ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ އުޞޫލެއް އެކުލަވާލައި ބްރޯޑްކާސްޓަރުންނާ މަޝްވަރާކޮށްފި

February 10, 2019

ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލެއް އެކުލަވާލައި އެ އުސޫލަށް ޚިޔާލުހޯދުމަށް ބްރޯޑްކާސްޓަރުންނާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.

މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ވިޔަފާރީގެ އުސޫލުން އެއަރޓައިމް ދިނުމުގައި ޢަމަލުކުރަން އެންމެ އެކަށޭނެ ގޮތަކަށް މި އުސޫލު ބައްޓަންކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

މި އުސޫލަކީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުން، އިންތިޚާބެއްގެ ދުވަސްވަރު، އެ އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓުންނަށާއި، އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ޚާއްޞަކޮށްގެން؛ އެ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމާއި އިޝްތިހާރު ފޮނުވުމަށް ވަގުތު ދިނުމުގައި ބްރޯޑްކާސްޓަރުން ޢަމަލުކުރަންވީ ހަމަތައް ކަނޑައެޅުމާއި، އެ ހަމަތަކާ ޚިލާފުވާކަމަށް ބެލެވޭ ބްރޯޑްކާސްޓަރުންނާމެދު ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމާއި، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމާއި، އެ ހަމަތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅުއެޅުމުގެ އުޞޫލެއް އެކުލަވާލައި އާންމުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލާޒިމްކޮށްފައިވާތީ، ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިޚާބަށް އަމާޒުކޮށް އެކުލަވާލާ އުސޫލެކެވެ.

މިއަދުގެ މި ބައްދަލުވުމުގައި ބްރޯޑްކާސްޓަރުންގެ ތެރެއިން، ޕަބްލިކް ސަރވިސް މީޑިއާއާއި ރާއްޖެ ޓެލެވިޜަންގެ އިތުރުން ވީ މީޑީއާގެ ފަރާތުން ބައިވެރިވެފައިވެއެވެ. ކޮމިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙާއި ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް ޢާއިޝަތު ޝާހީނާއި ޑިރެކްޓަރ، ލީގަލް ފާޠިމަތު ޝައުފާއެވެ.