ރާއްޖޭގެ ބްރޯޑްކާސްޓަރުން ޗައިނާގައި ތަމްރީނު ކުރުމާ ގުޅޭގޮތުން ސީސީޓީވީއާ އެކު ކޮމިޝަނުން މަޝްވަރާކުރައްވައިފި

November 10, 2016

cctv-featureރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ބޭނުންވާ އެންމެހާ ތަމްރީނުތައް ހަމަޖެއްސުމަށް ދޭންޖެހޭ އެއްބާރުލުމާއި ޤާއިމްކުރަންޖެހޭ ގުޅުންތަކާ ބެހޭގޮތުން ސީސީޓީވީއާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކުރައްވައިފިއެވެ.

ސީސީޓީވީގެ ވައިސް ޕްރެޒިޑެންޓް މރ. ޖިއާން ވެންބޯ އާއި އެތަނުގެ އެހެން އިސްވެރިންނާއެކު ބޭއްވެވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ފާހަގަކުރެއްވި ގޮތުގައި، ތަޖުރިބާ ހުރި ފަންނީ މީހުން ނެތުމަކީ ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އެހެންކަމުން ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ކުރިއެރުމަށް ޗައިނާ ސަރުކާރާއި ސީސީޓީވީގެ އެހީތެރިކަމާއި އެއްބާރުލުމަށް ކޮމިޝަންގެ ރައީސް މި ބައްދަލުވުމުގައި އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ޚުލާސާ އަކާއި، އެ ދާއިރާގެ ތަރައްޤީއަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ދެއްވައި، އަދި ދިމާވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވެސް ސީސީޓީވީގެ އިސްވެރިންނާ ޙިއްސާކުރެއްވިއެވެ.

އަދި މިހާރު ބީޖިން އަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ވަފުދަށް ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ ޚާއްސަ މެހެމާންދާރީ ފާހަގަކުރައްވައި، ޗައިނާ ސަރުކާރަށް ވަރަށް ޚާއްސަ ޝުކުރެއް ކޮމިޝަންގެ ރައީސް ދެންނެވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ސީސީޓީވީގެ ވައިސް ޕްރެޒިޑެންޓް މރ. ޖިއާން ވެންބޯ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށް އެފަރާތުން ވެދެއްވެން އޮތް އެހީތެރިކަމާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވައި އަދި ޗައިނާ ސަރުކާރުގެ އެހީގެ ދަށުން މިފަދަ ތަމްރީނުތައް ހަމަޖެއްސުމަށް ޢަމަލުކުރަންޖެހޭ ގޮތްތަކާ ބެހޭ މަޢުލޫމާތު ވަނީ ދެއްވާފައެވެ. އަދި ދެ ފަރާތުން ބްރޯޑްކާސްޓިންގ ދާއިރާއިން އެބާރުލުމާ ގުޅޭގޮތުން ޤާއުމްކުރަންޖެހޭ ގުޅުންތަކާ ބެހޭގޮތުން ވެސް ކޮމިޝަނުގެ ވަފުދާއެކު މަޝްވަރާކުރެއްވިއެވެ.

 cctvplusމޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ވަފުދު މިއަދު ހެނދުނު ވަނީ ސީސީޓީވީ ޕްލަސްއަށް ޒިޔާރަތްކުރައްވައި، އެތަނުގެ ސްޓޫޑިއޯތަކުގެ މަސައްކަތްތަކާއި ޓެކްނިކަލް މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯއްދައިވައިފަ އެވެ. އަދި އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ކުރިއެރުމަށް އެފަރާތުން ދެއްވެން އޮތް އެހީތެރިކަމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ސީސީޓީވީ ޕްލަސް އަކީ ޗައިނާގައި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުންދާ ވީޑިއޯ ނިއުސް އެޖެންސީއެކެވެ. އަދި ސީސީޓީވީ ޕްލަސްގެ ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްގެ ދަށުން ނިއުސް އެޖެންސީތަކަށް ވީޑިއޯ ނިއުސް ފޯރުވައިދިނުމުގެ ޚިދުމަތް ވެސް ދެމުންދާ ފަރާތެކެވެ.

monitoringމީގެ އިތުރުން، މިއަދު ކޮމިޝަނުގެ ވަފުދު ވަނީ ޗައިނާގެ ލޯކަލް ކޮންޓެންޓް މޮނިޓަރިން ސެންޓަރަށް ޒިޔާރަތްކޮށް އެތަނުގައި ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ.

ޗައިނާ ދަތުރުގައި ބައިވެރިވާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން ނައިބު ރައީސް މުހައްމަދު އަސްލަމާއި، ކޮމިޝަނަރ އާމިނަތު ސަރާޙަތު އިއްޒަތާއި، ކޮމިޝަނަރ ޙަސަން ނަބާހާއި، ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި، ކޮމިޝަނަރ އިސްމާޢީލް ސަފްވާނާއި ކޮމިޝަންގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އަހުމަދު އަރުޝަދު އަލީއާ ކޮމްޕްލެއިންޓްސް ކޯޑިނޭޓަރ ޙައްވާ ޒާހިރާ އެވެ.