ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-04/2017)

September 13, 2017

ޝަކުވާ ނަމްބަރު: CAC-04/2017

ޝަކުވާ ހުށެހެޅި ތާރީޙް: 05 އެޕްރީލް 2017

ހުލާސާ: މިއީ، 4 އެޕްރީލް 2017ގައި ބޭއްވި ޕީ.ޕީ.އެމް އާއްމު ޖަލްސާގައި ރައްޔިތުންގެ މަޖްލިސް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، އުމަރު ނަސީރުގެ އަބުރަށް އަރައިގެން ދެއްކެވި ވާހަކަފުޅު ޤާނޫނު ނަންބަރު 2016/15ގެ 36ވަނަ މާއްދާގެ (ހ)ގައިވާ ގޮތަށް މެދުކަޑާނުލާ އެ އިވެންޓް ޗެނަލް13 އިން ފޮނުވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މަތީގައިވާ ކަންކަމަށް ރިޔާއަތްކުރާއިރު، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު ލިބެންޖެހޭ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ދީފައިވާކަމާއި؛

މަތީގައިވާ ކަންކަމަށް ނަޒަރުކުރާއިރު، ކޮމިޝަނަށް ހުށަހެޅިގެން ކޮމިޝަނުން ބެލި މި މައްސަލައިގައި، ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ޗެނެލް 13 އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުން، ޖަވާބުދާރީވެ ފޮނުވާފައިވާ ނަންބަރު MRPV/CH-13/051/2017 (14 އޮގަސްޓު 2017) ސިޓީގައި، ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ އެންމެހައި ކޮންޓެންޓަކީ އަބުރުގެ ޤާނޫނުން ރައްކާތެރިކުރާ އެންމެހާ ކަންކަމަށް ފުރިހަމައަށް ރިޢާއަތްކުރުމަށްފަހު، ބްރޯޑްކާސްޓްކުރުމުގެ އުސޫލުތަކާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ހުދޫދުގެ ތެރޭގައި ހިމެނޭ ކޮންޓެންޓްކަމަށް ޔަޤީންކޮށްދޭކަމާއި، މި މައްސަލައިގައި ރިޢާޔަތްކުރާ ކޮންޓެންޓްގެ ރެކޯޑިންގ އެ ޗެނަލް ހިނގަމުންދާ އިމާރާތް ބަދަލުވުމުގެ ސަބަބުނ ރައްކާކުރެވިފައި ނުވާކަމާއި، އެހެން ނަމަވެސް، އެ ކޮންޓެންޓަކީ ދައުލަތުގެ ޓީވީ ޗެނަލް ޕީ.އެސް.އެމްގެ ލައިވް ފީޑެއް ކަމަށްވާތީ، އެ ފީޑުގެ ރިކޯޑިންގ މި ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށްފައި ވާތީއާއި، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު MRPV/CH-13/049/2017 (14 އޮގަސްޓު 2017) ސިޓީގައި ޗެނަލް 13 އިން އަބަދުވެސް ބްރޯޑްކާސްޓް ކުރަނީ އަބުރުގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިންކަމަށާއި ލައިވް އިވެންޓްތައް ގެނެސްދެމުންގެންދަނީ ސެންސަރުކުރުމަށް އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ސެންސަރުކުރުމާއެކު ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ )ބ( ގައި ބަޔާންކޮށްފައިވާ މަޤްސަދު ހާސިލުވާގޮތަށް ޗެނަލް 13 އިން ކޮންޓެންޓް ރައްކާކޮށްފައި ނުވާކަމަށް ތަޙްޤީޤަށް ހާމަވެފައިވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ޚިލާފުވުން ކަމަށް ކަނޑައަޅައި، CAC-19/2016 އަދި CAC-20/2016 މައްސަލަ ނިންމުމުގައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ )ހ( ގެ 4 ވަނަ ނަންބަރުގެ ދަށުން، ކޮންޓެންޓް ރައްކާކޮށްފައި ނުބެހެއްޓުމުގެ މައްސަލަ ތަކުރާރުވިޔަ ނުދިނުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް 19 ޖުލައި 2016 ގައި އަންގާ ނަސޭހަތްތެރިވެފައި ވަނިކޮށް، މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ޗެނަލް 13 އިން ޚިލާފުވާ 2 ވަނަ ފަހަރު ކަމަށް ވީހިނދު، އަދި މި ކަމަށް ފިޔަވަޅު އެޅުމުން ވެސް އެކަށީގެންވާ އިސްލާހެއް ގެނެސްފައިނުވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ލައިސަންސް ދިނުމުގެ ޝަރުތަކާ ޚިލާފުނުވުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އަންގައި، އަދި މި އެންގުމާއި ޚިލާފުވެއްޖެނަމަ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުދީ، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީއެވެ.

12 ސެޕްޓެންބަރު 2017