ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-01/2018)

February 20, 2018

ޝަކުވާ ނަމްބަރު: CAC-01/2018

ޝަކުވާ ހުށަހެޅި ތާރީޙް: 2 ޖަނަވަރީ 2018

ހުލާސާ: މިއީ، އާ އަހަރު ފާހަގަކުރުމުގެ ނަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމް.އައި.ޓީ.ޑީ.ސީ އިން އިންތިޒާމުކޮށްގެން ބޭއްވި އާ އަހަރު ފާހަގަ ކުރުމުގެ ހަފްލާ ފަބްލިކް ސަރވިސް މިޑިއާގެ ޓީ.ވީ.އެމް ޗެނަލްއިން ލައިވްކުރެވިފައި ވާކަމާއި، މި ޕްރޮގްރާމް ލައިވް ކުރަމުން ދިޔައިރު ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު (16/2010) އަދި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-11) އާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ދީނީ ގޮތުންނާއި އިޖްތިމާއީ މިންގަޑާއި ޚިލާފަށް ކޮންޓެންޓް ފޮނުވާފައިވާ ކަމަށްބުނެ މިކަން ތަޙުޤީޤުކޮށްދެއްވާ އެ ސްޓޭޝަނާއި މެދު ފިޔަވަޅު އަޅުއްވައިދެއްވުން އެދި މި ކޮމިޝަނަށް ހުށަހަޅައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މި މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ޕަބްލިކް ސަރވިސް މީޑިއާ އަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާކަމާއި؛

ކޮމިޝަންގެ ނަންބަރު 427-LCM/PSM/2018/2 (22 ޖަނަވަރީ 2018) ސިޓީން ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު،        5 ފެބްރުވަރީ 2018 ގެ ނިޔަލަށް ހަމަވެފައިވީ ނަމަވެސް، މި މުއްދަތުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާއިން ޖަވާބުދާރީވެފައިނުވާތީ އާއި، ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް ލިޔުމުން އެދިފައިނުވާތީ؛

ޤާނޫނީ ހަމަތަކުގެ މަތީން ތަޙުޤީޤުގެ އެންމެހާ އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، 31 ޑިސެންބަރު 2017 ދުވަހުގެ ރޭ 8:30 އިން ފެށިގެން އައު އަހަރު ފާހަގަކުރުމަށް ބޭއްވި ހަފްލާ ޓީ.ވީ.އެމްއިން ލައިވްކުރަމުން ދިޔައިރު، ގަޑިން 21:03:34 ން 21:09:00 ހާއިރު ގެނެސްދިން ކޮންޓެންޓް އަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ (1) ވަނަ ނަންބަރު (މުޖުތަމަޢުގެ އަދަބު އަޙުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތައް ހިފެހެއްޓުން) އާ ޚިލާފް ކޮންޓެންޓެއް ކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމުގައި ކަނޑައަޅައި؛

ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މިފަދަ މަންޒަރުތައް ހިމެނޭ ކޮންޓެންޓް ފޮނުވުމުގައި މުޖުތަމަޢުގެ އަދަބު އަޙުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންޓެންޓް ބައްޓަން ކުރުމަށް ޕަބްލިކް ސާރވިސް މީޑިއާއަށް އެންގުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 4 މާރިޗް 2018 ވާ އާދީއްތަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 10:00 އާ ދެމެދު ޓީ.ވީ.އެމް އިން ޢާންމުކުރުމަށް ޕަބްލިކް ސާރވިސް މީޑިއާއަށް އެންގުމަށް މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީއެވެ.

13 ފެބްރުވަރީ 2018