“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް”ގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރައްވައި، މި ޙަފްލާ ޝަރަފްވެރިކޮށްދެއްވުމަށް ކޮމިޝަނުން ދަޢުވަތު އަރުވައިފި

June 13, 2022

ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާޢަތުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަޢާރަފްކުރާ “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް”ގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކޮމިޝަނުން އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރްޔަމް ވަހީދާ ވަނީ މިއަހަރުގެ އެވޯޑް ޙަފްލާ ބޭއްވުމަށް ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރައްވައި، މި އެވޯޑް ޙަފްލާ ޝަރަފްވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑާ ބެހޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވުމަށްފަހު، ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކޮމިޝަން އިދާރީ ގޮތުން ހިންގުމަށް ހުރި ދަތިކަމާ އަދި ކޮމިޝަންގެ ޤާނޫނީ ޒިންމާއަދާކުރުމަށްޓަކައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު އިޞްލާޙް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ކޮމިޝަން މެމްބަރުން ރައީސުލްޖުމްހޫރިއްޔާއާ މިބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.

ކޮމިޝަނަށް ކޮންމެ އަހަރަކު ފާސްކުރާ ބަޖެޓަކީ މުސާރަދިނުމަށާއި އޮފީސް ހިންގުމަށްދެވޭ ކުޑަ ބަޖެޓެއްކަމުން ދާއިރާގެ ތަރައްޤީއަށާއި ކޮމިޝަންގެ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލާފައިވާ ކޮމިޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ޕޮލިސީތަކާއި ސްޓެރެޓެޖީތައް ހިންގުމަށް ޚަރަދުކުރާނެ ބަޖެޓެއް އެއްވެސް އަހަރަކު ނުލިބޭ ކަމުގައި ކޮމިޝަން މެމްބަރުން ފާހަގަކުރެއްވިއެވެ.

އެކަށީގެންވާ ބަޖެޓެއް ލިބިފައިނެތުމުން، ހިންގުމަށް ގޮންޖެހުންތަކެއް ހުރުމާއެކުވެސް، ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ދާއިރާގެ ތަރައްޤީއަށް ކޮމިޝަނުން ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ތަފްސީލު، ކޮމިޝަންގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާއަށް މިބައްދަލުވުމުގައި ދެއްވިއެވެ.

މިގޮތުން، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު އިސްލާޙްކުރުމާއި، އިސްލާޙްކޮށްފައިވާ ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ ބެހޭ މަޢުލޫމާތާއި، ގަވާއިދާ ޚިލާފަށް ރަށްރަށާއި ރިސޯޓްތަކުގައި ރީބްރޯޑްކާސްޓިންގ ޚިދުމަތް ދެމުންދާތީ، އެމައްސަލަތައް ބެލުމުގައި ހުރި ގޮންޖެހުންތަކުގެ ތަފްސީލުވެސް މިއަދުގެ ބައްދަލުވުމުގައި ކޮމިޝަން މެމްބަރުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ފާއިތުވި ތިން އަހަރު ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށްފަހު، މިއަހަރުގެ އިންޑެކްސްގައި 15 ދަރަޖަ ދަށަށް ދިވެހިރާއްޖެ ވެއްޓިފައިވާތީ، އެކަމުގެ ކަންބޮޑުވުންވެސް މިއަދުގެ ބައްދަލުވުމުގައި ކޮމިޝަން މެމްބަރުން ފާޅުކުރެއްވިއެވެ.

މިނިވަން ނޫސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަކީ ކޮމިޝަންގެ އެންމެ މުހިންމު އެއް މަސްޢޫލިއްޔަތުކަން ފާހަގަކުރައްވައި، ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިން ތަމްރީންކުރުމަކީ ކޮމިޝަންގެ މިދައުރުގައި އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތްކަމަށާއި، ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ތަމްރީންތައް ހިންގުމަށްޓަކައި މި ދާއިރާ ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ އެކި ފަރާތްތަކާއި، ރާއްޖޭގައި ހުންނަ ބޭރު ޤައުމުތަކުގެ މިޝަންތަކާ އަދިވެސް ކަމާގުޅޭ ގިނަ ފަރާތްތަކަކާ އެކު މަސައްކަތްކުރަމުންދާކަމަށް ކޮމިޝަން ރައީސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ޙިއްސާކުރި ކަންބޮޑުވުންތަކަށް ދާއިމީ ޙައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް” ޝަރަފްވެރިކޮށްދެއްވައި ބައިވެރިވެވަޑައިގެންނެވުމުގެ ދަޢުވަތު ޤަބޫލުފުޅު ކުރެއްވިއެވެ.

ކޮމިޝަންގެ ރައީސް މަރްޔަމް ވަހީދާގެ އިތުރުން، މި ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު ގައިސްއާއި ކޮމިޝަނަރ އަމްޖަދު ވަޙީދާއި ކޮމިޝަނަރ ޢަލީ ޔޫސުފާއި ކޮމިޝަނަރ އާމިނަތު އަމީނާ އާއި ކޮމިޝަނަރ ޝިފްލާ އިބްރާހީމާއި ކޮމިޝަނަރ މުޙައްމަދު ފަޒީން އަދި ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ބައިވެރިވެވަޑައިގަތެވެ.