ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއެއް ބަލައި ނިންމި ގޮތާ ބެހޭ ގޮތުން ބައެއް މީޑިއާގައި ހަޤީޤަތް އޮޅޭ ގޮތަށް ރިޕޯޓްކުރަމުންދާތީ ޝަކުވާ ބެލުމަށް މި ކޮމިޝަނުން އަމަލުކުރާ އުސޫލު ސާފުކޮށްދިނުން

June 9, 2013

ނޫސް ބަޔާން

މިއީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއެއް ބަލައި ނިންމި ގޮތާ ބެހޭ ގޮތުން ބައެއް މީޑިއާގައި ހަޤީޤަތް އޮޅޭ ގޮތަށް ރިޕޯޓްކުރަމުންދާތީ ޝަކުވާ ބެލުމަށް މި ކޮމިޝަނުން އަމަލުކުރާ އުސޫލު ސާފުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރޭ ބަޔާނެކެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ އެންމެހާ ޝަކުވާތައް ބަލަމުންދަނީ އެކަމަށްޓަކައި އެކުލަވާލާފައިވާ “ޝަކުވާ ހުށެހެޅުމާއި ޝަކުވާ ބެލުމުގެ ނިޒާމް” ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ނިޒާމާ ބެހޭ މަޢުލޫމާތު ވާނީ އާއްމުކޮށް އިޢުލާނުކޮށް އަދި ކޮމިޝަންގެ ވެބްސައިޓުގައި ވެސް ޝާއިއުކޮށްފައެވެ.  

މި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބަލަނީ ވަކި ފަރާތަކަށް ބުރަވުމެއް ނެތި ހަމަހަމަކަމާ އެކުގައެވެ. އަދި ކޮންމެ ޝަކުވާއެއް ބަލާއިރުވެސް އެ ޝަކުވާއެއް ރައްދުވާ ފަރާތަށް އެ ޝަކުވާއަކާ ގުޅޭ ގޮތުން ޖަވާބުދާރީވުމަށް ފުރުސަތު ދެވެއެވެ.

ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓާ ބެހޭ ގޮތުން ހުށަހެޅޭ ޝަކުވާތަކުގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕެރެކްޓިސްގައި ކަނޑައެޅިފައިވާ ހަމަތަކާ ތަޢާރަޒުވޭތޯ ބެލެއެވެ. މި ކޮމިޝަނުން އެކުލަވާލާފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަކީ ނޫސްވެރިކަމުގެ ދާއިރާގެ އެންމެހާ ފަރާތްތަކުގެ ބައިވެރިވުމާ އެކުގައި ތައްޔާރުކޮށްފައިވާ ކޯޑެކެވެ. މި ކޮމިޝަނުން ބަލާ ޝަކުވާއަކާ ގުޅިގެން ބްރޯޑްކާސްޓަރަކާ މެދު ފިޔަވަޅު އަޅަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ ހުދޫދުގެ ތެރެއިންނެވެ.

މިހާތަނަށް ކޮމިޝަނަށް ޖުމްލަ 118ޝަކުވާއެއް ވަނީ ހުށަހެޅިފައެވެ. މީގެ ތެރެއިން 105 ޝަކުވާއެއް މިހާރު ވާނީ ބަލާނިންމާފައެވެ. މި ކޮމިޝަނުން ބަލާ ޝަކުވާތައް ނިންމިގޮތުގެ ބަޔާން ކޮމިޝަނުގެ ވެބްސައިޓު www.broadcom.org.mv ގައި ޝާއިއުކޮށްފައިވާނެއެވެ.

9 ޖޫން 2013