޖެހޭ ކަންކަންވެސް މި ފަހުމުނާމާގައި ބަޔާންކޮށްފައިވެއެވެ. މިއަދުގެ ރަސްމިއްޔާތުގައި މި އިދާރާތަކުން މި ފަހުމުނާމާގެ ދަށުން އެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މަޢުލޫމާތު ދެއްވިއެވެ.

2 އޮކްޓޫބަރ 2017