އަހަރީ ރިޕޯޓް ހުށަނާޅާ ބްރޯޑްކާސްޓަރުންނަށް ރިޕޯޓްހުށަހެޅުމަށް އެންމެ ފަހު ފުރުސަތު ދީފި

July 29, 2013

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ 9 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފާއިތުވި އަހަރުގެ ސްޓޭޝަން ހިންގި ގޮތުގެ އަހަރީ ރިޕޯޓް ހުށަނާޅާ ބްރޯޑްކާސްޓަރަރުންނަށް ރިޕޯޓް ހުށެހެޅުމަށް އެންމެ ފަހު ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދީފިއެވެ.

މި ގޮތުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެމަތީން 2012ވަނަ އަހަރުގެ އަހަރީ ރިޕޯޓް 12 އޯގަސްޓް 2013ވާ ހޯމަ ދުވަހުގެ 15:00ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ. އަހަރީ ރިޕޯޓް ހުށަހެޅުމަށް ކޮމިޝަނުން ވަނީ މީގެ ކުރިންވެސް ދެފަހަރެއްގެ މަތީން ސަރކިއުލަރއަކުން ބްރޯޑްކާސްޓަރުންނަށް އަންގާފައެވެ. ނަމަވެސް ބްރޯޑްކާސްޓް ލައިސަންސް ދޫކޮށްފައިވާ ބައެއް ފަރާތްތަކުން މިހާތަނަށް ވަނީ 2012 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަނާޅައެވެ.

އަދި 12 އޯގަސްޓް 2013 ވަނަ ދުވަހާއި ހަމައަށް އަހަރީ ރިޕޯޓު ހުށަނާޅާ ފަރާތްތަކާ މެދު ޤާނޫނާއި ގަވައިދުގައިވާ ގޮތުގެމަތީން ފިޔަވަޅުއަޅާނޭ ކަން ވެސް ކޮމިޝަނުން ވަނީ އަންގާފައެވެ.