ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދެމުންދާ ގޮތާ ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް ކޮމިޝަނުން ދެ ރީބްރޯޑްކާސްޓަރަކާ ބައްދަލުކޮށްފި

October 13, 2016

dhiraagu-featureރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން މި ޚިދުމަތް ދެމުންދާ ގޮތާއި އަދި މި ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ދަށުން، މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ދިރާގާއި ޕްލޭކާސްޓް ޕްރައިވެޓް ލިމިޓެޑާ ކޮމިޝަނުން މިއަދު ބައްދަލުކޮށްފިއެވެ.

ކޮމިޝަންގައި ވަކި ވަކިން ބޭއްވި މި ދެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ފާހަގަކުރެއްވިގޮތުގައި ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމަށާއި، ވާދަވެރި މާޙައުލެއް ޤާއިމުކުރުމަށް ކޮމިޝަނުން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ރީބްރޯޑްކާސްޓިންގގެ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތެއް ޢާންމުންނަށް ދިނުމަށާއި، ކޮމިޝަނުން މި ސިނާޢަތު ކުރިއެރުވުމަށް އެކަށައަޅާފައިވާ ސިޔާސަތާ އެއްގޮތަށް ޚިދުމަތް ދިނުމަށް ކޮމިޝަންގެ ރައީސް މި ބައްދަލުވުމުގައި އެދިވަޑައިގެންނެވިއެވެ.

ރީބްރޯޑްކާސްޓިންގގެ ޚިދުމަތް މިހާރު ދެމުންދާ ގޮތާއި، މި ޚިދުމަތް ފުޅާކުރުމުށާއި އަދި މި ޚިދުމަތާއެކު ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ އެހެނިހެން ކަންކަމާ ބެހޭ މަޢުލޫމާތުވެސް ދިރާގާއި ޕްލޭކާސްޓް ޕްރައިވެޓް ލިމިޓެޑުން މި ދެ ބައްދަލުވުމުގައި ކޮމިޝަނާ ޙިއްސާކުރިއެވެ.

މި ބައްދަލުވުންތަކުގައި ކޮމިޝަންގެ ރައީސްގެ އިތުރުން، ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ކޮމިޝަނަރ ޙަސަން ނަބާޙުއާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙު ބައިވެރިވެވަޑައިގަތެވެ.