ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-01/2019)

March 18, 2019

ޝަކުވާ ނަމްބަރު: CAC-01/2019

ޝަކުވާ ހުށަހެޅި ތާރީޙް: 24 ޖަނަވަރީ 2019

ހުލާސާ: މިއީ، 22 ޖަނަވަރީ 2019 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން ‘އިރާދަން’ ޕްރޮގްރާމުގައި ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ދިން ނާސްތާ ބޭނުންކުރުމުގެ ސަބަބުން ދަރިވަރުންނަށް ސިއްޙީ މައްސަލަތައް ކުރިމަތިވެފައިވާކަމަށާއި، ނާސްތާއަކީ ތާޒާނޫން އެއްޗެއްކަމަށް ބަޔާންކޮށް، ތެދުނޫން މަޢުލޫމާތު ޢާއްމުކޮށްފައިވާކަމާއި މި މަޢުލޫމާތު ޢާއްމުކުރުމުގެ ކުރިން އެކަން އެގޮތަށް ހިނގިތޯ އެސްކޫލްގެ ފަރާތުން އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުންވެސް ޗެނަލް 13 އިން މައުލޫމާތު ޔަޤީންކޮށްފައިނުވާތީ، ލިބިފައިވާ މަޢުލޫމާތެއްގެ ޞައްޙަކަން ޔަޤީންނުކޮށް އަދި އެކަންތައް ރައްދުވާ ފަރާތުގެ ބަހެއްނެތި ކ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި މިނިސްޓްރީ ބަދުނާމްވާގޮތަށް މަޢުލޫމާތު ޢާއްމުކޮށްފައިވާތީ، އެކަމަކީ ބްރޯޑްކާސްޓްކުރުމުގެ ޢާއްމު އުޞޫލްތަކާއި ޚިލާފުކަމެއްކަމަށް ފެންނަ ކަމަށް ބުނެ، އެ މައްސަލަ ބައްލަވާ ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 22 ޖަނަވަރީ 2019 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން ‘އިރާދަން’ ޕްރޮގްރާމުގައި ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ދިން ނާސްތާ ބޭނުންކުރުމުގެ ސަބަބުން ދަރިވަރުންނަށް ސިއްޙީ މައްސަލަތައް ކުރިމަތިވެފައިވާކަމަށާއި، ނާސްތާއަކީ ތާޒާނޫން އެއްޗެއްކަމަށް ބަޔާންކޮށް، ތެދުނޫން މަޢުލޫމާތު ޢާއްމުކޮށްފައިވާކަމާއި މި މަޢުލޫމާތު ޢާއްމުކުރުމުގެ ކުރިން އެކަން އެގޮތަށް ހިނގިތޯ އެސްކޫލްގެ ފަރާތުން އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުންވެސް ޗެނަލް 13 އިން މައުލޫމާތު ޔަޤީންކޮށްފައިނުވާތީ، ލިބިފައިވާ މަޢުލޫމާތެއްގެ ޞައްޙަކަން ޔަޤީންނުކޮށް އަދި އެކަންތައް ރައްދުވާ ފަރާތުގެ ބަހެއްނެތި ކ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ބަދުނާމްވާގޮތަށް ތެދުނޫން މަޢުލޫމާތު ޢާއްމުކޮށްފައިވާތީ، އެކަމަކީ ބްރޯޑްކާސްޓްކުރުމުގެ ޢާއްމު އުޞޫލްތަކާއި ޚިލާފުކަމެއްކަމަށް ފެންނަ ކަމަށް ބުނެ، އެ މައްސަލަ ބައްލަވާ ދެއްވުން އެދި ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތުދިން ނަމަވެސް؛

ކޮމިޝަނުން މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް މައްސަލައަށް ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު
24 ފެބުރުވަރީ 2019 ގެ ނިޔަލަށް ހަމަވެފައިވީއިރު އެ މުއްދަތުގެ ތެރޭގައި މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން މައްސަލައަށް ޖަވާބުދާރީވެފައިނުވާތީ އާއި، ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް ލިޔުމުން އެދިފައިނުވާތީ؛

22 ޖަނަވަރީ 2019 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން ‘އިރާދަން’ ޕްރޮގްރާމުގެ މައްސަލައާ ގުޅުންހުރި ކޮންޓެންޓްގައި  ކ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވާއިރު އެފަރާތުގެ ބަހެއް ގެނެސްދީފައި ނުވާކަމާއި ކ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ބަހެއް ހޯދުމަށް މައްސަލަ ރައްދުވާ ޗެނަލް 13 އިން މަސައްކަތްކޮށްފައިވާކަން މައްސަލައިގެ ތަޙުޤީޤަށް އެނގެން ނެތަތީ، މިއީ ކޯޑް އޮފް ޕްރެކްޓިސްގެ ފަސް ވަނަ ހަމައިގެ (1) ވަނަ ނަންބަރާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއްކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާކަމުގައި ކަނޑައަޅައި،

އަދި މިއީ، ކޯޑް އޮފް ޕްރެކްޓިސްގެ ފަސް ވަނަ ހަމައިގެ (1) ވަނަ ނަންބަރާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް ޚިލާފުވާ ފުރަތަމަ ފަހަރު ކަމަށް ވާތީ، ހަބަރާއި ކަރަންޓް އެފެއަރޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއް ނެތި ހަމަހަމަކަމާއިއެކު ގެނެސް ދިނުމަށް އިސްކަންދީ ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތްކުރުމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އަންގައި ނަސޭޙަތްތެރިވުމަށް މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

18 މާރިޗް 2019