ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީއަށް ކޮމާރޝަލް ޓީވީ ޗެނަލް ތަމްސީލުކުރަން ތިން މެންބަރުން އިންތިޚާބުކޮށްފި

August 5, 2013

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ (ބީއޭސީ) އަށް ކޮމާޝަލް ޓީވީ ޗެނަލްތައް ތަމްސީލުކުރުމަށް ތިން މެންބަރުން މިއަދު އިންތިޚާބުކޮށްފިއެވެ.

މިއަދު އޮތް މި އިންތިޚާބުން ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީއަށް ހޮވިފައިވާ ފަރާތްތަކަކީ ވޯޓުލީ 8 ފަރާތުގެ އިއްތިފާގުން އެމްވީޓީވީގެ ލީގަލް ކައުންސިލް، ޢުމަރު އަބްދުﷲ އާއި ދެ ވަނައަށް 6 ވޯޓު ލިބުނު ދެ ފަރާތް ކަމަށްވާ ވީޓީވީގެ ޑިރެކްޓަރ ޖެނެރަލް، ނިއުސް، އިމާދު ހަސަން ލަތީފް އާއި ޗެނަލް އެމްގެ ސީ.އީ.އޯ ތޮއްޔިބު މުޙައްމަދު އެވެ. މި އިންތިޚާބުގައި 6 ޗެނަލައަކުން 6 ފަރާތުން ވަނީ ވާދަކޮށްފައެވެ.

ކޮމާރޝަލް ޓީވީ ޗެނަލްތަކުން 8 ފަރާތުން މި އިންތިޚާބުގައި ވަނީ ބައިވެރިވެ ވޯޓުލާފައެވެ.  އިންތިޚާބުގައި ބައިވެރިވުމަށް ހުރިހާ ކޮމާޝަލް ޓީވީއަކަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ވަނީ ދައުވަތު ދީފައެވެ.

ކޮމާޝަލް ޓީވީ ޗެނަލް ތަމްސީލުކުރުމަށް ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީއަށް ހޮވުނު ފަރާތްތަކަށް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ބައްދަލުކުރައްވައި ވަނީ މަރުޙަބާ ދަންނަވާފައެވެ. ރައީސްގެ ވާހަކަފުޅުގައި މި ކޮމިޓީއަށް ކޮމާރޝަލް ރޭޑިއޯ ތަމްސީލުކުރަމަށް 2 ފަރާތެއް އިންތިޚާބު ކުރުމުން މި ކޮމިޓީ އެކުލަވާލާ ނިމެނޭ ކަމަށާއި ހޮވުނު ފަރާތްތަކުގެ އެހީތެރިކަމާއި ލަފާޔާ އެކު ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާ އަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުތަކާއި، ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލާ އިޞްލާހުކުރުމުގައި ކޮމިޝަނަށް ލަފާ ދިނުމާއި ބްރޯޑްކާސްޓިންގ ސިނާއަތު ތަރައްޤީކުރުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ކޮމިޝަނަށް ލަފާދިނުމާއި ބްރޯޑްކާސްޓް ސިނާއަތަށް ދިމާވާ މައްސަލަތައް ކޮމިޝަންގެ ސަމާލުކަމަށް ގެނައުމެވެ.

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީއަށް ކޮމާރޝަލް ރޭޑިއޯ ތަމްސީލު ކުރާނެ 2 ފަރާތެއް ހޮވުމަށް އިންތިޚާބު ވަރަށް އަވަހަށް ބޭއްވުމަށް ވަނީ ނިންމާފައެވެ.