ބްރޯޑްކާސްޓަރުންގެ މެދުގައި ތަފާތު ނުކުރުމަށް ސިޔާސީ ޕާޓީތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަންނުން ގޮވާލުން

March 11, 2013

ނޫސް ބަޔާން

ސިޔާސީ ޕާޓީތަކުން ބާއްވާ އެކިއެކި ހަރަކާތްތައް ކަވަރުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ހަމަހަމަ ފުރުސަތު ނުލިބޭކަމުގެ މައުލޫމާތު ފަހަކަށް އައިސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ދަނީ ލިބެމުންނެވެ. އަދި ސިޔާސީ ޕާޓީތަކަކީ ވެސް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ޕާޓީތަކަކަށް ވާއިރު، މިފަދަ ތަފާތުކުރުންތައް ގެންގުޅުމުގެ ސަބަބުން މިނިވަން މީޑިއާއަކަށް ހުރަސްއެޅޭތީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވެ އެވެ.

މީޑިއާގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހައްޤަކަށް ވީހިނދު ބްރޯޑްކާސްޓަރުންގެ މެދުގައި ތަފާތުކުރުން ނުގެންގުޅުމަށާއި ހުރިހާ ބްރޮޑްކާސްޓަރުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް ސިޔާސީ ޕާޓީތަކަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ. އަދި ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ހުރަސް ނޭޅުމަށް ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ނަސޭހަތްތެރިވުމަށް ވެސް މި ފުރުސަތުގައި ސިޔާސީ ޕާޓީތަކަށް އިލްތިމާސްކުރަމެވެ.

އަދި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ސިޔާސީ ޕާޓީތަކުގެ ފަރާތުން ނުކުރާނެކަން ކަށަވަރުކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި މި ކޮމިޝަނުން ދެކޭތީ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގައި ވެސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ވަނީ އެދިފަ އެވެ.

11 މާޗް 2013