ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-02/2018)

May 14, 2018

ޝަކުވާ ނަންބަރު: CAC-02/2018

ޝަކުވާ ހުށަހެޅި ތާރީޙް: 06 ފެބުރުވަރީ 2018

ހުލާސާ: މިއީ، ހޯރަފުށި ބިޒްނެޓް ކޭބަލް ޓީވީއަށް މީޑިއާނެޓް ޑީކޯޑަރުން ދައްކާ ޗެނަލްތަކާއި ވައިލެސްކޮށް ހއ. އިހަވަންދޫ ކޭބަލް ޓީވީގެ ސެޓްލިންކް ޑީކޯޑަރުގެ 80 ޗެނަލް ވެސް ބޭނުންކުރަމުން ދާތާ އެތައްދުވަހެއް ވެއްޖެކަމަށާއި، ހޯރަފުށީގައި މިޗެނަލްތައް ސެޓްލިންކުން ދައްކާތީ ސެޓްލިންކްގެ އިސްފަރާތްތަކަށާއި މީޑިއާނެޓްގެ އިސްވެރިންނަށްވެސް މި ޝަކުވާ ކޮށްފައިކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް:

ހޯރަފުށި ބިޒްނެޓް ކޭބަލް ޓީވީއަށް މީޑިއާނެޓް ޑީކޯޑަރުން ދައްކާ ޗެނަލްތަކާއި ވައިލެސްކޮށް ހއ. އިހަވަންދޫ ކޭބަލް ޓީވީގެ ސެޓްލިންކް ޑީކޯޑަރުގެ 80 ޗެނަލް ވެސް ބޭނުންކުރަމުން ދާތާ އެތައްދުވަހެއް ވެއްޖެކަމަށާއި، ހޯރަފުށީގައި މިޗެނަލްތައް ސެޓްލިންކުން ދައްކާތީވެ ސެޓްލިންކްގެ އިސްފަރާތްތަކަށާއި މީޑިއާނެޓްގެ އިސްވެރިންނަށްވެސް މި ޝަކުވާ ކޮށްފައިވާނެ ކަމަށް ބުނެ، ހުށަހަޅައިފައިވާ ޝަކުވާއާ ގުޅިގެން ބެލި މި މައްސަލައިގައި، ބިޒްނެޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތުތަކެއް ދީފައިވާކަމާއި، މިގޮތުން؛

މައްސަލައަށް ޖަވާބުދާރީވެ، ބިޒްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ. ހޯރަފުށީގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް (ކޭބަލް ޓީވީ) ގައި ހިމަނާފައިވާ ޗެނަލްތަކަކީ، ބިޒްނެޓް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ލިބިފައިވާ ޗެނަލްތަކެއްކަމާއި، އެއީ މީޑިއާ ނެޓް ހިޓްސް ޕެކޭޖުގެ ދަށުން މުޅި ރާއްޖެއަށް ދޫކުރުމަށް ހުއްދަ ލިބިފައިވާ ޗެނަލްތަކެއް ކަމަށްވާތީ އާއި، އެ ޗެނަލްތައް ދެއްކުމަށް ބިޒްނެޓް ޕްރައިވެޓް ލިމިޓެޑާއި މީޑިއާނެޓާއެކު ކޮށްފައިވާ އެގްރިމަންޓްގެ ކޮޕީއެއް 15 އެޕްރީލް 2018 ގައި ކޮމިޝަނަށް ހުށަހަޅައިފައިވާތީ އާއި؛

ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން ހއ. ހޯރަފުށިގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ދައްކަމުންދަނީ މީޑިއާ ނެޓްގެ ހިޓްސް ޕެކޭޖުކަން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއިން މައުލޫމާތުދީފައިވާތީ؛

ބިޒްނެޓް  ޕްރައިވެޓް ލިމިޓެޑުން ހއ. ހޯރަފުށީގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތް ޗެނަލް ހިމަނާފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުނުވާތީ، ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިނުވާކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

08 މޭ 2018