“ބްރޯޑްކާސްޓަރސް ފޯރަމް” މާދަމާ ފަށަނީ

November 24, 2021

ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކުރާ “ބްރޯޑްކާސްޓަރސް ފޯރަމް”، 25 ނޮވެމްބަރ 2021ގައި ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ދަޢުވަތުދީގެން ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވާ މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ، ބްރޯޑްކާސްޓަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލުހޯދުމަށް ކުރެވިދާނެ ކަންކަމާއި ބްރޯޑްކާސްޓިންގ ދާއިރާގެ ކުރިމަގާ މެދު މަޝްވަރާކުރުމެވެ. އަދި ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށާއި، ކޮމިޝަންގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން، ކޮމިޝަނުން ކުރިއަށް އޮތް އަހަރުގައި ކުރާނެ މަސައްކަތްތަކާއި ހިންގާނެ ހަރަކާތްތަކުގެ މަޢުލޫމާތު ބްރޯޑްކާސްޓަރުންނާ ޙިއްޞާކުރުންވެސް މި ފޯރަމްގައި އޮންނާނެއެވެ.

މީގެ އިތުރުން، ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލައިފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު) އިސްލާޙުކުރުމަށް ބްރޯޑްކާސްޓަރުންގެ ލަފަޔާއި ޚިޔާލު ހޯދުމަށްވެސް މި ފޯރަމްގައި ހަމަޖެހިފައިވެއެވެ.

2011 ވަނަ އަހަރު ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް، ބްރޯޑްކާސްޓްކުރުމަށް 52 ލައިސަންސް ކޮމިޝަނުން ދޫކޮށްފައިވެއެވެ.  މީގެ ތެރޭގައި ހިމެނެނީ 13 ރޭޑިއޯ ޗެނަލާއި 39 ޓީވީ ޗެނަލް ލައިސަންސެވެ.