އަޑުގެ އޭ.އެމް ފްރިކުއެންސީ ހުއްޓުވުމުގެ ބަދަލުގައި އެންޓަނާތައް އެހެން ތަނަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދެއްވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވައިފި

May 15, 2013

ދިވެހިރާއްޖޭގެއަޑުގެ މީޑިއަމް ވޭވް ފްރިކުއެންސީ އިން ބްރޯޑްކާސްޓްކުރުން ހުއްޓުވުމަށް މަސައްކަތްކުރުމަކީ ރައްޔިތުންނަށް ލިބިދީފައިވާ މައުލޫމާތު ލިބިގަތުމުގެ ހައްޤަށް އުނިކަމެއް އަންނާނެ ކަމެއް ކަމަށާއި އަދި އެ ފްރިކުއެންސީ ހުއްޓުވުމުގެ ބަދަލުގައި އެންޓަނާތައް އެހެން ތަނަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދެއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން އަށް ލަފާ އަރުވައިފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއަރުވައިފައި މި ވަނީ ލޮނުޒިޔާރާތްކޮޅުގައި ހުރި ދިވެހިރާއްޖޭގެއަޑުގެ އެންޓަނާތަކާއި ޓްރާންސްފޯމަރުތަކުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ސިއްހީ މައްސަލަތަކާ ދިމާވާކަން ދިރާސާތަކުން ދައްކާފައިވާތީ ކަމަށް ބުނެ، ދިވެހިރާއްޖޭގެ އަޑުން ބޭނުންކުރާ 1449 މެގަހާޓްސް މީޑިއަމް ވޭވް ފްރިކުއެންސީ ހުއްޓާލެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް 30 އެޕްރީލް 2013 ގައި ބޭއްވެވި ވަޒީރުންގެ މަޖިލިހުން ނިންމަވައި، ހަމަޖައްސަވަންޖެހޭ ކަންކަން ހަމަޖެއްސެވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަށް 2 މޭ 2013 ގައި އަންގަވައިފައިވާ ސިޓީގެ ކޮޕީ ކޮމިޝަނަށް ލިބުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވި ސިޓީއެއްގަ އެވެ.

ތިރީގައި މި ވަނީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން އަށް 9 މޭ 2013 ގައި ފޮނުއްވައިފައިވާ ސިޓީގެ މުހިންމު ބައިތަކެވެ.

“މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.ބީ.ސީ) އިން ހިންގާ “ދިވެހި ރާއްޖޭގެއަޑު”ގެ 1449 މެގަހާޓްޒް މީޑިއަމް ވޭވް ފްރިކުއެންސީ ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހަވާލާ ދެވުނު ސިޓީއިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނަށް އަންގަވާފައިވާތީ މި ކަމާ ގުޅޭގޮތުން މި ކޮމިޝަނުގެ ކަންބޮޑުވުންތަކެއް ހުރުމާއެކު، އަދި ޤާނޫނު ނަމްބަރ 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ބަޔާންކުރާ މަޤްސަދުތައް ހާސިލްކުރުމަށް މަސައްކަތްކުރުމަކީ މި ކޮމިޝަނުން ކުރަންޖެހޭ ކަމެއްކަން އެނގެން އޮންނާތީ އާއި ބްރޯޑްކާސްޓިންގ ދާއިރާއާ ބެހޭ މައްސަލަތަކުގައި ސަރުކާރަށް ލަފާ ދިނުމަކީ އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ބ) ގައި މި ކޮމިޝަނުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ހިނދު، މި މައްސަލައާ މެދު މި ކޮމިޝަނުން ދެކޭގޮތުގެ ލަފައެއް އެރުވުމަށް މި ފުރުޞަތުގެ ބޭނުން ކުރަމެވެ.

“ދިވެހި ރާއްޖެއަށް ރޭޑިއޯގެ ޚިދުމަތް ދޭން ފެށީއްސުރެ އެ ޚިދުމަތް ދިނުމަށް ބޭނުންކުރާ މީޑިއަމް ވޭވް ފްރިކުއެންސީ ކުއްލި ގޮތަކަށް ހުއްޓާލުމަށް ނިންމަވާފައިވުމާއެކު އެ މައްސަލަ ދިރާސާކުރުމުން ތިރީގައިވާ ނުކުތާތައް މި ކޮމިޝަނަށް ފާހަގަކުރެވެއެވެ.

  1. ރާއްޖޭގެ އެކި ހިސާބުތަކަށް ޚިދުމަތް ދޭނޭ ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދިނުމާއި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ އެންމެހައި ކަންކޮޅުތަކަށް ބްރޯޑްކާސްޓިންގގެ ޚިދުމަތް ފޯރުވައިދިނުމަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ މަޤްޞަދުގައި ހިމެނިފައިވާ ކަމެއްކަން؛
  2. ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދިނުމަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން މި ކޮމިޝަނުގެ އިހްތިސާސްގެ ތެރޭގައި ކަނޑައަޅާފައިވާ ކަމެއް ކަމާއި މި ގޮތުން އެމް.ބީ.ސީއިން ހިންގާ ދިވެހި ރާއްޖޭގެ އަޑަކީ މި ކޮމިޝަނުން ލައިސަންސް ލިބިގެން ހިންގަމުންދާ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ ޗެނެލެއްކަން؛
  3. ބްރޯޑްކާސްޓްކުރުމަށް ދޫކުރެވޭ ފްރިކުއެންސީތައް ބޭނުންކުރާނޭ ގޮތުގެ ޕްލޭނެއް އެކުލަވާލުމަކީ މި ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާއިން އެނގެން އޮންނަކަން؛
  4. 1449 މެގަހާޓްޒް ފްރިކުއެންސީ އަކީ މުޅި ރާއްޖެއަށް ރޭޑިއޯގެ ޚިދުމަތް ދިނުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ފްރިކުއެންސީއެއް ކަމާއި މި ފްރިކުއެންސީ މެދުވެރިކޮށް ދެވޭ ޚިދުމަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ ރައްޔިތުންނަށް މެދުނުކެނޑި ލިބެމުންދާ ހަމައެކަނި ބްރޯޑްކާސްޓް ޚިދުމަތްކަން؛
  5. 2004 ގެ ސުނާމީގައި، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް މެދުކެނޑިގެން ދިޔައިރު ވެސް ދިވެހި ރާއްޖޭގެ އަޑުން މީޑިއަމް ވޭވް ފްރިކުއެންސީ މެދުވެރިކޮށް ދެމުންގެންދާ ރޭޑިއޯގެ ޚިދުމަތަކީ އެ ކާރިސާގެ ތެރޭގައި ވެސް ރައްޔިތުންނަށް މައުލޫމާތު ފޯރިވައިދީ ރައްޔިތުން އެކަތިގަނޑަކަށް ހެދި ހަމައެކަނި ވަސީލަތްކަން؛
  6. މީޑިއަމް ވޭވް ފްރިކުއެންސީ މެދުވެރިކޮށް ދެވޭ ރޭޑިއޯގެ ޚިދުމަތަކީ ރާއްޖެ އުފެދިފައި އޮތް ގޮތުން މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަށް ޚަރަދު ކުޑަކޮށް އެއް ސްޓޭޝަނެއް މެދުވެރިކޮށް އެންމެ ފުޅާ ދާއިރާއަކަށް ދެވޭނޭ ހަމައެކަނި ޚިދުމަތްކަމާއި އަދި އެފް.އެމް ރޭޑިއޯ އަކީ ކަނޑައެޅޭ ސަރަހައްދުތަކެއްގައި ގިނަ އަދަދެއްގެ ޓްރާންސްމިޓިންގ ސްޓޭޝަންތަކެއް ޤާއިމްކޮށްގެން ނޫނީ ފުޅާކުރެވޭ ޚިދުމަތެއް ނޫންކަމުން އެފް.އެމް މެދުވެރިކޮށް މުޅި ރާއްޖެއަށް ރޭޑިއޯގެ ޚިދުމަތް ދިނުމަށް ބޮޑެތި ހުރަސްތަކެއް ހުރިކަން؛
  7. ދިވެހިންގެ ގިނަ ބަޔަކީ އަބަދުވެސް ކަނޑު ދަތުރުފަތުރުގައި ހަރަކާތްތެރިވާ ބައެއް ކަމުން މަސްވެރީންނާއި ދަތުރުވެރީން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި އުޅޭއިރު އެ ފަރާތްތަކަށް މައުލޫމާތު ފޯރުވައިދެވޭނޭ ހަމައެކަނި ވަސީލަތަކީ އޭ.އެމް ރޭޑިއޯގެ ވަސީލަތްކަން؛
  8. 1449 މެގަހާޓްޒް މީޑިއަމް ވޭވް ފްރިކުއެންސީއަކީ، ކައިރި ޤައުމުތަކާއެކު ވިލަރެސްކުރުމަށް ފަހު ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަންގައި ރަޖިސްޓްރީ ކޮށްފައިވާ ފްރިކުއެންސީއެއް ކަމާއި މިއީ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ ގައި ބޭނުންކުރެވޭ ޤައުމީ މުހިއްމު ވަސީލަތެއްކަން.
  9. ލޮނުޒިޔާރަތްކޮޅުގައި ހުރި ދިވެހިރާއްޖޭގެ އަޑުގެ އެންޓެނާތަކާއި ޓްރާންސްފޯމަރުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވާކަން ދިރާސާތަކުން ދައްކާ ކަމަށް ހަވާލާދީފައިވާ ސިޓީގައި ބަޔާންކޮށްފައި ވީނަމަވެސް އެކަން އެހެން އޮތްކަން އެއްވެސް ޢިލްމީ ދިރާސާއަކުން އެނގެން ނެތްކަން.

“މަތީގައި ބަޔާންކޮށްފައިވާ ކަންކަން އެހެން ހުރުމާއެކު، ދިވެހި ރާއްޖޭގެ އަޑުން ބޭނުންކުރާ މީޑިއަމް ވޭވް ފްރިކުއެންސީ އިން ބްރޯޑްކާސްޓްކުރުން ހުއްޓުވުމަށް މަސައްކަތްކުރުމަކީ ރައްޔިތުންނަށް ލިބިދީފައިވާ މައުލޫމާތު ލިބިގަތުމުގެ ހައްޤަށް އުނިކަމެއް އަންނާނެ ކަމެއް ކަމަށް ކަށަވަރުވާން އޮންނަ ހިނދު، އެ ފްރިކުއެންސީ ހުއްޓުވުމަކީ މި ކޮމިޝަނަށް ޤަބޫލުކުރެވޭނޭ ކަމެއް ނޫނެވެ. އަދި އެކަން ހުއްޓުވުމަކީ ޤާނޫނީ ގޮތުން މި ކޮމިޝަނަށް ފިޔަވައި އެހެން ފަރާތަކަށް ލިބިދޭ ބާރެއް ކަމަކަށް ވެސް ނުދެކެމެވެ.

“މި މައްސަލައާ ގުޅޭ ގޮތުން މި ކޮމިޝަނުން އެމް.ބީ.ސީއާ މަޝްވަރާކުރުމުން ވެސް މަތީގައި ދެންނެވި ކަންކަން ރަނގަޅަށް ސާފުވެއެވެ. އަދި މިހާރު ދިވެހި ރާއްޖޭގެ އަޑުން ޓްރާންސްމިޓްކުރަމުންދާ އެންޓަނާތައް މާލެއިން ބޭރަށް ބަދަލުކުރުމަށް ވެސް އެ ފަރާތުން މަސައްކަތްކުރަމުން އަންނަކަމާއި މި މައްސަލައަށް އޮތް ހައްލަކީ މި އެންޓެނާ ބަދަލުކުރެވޭނޭ ރަށެއް ކަނޑައަޅައި އެ މަސައްކަތަށް ހިނގާ ޚަރަދުތަކަށް ލަފާކުރެވޭ 27 މިލިއަނެއްހާ ރުފިޔާ އެމް.ބީ.ސީގެ ބަޖެޓަށް ލިބޭނޭމަގު ފަހިކޮށްދިނުން ކަމުގައި މި ކޮމިޝަނަށް ފެންނާތީ، އެ ކަމަށް ލިބެންޖެހޭ އެއްބާރުލުން ސަރުކާރުގެ ފަރާތުން ދެއްވުމަކީ މި ކޮމިޝަނުން ކުރާ އިލްތިމާސްއެކެވެ.

“މި މައްސަލައާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާކޮށްލުމަށް ބޭނުންވާތީ، މި ކަމަށްޓަކައި މަނިކުފާނާ ބައްދަލުކޮށްލުމަށް އެޕޮއިންޓްމަންޓެއް ލިބޭނޭގޮތް ހަމަޖައްސަވައިދެއްވުން އެދޭ ވާހަކަވެސް ދެންނެވީމެވެ.”

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މި ސިޓީ ވަނީ ރައްޔިތުންގެ މަޖިލީސްގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނަށާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް ކޮޕީކޮށްފަ އެވެ.