އީ.ޔޫ.ގެ އިލެކްޝަން އެކްސްޕާޓް މިޝަނުން ކޮމިޝަނާ ބައްދަލުކޮށްފި

March 27, 2019

މި އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާރވް ކުރެއްވުމަށް ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން ގެ އިލެކްޝަން އެކްސްޕާރޓް މިޝަނުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ބައްދަލުކޮށްފިއެވެ.

މިއަދު ހެނދުނު ކޮމިޝަންގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ކޮމިޝަންގެ ތަޢާރަފަކާއި، ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ބްރޯޑްކާސްޓްކުރާ ކޮންޓެންޓް މޮނިޓަރކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުވެސް އީ.ޔޫ.ގެ މިޝަނާ ކޮމިޝަނުން ޙިއްސާކުރިއެވެ.

ވޭތުވެދިޔަ އިންތިޚާބުތަކުގައި މޮޏީޓަރކުރުމުގެ މަސައްކަތް ދިޔަ ގޮތާ ގުޅޭގޮތުން، މި ބައްދަލުވުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު، މަޢުލޫމާތު ދެއްވިއެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް ފާހަގަކުރެއްވިގޮތުގައި، މޮނިޓަރިންގެ މަސައްކަތްކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް ނެތުމާއި މުވައްޒަފުންގެ ދަތިކަން ކަމުގައެވެ.

ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން، މިބައްދަލުވުމުގައި ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި ކޮމިޝަނަރ ޙަސަން ނަބާހާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙާއި ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް ޢާއިޝަތު ޝާހީން ބައިވެރިވެވަޑައިގަތެވެ.