ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމާގުޅޭ ގޮތުން ހުރި މައްސަލަތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މުލަކަތޮޅުގެ ކައުންސިލްތަކުގެ އިސް ވެރީންނާ ކޮމިޝަނުގެ ރައީސް ބައްދަލުކުރައްވައިފި

August 12, 2017

މުލަކަތޮޅުގެ ރަށްތަކުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމުގައި ފާހަގަކުރެވިފައިވާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މުލަކަތޮޅުގެ ކައުންސިލްތަކުގެ އިސްވެރީންނާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ބައްދަލުކުރައްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ މުލީގައި ހުންނަ މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުކީ، މުލަކަތޮޅު އަދަބީ ޢީދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެ އަތޮޅުގެ މުލީއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް ބޭއްވެވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މުލަކަތޮޅު ކައުންސިލްގެ އިތުރުން މުލީ، މަޑުއްވަރީ އަދި ދިއްގަރުގެ ކައުންސިލްތަކުގެ ވެރީން އަދި މުލަކަތޮޅު ޕޮލިސް ސްޓޭޝަނުގެ ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ރާއްޖޭގެ އެކި ރަށްރަށުގައި ދިނުމުގައި ފާހަގަކުރެވިފައިވާ މައްސަލަތަކާ ބެހޭގޮތުން ކޮމިޝަނުން މައުލޫމާތު ހިއްސާކުރިއެވެ. މީގެ ތެރޭގައި، ގަވާއިދާ ޚިލާފަށް ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރުމާއި ޗެނެލް ރައިޓްސް ނެތި އެއާޓެލް ފަދަ ސެޓެލައިޓް މެދުވެރިކޮށް ޚިދުމަތްދޭ ފަރާތްތަކުން ދޫކުރާ ޗެނެލްތައް ރީބްރޯޑްކާސްޓްކުރުން ހިމެނެއެވެ.  އެއާޓެލްގެ ޗެނެލްތައް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ރައިޓްސް ރާއްޖޭގެ އެއްވެސް ފަރާތަކަށް އެއާޓެލުން ދީފައިނުވާކަން ވެސް މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ފާހަގަކުރިއެވެ. މުލަކަތޮޅުގެ 4 ރަށަކަށް ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ކޮމިޝަނުން މިހާތަނަށް ދޫކޮށްފައި ވާނީ 5 ފަރާތަކަށް ކަމާއި މުލަކަތޮޅުގައި ހިމެނޭ އެހެން ރަށްތަކުގައި ވެސް ރީބްރޯޑްކާސްޓްކުރަމުން ދާނަމަ ގަވާއިދާ އެއްގޮތަށް ލައިސަންސް ހޯދައިގެން އެ ޚިދުމަތް ދިނުމަށް ބާރު އަޅައިދެއްވުމަށާއި އަދި ރީބްރޯޑްކާސްޓިންގ އާ ގުޅިގެން ފާހަގަކުރި މި މައްސަލަތައް ހައްލުކުރުމަށް ކައުންސިލްތަކުގެ އެއްބާރުން ދެއްވުމަށް ވެސް ކޮމިޝަނުގެ ރައީސް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި، ކައުންސިލްތަކުގެ ފަރާތުން ވެސް މި ޚިދުމަތް ދިނުމުގެ އުސޫލުތަކާ ބެހޭ މައުލޫމާތު ދެއްވީތީ ކޮމިޝަނަށް ޝުކުރުދަންނަވައި އަދި ރީބްރޯޑްކާސްޓްކުރާ ފަރާތްތަކަށް ފޮނުވާ އެކި އެންގުންތަކުގެ މައުލޫމާތު އެ ފަރާތްތަކަށް ވެސް ކޮމިޝަނުގެ ފަރާތުން ހިއްސާކޮށް ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. އަދި ކޮމިޝަނުގެ މަސައްކަތައް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

މި ބައްދަލުވުމުގައި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ޚިދުމަތް ދޭ ފަރާތްތަކުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ވެސް ހިއްސާކުރެވުނެވެ.

މި ބައްދަލުވުމުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނާއިބު ރައީސް މުޙައްމަދު އަސްލަމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.