ބްރޯޑްކާސްޓަރުންގެ ޒިންމާ އަދާކުރެއްވުމުގައި ސާބިތުވެ ތިއްބެވުމަށް ކޮމިޝަންގެ ރައީސް އިލްތިމާސްކުރައްވައިފި

October 3, 2019

ބްރޯޑްކާސްޓަރުންގެ ޒިންމާ އަދާކުރެއްވުމުގައި ސާބިތުވެ ތިއްބެވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު އިލްތިމާސްކުރައްވައިފިއެވެ.

ކޮމިޝަންގެ ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައެވެ. ތިރީގައި މިވަނީ ދުވަހުގެ މުނާސަބަތުގައި ކޮމިޝަންގެ ރައީސް ދެއްވި މެސެޖުގެ މުހިންމު ބައިތަކެވެ.

“މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހާ ބްރޯޑްކާސްޓަރުންނަށާއި ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކޮށްދެއްވާފައިވާ އެންމެހައި ފަރާތްތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނައިބު ރައީސާއި ކޮމިޝަނަރުންނާއި އެންމެހައި މުވައްޒަފުންގެ ނަމުގައި ނުހަނު އިޚްލާސްތެރިކަމާ އެކު ތަޙުނިޔާ އާއި މުބާރަކުބާދު އަރިސްކުރަން.

ރާއްޖޭގެ ބްރޯޑްކާސްޓަރުން ކުރައްވާ މިންނެތް މަސައްކަތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށް އެ ފަރާތްތަކުގެ އަގުވަޒަންކުރާ ކަމުގައިވެސް އަޅުގަނޑު ދަންނަވަން.

ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމުގެ މަގްސަދަކީ ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމު ދައުރުގެ އަގު ވަޒަންކުރުމާއި، މި ދާއިރާގެ ތަރައްޤީއަށް މަގުފަހިކުރުން.

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ބަލާއިރު މި ދާއިރާ އަންނަނީ ތަރައްޤީގެ އާ އުސްމިންތަކެއް ހާސިލްކުރަމުން. މި ދާއިރާގައި ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރުގެ އިތުރުން ގިނަ އަދަދެއްގެ ޕްރައިވެޓް ބްރޯޑްކާސްޓަރުން ހަރަކާތްތެރިވަމުން އަންނައިރު މި ފަރާތްތަކުން އަންނަނީ ދުނިޔޭގެ އެކި ކަންކަމަށް ލޯހުޅުވޭ ބަޔަކަށް ދިވެހިން ހަދައި، ވިސްނުން ތަރައްޤީކޮށް، އެކި ދާއިރާތަކަށް ހުޅުވިފައިވާ ވިސްނުމަކުން ނަޒަރު ހިންގުމަށް އެހީތެރިވަމުން.

ބްރޯޑްކާސްޓިންގ ދާއިރާގެ މިންނެތް މަސައްކަތުން އާންމުންނަށް ތަފާތު ދާއިރާތަކުގެ ޢިލްމަށް ހިތްޖައްސުވައިފި. ދުނިޔެ ހޯދައި ބެލުމަށް އާންމުން ޝައުޤުވެރިވެ، މީޑިއާ ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން، އާންމުން ބޭނުންވާ ފަދަ ކޮންޓެންޓް އުފެއްދުމުގެ ގޮތުން ބްރޯޑްކާސްޓަރުންގެ ދައުރު ވަނީ ފުޅާވެފައި. މިފަދައިން ކަން ހިނގަމުންދާއިރު، ބްރޯޑްކާސްޓްކުރާ ފަރާތްތަކުން މި ދާއިރާގައި ސާބިތުކަމާއެކު ފައިހަމަކުރުމަށް ޒަމާނީ ވަސީލަތްތަކާއި ތަމްރިނާއި ތަޖުރިބާގެ މުހިންމުކަން ދަނެ، ދާއިރާގެ ތަރައްޤީއަށް ކެނޑިނޭޅި މަސައްކަތްކުރުމަށް އިލްތިމާސް ދަންނަވަން.

އާންމުންގެ މުނިފޫހިފިލުވައިދިނުމަށް އަމާޒު ބެހެއްޓިފައިހުރި ބްރޯޑްކާސްޓްކުރުމުގެ ދާއިރާ، ވޭތެދިޔަ އަހަރުތަކުގައި ވަނީ އިޖްތިމާޢީ، އިޤްޠިޞާދީ ކަންކަމާ ގުޅޭ ކޮންޓެންޓް ފޮނުވުމުގެ އިތުރުން ސަރުކާރާއި ސިޔާސީ ފަރާތްތައް ޖަވާބުދާރީކުރުވުމުގައި ތަޢުރީފު ޙައްޤު ގިނަގުނަ މަސައްކަތްތަކެއް ކޮށްފައި. ގިނަގުނަ ގޮންޖެހުންތަކެއް ހުރުމާއެކުވެސް، ބްރޯޑްކާސްޓްކުރާ ފަރާތްތަކުން، އެފަރާތްތަކުގެ ޒިންމާ އަދާކުރުމުގައި ވަނީ ސާބިތުކަން ދައްކުވައިދީފައި.

ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް ޖުމްލަ 48 ފަރާތަކަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ކޮމިޝަނުން ދޫކޮށްފައި. މީގެ ތެރޭގައި، ޖުމްލަ 13 ރޭޑިއޯ ޗެނަލާއި 35 ޓީވީ ޗެނަލް ހިމެނޭ.  ރީބްރޯޑްކާސްޓިންގ ދާއިރާއަށް ނަޒަރު ހިންގާލާއިރު، 2019 ވަނަ އަހަރުގެ މިހާތަނަށް ކޮމިޝަނުން ވަނީ ރީބްރޯޑްކާސްޓްކުރުމަށް 3 ލައިސަންސެއް ދޫކޮށްފައިވޭ. ދިވެހިރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމުގެ މަސައްކަތްކުރަމުން ގެންދާ ފަރާތްތަކުގެ އަދަދަކީ 120.  މީގެ ތެރޭގައި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ދޫކޮށްފައިވާ 5 ފަރާތެއް ވެސް ހިމެނޭ.

ބްރޯޑްކާސްޓްކުރުމަށް ލައިސަންސް މިހާތަނަށް ދޫކޮށްފައިވާ އަދަދަށް ބަލާއިރު، ދާއިމީ ގޮތެއްގައި މި ޚިދުމަތް ފޯރުވައިދިނުމުގައި ދެމިތިބީ ނިސްބަތުން މަދު ފަރާތްތަކެއްކަން ފާހަގަކުރެވޭ. ބްރޯޑްކާސްޓްކުރުމަށް ކޮމިޝަނުން ގިނަ ލައިސަންސްތަކެއް ދޫކުރުކުމުގެ މަޤްޞަދަކަށް ވެފައި އޮތީ، ޤައުމު ބިނާކުރުމަށް ބޭނުންވާ އެކި ދާއިރާތަކެއް ޝާމިލްވާގޮތަށް ތަފާތު ރަހަތަކެއް އެކުލެވިގެންވާ ބްރޯޑްކާސްޓްކުރުމުގެ ސަޤާފަތެއް ދިރުވައި އާލާކުރުމާއި މި ފަދަ ޚިދުމަތްތަކެއް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ލިބިދެވޭ ގޮތެއްގައި ޚިދުމަތް ދިނުމުގައި ދެމިތިބޭ ބްރޯޑްކާސްޓަރުންތަކެއް އުފެއްދުން. ނަމަވެސް ވޭތުވެދިޔަ ތަނުގެ ތަޖްރިބާއަކީ ކޮމިޝަނުން ލައިސަންސް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޝަނުން ލައިސަންސް ހޯދުމަށްފަހު އެކި ސަބަބުތަކާހުރެ ޚިދުމަތް މެދުކަނޑާލާފައިވާ ފަރާތްތަކާއި ޚިދުމަތް ހުއްޓާލާފައިވާ ފަރާތްތަކުގެ ޢަދަދު، ޚިދުމަތް ދޭ ފަރާތްތަކުގެ ޢަދަދަށް ވުރެ ގިނަވެފައި އޮތުން. އެހެންކަމުން ލައިސަންސް ހޯދުމަށްފަހު އެ ލައިސެންސްގެ ބޭނުންނުކުރާ ފަރާތްތަކެއް ގިނަވެގެން ދިއުމަކީ ކޮމިޝަނުން ލައިސަންސް ދޫކުރުމުގެ މަޤްޞަދާ ޚިލާފުކަމެއްކަން ފާހަގަކުރަން. މީގެ އިތުރުން، ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ހޯދުމަށް އެދި ބައެއް ފަރާތްތަކުން ކޮމިޝަނުގައި އެދެމުންދާތީ، އިތުރު ފަރާތްތަކަށް ލައިސަންސް ދިނުމަށް ފުރުޞަތު ހުޅުވާލުމުގެ ކުރިން، މިހާތަނަށް ލައިސަންސް ހޯދުމަށްފަހު ޚިދުމަތް ނުދޭ ފަރާތްތަކުގެ ލައިސަންސްތައް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ބާތިލްކުރުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކޮމިޝަނުން މިހާރު ކުރިއަށް ގެންދާކަމުގައި ފާހަގަކުރަން. އަދި ބްރޯޑްކާސްޓްކުރުމަށް ޝައުޤުވެރިވާ އަދި ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުވައިދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަކީ ކޮމިޝަނުގެ އަމާޒެއްކަމުގައިވެސް މިފުރުޞަތުގައި ދަންނަވަން.

ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓުގެ ޒިންމާދާރުކަމާއި ފެންވަރު ބެލުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމުގައި ވެސް ފާހަގަކުރަން. ޤައުމީ ސަލާމަތާއި ދީނީ ވަޙުދަތަށް ހުރުމަތްތެރިކޮށް ހިތުމަށާއި، އިޖްތިމާޢީ ހަމަޖެހުމަށާއި، ކުއްލި ހާދިސާއާއި ކާރިޘާތަކާ ގުޅިގެން، ޒިންމާދާރުކަމާއެކު ތެދު މަޢުލޫމާތާއި، ކަމާބެހޭ އިދާރާތަކުގެ ލަފަޔާ އިރުޝާދު ހިމަނައި ބްރޯޑްކާސްޓްކުރުމަށް އަބަދުވެސް ކޮމިޝަނުން ދަނީ ބްރޯޑްކާސްޓަރުންނަށް ނަސޭޙަތްތެރިވެ، ބާރު އަޅަމުން. ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި އުސޫލުތަކާ އަދި މިންގަނޑުތަކާ އެއްގޮތަށް ފޮނުވާ ކޮންޓެންޓްކަން ކަށަވަރުކުރުމުގެ ޒިންމާވެސް ކޮމިޝަނުން ދަނީ އުފުލަމުން.

2011 ވަނަ ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް ބްރޯޑްކާސްޓް ދާއިރާއާ ގުޅޭގޮތުން609  ޝަކުވާ ވަނީ ލިބިފައި. މީގެ ތެރެއިން 263 ޝަކުވާ އަކީ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓާ ގުޅުން ހުރި ޝަކުވާ. އަދި  346 ޝަކުވާއަކީ ލައިސަންސްގެ މައްސަލަތަކާ ގުޅުންހުރި ޝަކުވާ. މިހާތަނަށް ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން އަދި ބަލައި ނުނިމި  11  ޝަކުވާއެއްވޭ. އަދި މި މައްސަލަތަކަކީ ލައިސަންސްއާ ގުޅޭ 11 މައްސަލަ.

ކޮމިޝަނުން މި އަހަރު ތެރޭގައި ކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބްރޯޑްކާސްޓްކުރި ކޮންޓެންޓް މޮނިޓަރކޮށް އެ ކަމާ ގުޅޭ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް. ލިބިފައިވާ މަދު ވަސީލާތްތަކާ އެކުގައި ވެސް މި ރިޕޯޓް ނެރުމުގެ މަޤްސަދަކީ، ބްރޯޑްކާސްޓަރުންނަށް އިންތިޚާބު ކަވަރުކުރުމުގައި ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާ އެކު، މިފަދަ، ސިޔަސީ ގޮތުން ވާދަވެރި އިންތިޚާބެއްގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށްވެސް ފުރުސަތު ފަހިކޮށްދިފައި ވޭތޯ ބެލުމާއި، ޢާއްމު ރައްޔިތުން އިންތިޚާބާ ގުޅުން ހުރި ކަންކަމަށް ހޭލުންތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތައް ދެނެގަތުމާއި ސައްޙަ މަޢުލޫމާތު އާޢްމު ރައްޔިތުންނަށް ފޯރުވާފައިވާ މިންވަރު ދެނެގަތުން.

ބްރޯޑްކާސްޓިންގ ދުވަސް މި އަހަރު ފާހަގަކުރާއިރު، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ދިވެހި ރާއްޖޭގެ ސިޔާސީ ވެށި މި ފެންނަނީ ހަމަޖެހުން ޤާއިމްވެފައި ވަނިކޮށް. އާ އުންމީދުތަކެއް ކުރަންފަށައި، ދިރިއުޅުން ހެޔޮގޮތުގައި އާރާސްތުކުރުމަށް ހުރި ފުރުސަތު ތަކުގެ ބޭނުންކުރުމަށް ރައްޔިތުންގެ މި ވަނީ އާ އުންމީދުތަކަކާއެކު ފަށައިގެންފައި. އެހެންކަމުން ޤައުމާއި ޤައުމިއްޔަތު އިސްކޮށް، އިޖުތިމާޢީ ގުޅުންތައް ހަރުދަނާ ކުރުމަށް ބްރޯޑްކާސްޓަރުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އަދާކުރުމަށް މިއަދުވެސް ނަސޭޙަތްތެރިވަން. މި ޤައުމުގެ އަމިއްލަވަންތަކަން ކުރިއަރުވައި، ފުދިގެންވާ މުޖުތަމަޢެއް ބިނާކުރުމަށް ބްރޯޑްކާސްޓަރުންގެ ދައުރުގެ މުހިންމުކަން ދަނެ، ހިތްމަތާއި، ހިކްމަތްތެރިކަމާއެކު، މަސައްކަތްކުރުމަށް އިލްތިމާސް ދަންނަވަން.

ނިންމާލުމުގެ ކުރިން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އެންމެހާ މުވައްޒަފުންނަށް ވެސް ދުވަހުގެ ތަޙުނިޔާ ދަންނަވައި އެ ފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން.”