ކޮމިޝަންގެ މެމްބަރުކަމަށް މުޙައްމަދު ފަޒީން ޢައްޔަނުކުރައްވައިފި

March 7, 2021

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ބ. ތުޅާދޫ، ހޭޒުލީން، މުޙައްމަދު ފަޒީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މުޙައްމަދު ފަޒީން ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފަސް އަހަރުގެ ދައުރަކަށް އަލަށް ކޮމިޝަންގެ މެމްބަރުކަމަށް މުޙައްމަދު ފަޒީން ޢައްޔަނުކުރެއްވީ، ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމެއް ހުސްވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިޢުލާނާ ގުޅިގެން އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ  ދިރާސާއަށް ފަހު، ރުހުން ދިނުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވޯޓަށް އެއްސެވުމަށްފަހު  55 މެމްބަރުންގެ ވޯޓާއެކު ހޮވިވަޑައިގެންނެވުމުންނެވެ.

މުޙައްމަދު ފަޒީން، 2012 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ޗެނަލް ނިއުސް މޯލްޑިވްސް (ސީ.އެން.އެމް)ގެ ސީނިއަރ ޖަރނަލިސްޓެއްގެ ގޮތުގައެވެ. 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އަދާކުރައްވަމުން ގެންދެވީ ރާއްޖެ ޓީވީގެ ސީނިއަރ ވީޑިއޯ ޖަރނަލިސްޓްގެ މަޤާމެވެ.