ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-01/2017)

April 20, 2017

ޝަކުވާ ނަމްބަރު: CAC-01/2017

ޝަކުވާ ހުށެހެޅި ތާރީޚު: 22 ފެބުރުވަރީ 2017

ޚުލާސާ:  މިއީ، ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ށ. މާއުނގޫދޫގައި ފޯރުކޮށްދޭ ކޭބަލް ޓީވީގެ ޚިދުމަތުގައި ރިބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 18ވަނަ މާއްދާގައިވާ ފަދަ ހުއްދަނެތި (ޗެނަލް ވެރިފަރާތާއި ދެމެދުވެފައިވާ އެއްބަސްވުމެއްނެތި) ޗެނަލްތައް ރިބްރޯޑްކާސްޓްކުރާކަމަށާއި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުގެ ހުއްދަނެތި އޭ.އެކްސް.އެން، އެނިމެކްސް އަދި ސޮނީ ޗެނަލް ދޫކުރާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ)ގައި “ލައިސަންސަށް އެދޭ ފަރާތަކީ ރީބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓް ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިފައިވާ ފަރާތަކަށްވުން” މިހެން ބަޔާންކޮށްފައިވާކަމާއި، ރިބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ 18 ވަނަ މާއްދާގައި “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ޗެނަލެއް ފޮނުވަންވާނީ، ޗެނަލް ދޭ ފަރާތާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ ނޮން އެކްސްކްލޫސިވް އެއްބަސްވުމެއް އޮވެގެންނެވެ.” މިހެން އޮތުމުން އެފަދަ އެއްބަސްވުމެއް ނެތި ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ށ.މާއުނގޫދޫގައި ފޮނުވާ ޗެނަލްތައް ހުއްޓާލުމަށް އަންގައި އަދި ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރިބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިފައިނެތް ޗެނަލްތައް ރީބްރޯޑްކާސްޓްކުރަމުން ދާކަމުގައިވާނަމަ ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު ނަންބަރު (2012/R-20)ގެ ޖަދުވަލު 2 ގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް -/2000 ރ އިން ޖޫރިމަނާކުރެވޭނެ ވާހަކަވެސް އެ ފަރާތަށް އަންގައި، މި މައްސަލަ މިގޮތަށް ނިންމާފައި.

20 އެޕްރީލް 2017