“ބްރޯޑްކާސްޓަރސް ފޯރަމް” ބާއްވައިފި

November 25, 2021

ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކުރި “ބްރޯޑްކާސްޓަރސް ފޯރަމް” މިއަދު ބާއްވައިފިއެވެ.

މި ފޯރަމް ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވި ގޮތުގައި މި ފަދަ ފޯރަމެއް ބޭއްވުމުގެ މައިގަނޑު މަޤުސަދަކީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިމަގު އުޖާލާކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމާއި، މި ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދުމަށް ކޮމިޝަނާއި ބްރޯޑްކާސްޓަރުން ގުޅިގެން ކުރިއަށްދާނެ ގޮތްތައް ދެނެގަތުމެވެ.

މި ވޭތުވެދިޔަ ދެ އަހަރު ދުވަހު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، އެތައް ގޮންޖެހުންތަކެއް ހުރުމާއެކުވެސް ބްރޯޑްކާސްޓަރުން ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި އަދާކުރައްވާފައިވާ ޒިންމާ ފާހަގަކުރައްވައި، ބްރޯޑްކާސްޓަރުންގެ ކުރިއެރުމާއި ތަރައްޤީއަށް ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ކޮމިޝަންގެ ރައީސް ދެއްވިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް މަގުފަހިކުރުމަށާއި ބްރޯޑްކާސްޓަރުންނަށް މާލީ އެހީއާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޓްރަސްޓް ފަންޑެއް ޤާއިމްކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާކަމުގައިވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

މިއަދުގެ މި ފޯރަމްގެ ފުރަތަމަ ބައިގައި ކުރިއަށްގެންދިޔައީ ބްރޯޑްކާސްޓިންގ ދާއިރާއަށް މިހާރު ކުރިމަތި ވެފައިވާ ގޮންޖެހުންތައް އަދި އެކަންކަން ހައްލު ކުރުމަށް ކޮމިޝަނުންނާއި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރުމެވެ.

މިގޮތުން، ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެކަމަށް ފެންނަ ބައެއް ކަންތައްތަކާއި މިކަންތައްތައް ކުރުމަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކާއި، މިގޮންޖެހުންތަކުން އަރައިގަތުމަށް ނުވަތަ މަދުކުރުމަށް ކުރެވިދާނެ ކަމަށް ފެންނަ ކަންތައްތައް ގްރޫޕް މަޝްވަރާތަކަށް ފަހު ލިޔުމުން އެކުލަވާލާފައިވެއެވެ. އަދި ބްރޯޑްކާސްޓްކުރުމުގައި ތަމްރީންގެ ފުރުސަތުތައް ބޭނުންވާ ދާއިރާތައްވެސް ގްރޫޕް މަޝްވަރާތަކުން އެކަށައަޅާފައިވެއެވެ.

ބްރޯޑްކާސްޓަރުން މިހާރު ޢަމަލުކުރަމުންދާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު) އިތުރަށް ހަރުދަނާކޮށް، އިސްލާޙުކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާވެސް މިއަދުގެ މި ފޯރަމްގައި ހޯދާފައިވެއެވެ.

މީގެއިތުރުން، ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށާއި، ކޮމިޝަންގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން، ކުރިއަށް ހުރި ހަރަކާތްތަކާއި، ކޮމިޝަނުން ކުރިއަށް އޮތް އަހަރުގައި ކުރާނެ މަސައްކަތްތަކާއި ހިންގާނެ ހަރަކާތްތަކުގެ މަޢުލޫމާތު ބްރޯޑްކާސްޓަރުންނާ ޙިއްޞާކުރުންވެސް މިއަދު އޮތެވެ.

މި ފޯރަމް ނިންމުމުގެ ގޮތުން ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު ގައިސް ދެއްކެވި ވާހަކަފުޅުގައި، މި ފޯރަމް މިހާ ކާމިޔާބުކަމާއެކު ބޭއްވުމަށް ބްރޯޑްކާސްޓަރުން ދެއްވި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް އިތުރު ކުރިއެރުން ލިބިގެންދާނީ ކޮމިޝަނާއި ބްރޯޑްކާސްޓަރުންނާއި ކަމާގުޅޭ އެންމެހާ ފަރާތްތައް އެކުގައި ކުރާ މަސައްކަތުންކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ދާއިރާގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ހުރިހާ ބްރޯޑްކާސްޓަރުން އިތުރު އެއްބާރުލެއްވުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ބްރޯޑްކާސްޓަރުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން “ބްރޯޑްކާސްޓް އެވޯޑް” ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ނައިބު ރައީސް މި ބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެކު، ބްރޯޑްކާސްޓްކުރުމުގެ މީޑިއަމްތައް އިތުރުވަމުންދާތީ، ބްރޯޑްކާސްޓް ކޮންޓެންޓް މޮނިޓަރކުރުމުގައި ހުރި ގޮންޖެހުންތަކަށް ވެސް ކޮމިޝަންގެ ނައިބު ރައީސް އަލިއަޅުވާލެއްވިއެވެ.

ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ދަޢުވަތު ދިން މި ފޯރަމްގައި ބައިވެރިވެފައިވާ ބްރޯޑްކާސްޓަރުންނަކީ، ޕަބްލިކް ސަރވިސް މީޑިއާ، ވީ މީޑިއާ، މޯލްޑިވްސް ބިޒްނަސް ނެޓްވާރކް، އެމް.ވީ. ޓީ.ވީ، ޗެނަލް 13، އަލްކައުން، ނެކްސްޓް ޓީވީ، ޗެނަލް އޯޝަން، ދަރިވަރު ޗެނަލް އަދި ދާރިސް ޓީވީއެވެ.