ޚަބަރުތައް ގެނެސްދިނުމުގައި ޚާއްޞަ މަސްލަހަތަށް ވުރެ އާންމު މަސްލަހަތު އިސްކުރުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ގޮވާލައިފި

October 4, 2017

ޚަބަރުތައް ގެނެސްދިނުމުގައި ޚާއްޞަ މަސްލަހަތަށް ވުރެ އާންމު މަސްލަހަތު އިސްކުރުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ގޮވާލައްވައިފިއެވެ.

ކޮމިޝަންގެ ރައީސް މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން، ކޮމިޝަންގެ ރައީސް ފާހަގަކުރެއްވިގޮތުގައި، އިންސާނީ ކަރާމާތަކީ އަގު މާތް އެއްޗެއް ކަމަށާއި، ބްރޯޑްކާސްޓަރުންނަކީ އިންސާނީ ކަރާމާތް ފަނާކޮށްލާ ބަޔަކަށް ނުވުމަށް ތަކުރާރުކޮށް އިލްތިމާސްކުރެއްވިއެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ޤާނޫނާއި އެ ޤާނޫނުތަކުގެ ދަށުން ހެދިފައިވާ އެންމެހާ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށްވެސް ބްރޯޑްކާސްޓަރުންގެ ކިބައިން ކޮމިޝަންގެ ރައީސް އެދިވަޑައިގެންނެވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، ކޮމިޝަންގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މީހުން ބިނާކުރުމުގެ މަސައްކަތް ކަމަށާއި، މި ގޮތުން ދިވެހި ނޫސްވެރިކަމުގެ ވެށީގައި އިސްލާމް ދީނާއި ދިވެހި ބަހާއި ޤައުމިއްޔަތު އަށަގެންނެވުމަށާއި މިކަންކަން ދެމެހެއްޓުމުގެ މަޤްޞަދުގައި ކޮމިޝަނާއި، ދިވެހިބަހުގެ އެކެޑަމީ، މޯލްޑިވްސް މީޑިއާ ކައުންސިލް، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އަދި ޕަބްލިކް ސަރވިސް މީޑިއާ އެކު ސޮއިކުރެވުނު ފަހުމުނާމާގެ މަޢުލޫމާތު ދެއްވިއެވެ. މި ޕްރޮގްރާމްގެ ތެރެއިން ބްރޯޑްކާސްޓިންގ ދާއިރާގައި ހަރަކާތްތެރިވާ ނޫސްވެރީން ތަމްރީނުކޮށް ކުރިމަގުގައި ސްޓޭޝަންތަކުގައި މަސައްކަތްކުރާ ނޫސްވެރީންނަކީ އެކްރެޑިޓްކުރެވިފައިވާ ބަޔަކަށް ހެދުމަށް މަސައްކަތްކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ޖަޕާނު ސަރުކާރުގެ އެހީގައި ދިވެހި ސަރުކާރުން ޤާއިމުކުރުމަށް ނިންމާފައިވާ ޑިޖިޓަލް ޓެރެސްޓްރިއަލް ބްރޯޑްކާސްޓިންގ ނެޓްވަކްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެކަމަށާއި، މި ނެޓްވާކް މެދުވެރިކޮށް ބްރޯޑްކާސްޓަރުންނަށް އަގުހެޔޮކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ޚިދުމަތް ފޯރުވައިދިނުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވެ، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްޤީއަށް ކުރަމުންދާ އިތުރު ގިނަ މަސައްކަތްތަކެއްގެ މަޢުލޫމާތުވެސް މި ނޫސް ކޮންފަރެންސްގައި ކޮމިޝަންގެ ރައީސް ދެއްވިއެވެ.

މި ނޫސް ކޮންފަރެންސްގައި، ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމުގެ ދަށުން ކޮމިޝަނުން ބަލައިފައިވާ ޝަކުވާތަކާއި ގުޅޭ ދިރާސާ ރިޕޯޓް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ނެރެދެއްވިއެވެ.

މި ދިރާސާގައި ހިމެނެނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ބްރޯޑްކާސްޓިންގ ސްޓޭޝަން ތަކުން ޚިލާފުވި ކަމަށް ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ޚިލާފުވެފައިވާ މިންވަރާއި އެހަމަތަކާ ޚިލާފުވެފައިވާ ސްޓޭޝަންތަކުގެ މައުލޫމާތެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި ކޮމިޝަންގެ ރައީސްގެ އިތުރުން، ނައިބު ރައީސް މުޙައްމަދު އަސްލަމާއި، ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙު ބައިވެރިވެވަޑައިގަތެވެ.