ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދެމުންދާ ގޮތާ ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް ކޮމިޝަނުން މީޑީއާނެޓާ ބައްދަލުކޮށްފި

October 16, 2016

medianet-featureރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން މި ޚިދުމަތް ދެމުންދާ ގޮތާއި އަދި މި ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ދަށުން، މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ މީޑިއާނެޓާ އެކު ކޮމިޝަނުން މިއަދު ބައްދަލުކޮށްފިއެވެ.

ކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ފާހަގަކުރެއްވިގޮތުގައި ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމަށާއި، ވާދަވެރި މާޙައުލެއް ޤާއިމުކުރުމަށް ކޮމިޝަނުން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ރީބްރޯޑްކާސްޓިންގގެ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތެއް ޢާންމުންނަށް ދިނުމަށާއި، ކޮމިޝަނުން މި ސިނާޢަތު ކުރިއެރުވުމަށް އެކަށައަޅާފައިވާ ސިޔާސަތާ އެއްގޮތަށް ޚިދުމަތް ދިނުމަށް ކޮމިޝަންގެ ރައީސް މި ބައްދަލުވުމުގައި އެދިވަޑައިގެންނެވިއެވެ.

ރީބްރޯޑްކާސްޓިންގގެ ޚިދުމަތް މިހާރު ދެމުންދާ ގޮތާއި، މި ޚިދުމަތް ފުޅާކުރުމުށާއި އަދި މި ޚިދުމަތާއެކު ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ އެހެނިހެން ކަންކަމާ ބެހޭ މަޢުލޫމާތުވެސް މީޑިއާނެޓުން މި ބައްދަލުވުމުގައި ކޮމިޝަނާ ޙިއްސާކުރިއެވެ.

މި ބައްދަލުވުންތަކުގައި ކޮމިޝަންގެ ރައީސްގެ އިތުރުން، ނައިބު ރައީސް މުޙައްމަދު އަސްލާމާއި ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ކޮމިޝަނަރ ޙަސަން ނަބާޙުއާއި ކޮމިޝަނަރ އިސްމާޢީލް ޞަފްވާނާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙު ބައިވެރިވެވަޑައިގަތެވެ.