ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު އިސްލާހުކޮށްފި

January 18, 2022

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް އިސްލާހުތަކެއް ގެނައުމަށްފަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ.

މި ދެ ގަވާއިދަށް ގެނައި މި އިސްލާހުތަކަކީ، ގަވާއިދުތައް އިސްލާހުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރަމުންދާ މަސައްކަތުކުގެ ދަށުން، ބްރޯޑްކާސްޓަރުންނާއި، ރީބްރޯޑްކާސްޓަރުންނާއި، އާންމުންގެ ޚިޔާލުހޯދުމަށް ހުޅުވާލައި، ލިބިފައިވާ ޚިޔާލުތައް ހިމެނުމަށްފަހު އިސްލާހުކޮށްފައިވާ ދެ ގަވާއިދެވެ.

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު އިސްލާހުކުރުމުގެ މައިގަނޑު މަޤްސަދުތަކަކީ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްހަމައެއްގައި ޚިދުމަތްތައް ދިނުމުގެ ގޮތުން، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް އެންމެންނަށް ޚަބަރާއި މަޢުލޫމާތު ފެތުރުމާއި، އުނގެނުމުގެ ފުރުޞަތާއި، މުނިފޫހިފިލުވުމުގެ ފުރުޞަތު އިތުރުކޮށްދިނުމެވެ. އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަށީގެންވާ އަގެއްގައި އެ ޚިދުމަތް ލިބޭނެ ވާދަވެރި މާޙައުލެއް އުފެއްދުމާއި، ބްރޯޑްކާސްޓްކުރުމާއި، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާއިރު، އުފެދޭ ޝަކުވާތައް ބަލައި، އެކަންކަން ޙައްލުކޮށްދިނުމުގެ ހަރުދަނާ ނިޒާމެއް އެކަށައެޅުންވެސް ހިމެނެއެވެ.

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނެސްފައިވާ މުހިންމު އިސްލާޙުތަކުގެ ތެރޭގައި، ބްރޯޑްކާސްޓަރުން ދައްކަންޖެހޭ ބްރޯޑްކާސްޓްކުރުމުގެ އަހަރީ ފީއަށް ގެނެސްފައިވާ ހެޔޮ ބަދަލާއި، ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުމަށް ބާރު އެޅުމުގެ ގޮތުން، އޯ.ޓީ.ޓީ. ލައިސަންސް ތަޢާރަފުކުރުންވެސް ހިމެނެއެވެ. އަދި ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގައި ގިނަ ބައެއްގެ ބައިވެރިވުން އޮތުމަށް ބާރު އަޅާ މާއްދާތައް ހިމަނާފައިވެއެވެ.

މި ދެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު މި ދެ ގަވާއިދުގެ ދަށުން ކުރުމަށް ލާޒިމުކުރާ އެންމެހައި ކަންކަން ކުރުމަށް ސަމާލުކަން ދިނުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށާއި ރީބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރެއެވެ.