ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-05/2021)

February 23, 2022

ޝަކުވާ ނަންބަރު: CAC-05/2021

ޝަކުވާ ހުށަހެޅި ތާރީޙް: 22 އޭޕްރީލް 2021

ހުލާސާ: މިއީ، ކޭބަލް ޗޮއިސް އަދި ބަޑީސްނެޓް ގުޅިގެން އޭދަފުށީގައި ޤަވާއިދާ ޙިލާފަށް ކޭބަލްޓީވީގެ ޚިދުމަތް ދެމުންގެންދާ ކަމަށް  ބުނެ ހުށަހަޅާފައިވާތީ ބަލައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ތަޙްޤީޤު ކުރެވެމުންދާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ކޭބަލް ޗޮއިސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށާއި، ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާކަމާއި،

ކޭބަލް ޗޮއިސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ކޮމިޝަންގެ ނަންބަރު 427-LCM/RB/2014/05 (16 ފެބްރުވަރީ 2014) ގައި ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތެއްކަމާއި، 17 ޗެނަލެއް ހިމެނޭގޮތުން އަސާސީ ޕެކޭޖް -/130 ރުފިޔާ ފާސްކޮށްދީފައިވާކަން ކޮމިޝަންގެ 5 ޑިސެންބަރު 2021 އީމެއިލްއާއެކު ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެންގެން އޮންނަކަމާއި،

ކޭބަލް ޗޮއިސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރީވުމަށް ދިންފުރުސަތުގައި މައްސަލައަށް ޖަވާބުދާރީވެ ކޭބަލް ޗޮއިސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން 12 ޖުލައި 2021ގައި ފޮނުވި ސިޓީގައި ” ކޭބަލް ޗޮއިސްއާއި ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ބ. އޭދަފުށީގައި އެއްވެސް ބާވަތެއްގެ ޚިދުމަތެއް ނުދެމެވެ.” މިފަދައިން ބަޔާންކޮށް ކޮމިޝަނަށް މައުލޫމާތު ދީފައިވާކަމާއި، އަދި ކޭބަލް ޗޮއިސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރީވުމުގެ ދެވަނަ ފުރުސަތު ދީ ފޮނުވި ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2021/381 (15 ޑިސެންބަރު 2021) ސިޓީއާ ގުޅިގެން ކޭބަލް ޗޮއިސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން 29 ޑިސެންބަރު 2021ގައި ކޮމިޝަނަށް ފޮނުވި އީމެއިލްގައި، ” ބަޑީސްނެޓާ އެކު ކޭބަލް ޗޮއިސް ގުޅިގެން އެއްވެސް ބާވަތެއްގެ ޚިދުމަތެއް ނުދެމެވެ. އަދި ކޭބަލް ޗޮއިސްގެ އަމިއްލަ ޙައިޘިއްޔަތުންވެސް އެއްވެސް ބާވަތެއްގެ ޚިދުމަތެއް ނުދޭވާހަކަ ދަންނަވަމެވެ. …. ކޭބަލް ޗޮއިސް ގެ ޚިދުމަތް ހުއްޓާލިތާ ގާތްގަޑަކަށް އެގާރަ މަސްވެއްޖެއެވެ” މި ފަދައިން ބަޔާންކޮށް ކޮމިޝަނަށް މައުލޫމާތު ދީފައިވީނަމަވެސް،

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

” ބ. އޭދަފުށީގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނަ ފަރާތެއްކަމުގައިވާ ކޭބަލް ޗޮއިސް އިން ޚިދުމަތް ތަރައްޤީ ކުރުމުގެގޮތުން ބަޑީސްނެޓް ގުޅިގެން ގާތްގަނޑަކަށް 2 މަހެއް ކުރިން އިންޓަރނެޓް ޕެކޭޖުތަކަކާއެކު މިޚިދުމަތް އޭދަފުށީގައި ދެމުންއަންނަކަން ފާހަގަކުރެވިފައިވާކަމާއި، ކޭބަލް ޗޮއިސް އިން ހަމައެކަނި ވިއްކަނީ އިންޓަރނެޓް ޕްކޭޖްތަކެއްކަމާއި، އިންޓަރނެޓްގެ ކޮންމެ ޕެކޭޖަކާއެކު ޓީވީގެ ޚިދުމަތް ހިލޭ 80 ޗެނަލް އާއެކު ލިބިގެންދާކަމަށް ބުނެ، މި ޕެކޭޖްތަކާއެކު ލިބޭ ޓީވީ ޗެނަލްތަކުގެ ލިސްޓެއް މި ރިޕޯޓައެކު އެޓޭޗްކުރެވިފައިވާނެކަމަށް މައުލޫމާތު ދީފައިވާތީއާ، އަދި މީގެއިތުރުން އިންޓަރނެޓް ޚާއްސަ ޑިވައިސް އަކާއި އަދި ޓީވީއަށް ޚާއްސަ ވަކި ޑިވައިސްއެއް މިޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާކަމާއި، ކުރިން ކޭބަލް ޗޮއިސްގެ ޚިދުމަތް ހޯއްދަވާފައިވާ ނުވަތަ ހޯއްދަވަމުން ގެންދަވާ ފަރާތްތަކަށް ހަމައެކަނި ޚަރަދުކުރައްވަން ޖެހެނީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ 2 ޑިވައިސްއަށް އެކަނި ކަމާއި، އިންޓަރނެޓް ޕެކޭޖްތަކުގެ އެންމެ ކުޑަ އަގަކީ -/150 ރ (އެއްސަތޭކަ ފަންސާސް ރުފިޔާ) ކަމާއި،  މި ޕެކެޖާއެކު 10 ޖީބީ ޑޭޓާ  އެލަވަންސް ލިބޭކަމާއި، މިޚިދުމަތާއެކު ހިލޭ ލިބޭ ޓީވީގެ ޚިދުމަތް ބޭނުންކުރުމަކުން ޕެކޭޖްގެ ޑޭޓާއަކުން އެއްވެސް އެއްޗެއް އުނި ނުވާކަމާއި، ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންކުރާ 2 ޑިވައިސް ވިއްކަނީ އެއްކޮށް ޖުމްލަ -/1800 ރ (އެއްހާސް އަށްސަތޭކަ ރުފިޔާ) އަށް ކަމަށް ބަޔާންކޮށް މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ނަންބަރު 230-AHI/427/2021/1 (14 ސެޕްޓެމްބަރު 2021 ) ސިޓީން މަޢުލޫމާތު ދީފައިވާކަމާއި،

ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައި ނެތް 76 ޗެނަލް ހިމަނައިގެން ބ. އޭދަފުށީގައި ކޭބަލް ޗޮއިސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ރީބްރޯޑްކާސްޓްކުރަމުންދާކަން މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން ފޯރުކޮށްދިން މައުލޫމާތުން އެނގެން އޮތަތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ކޭބަލް ޗޮއިސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޚިލާފްވެފައިވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު ގެ ޖަދުވަލް 2 ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ކޮންމެ ޗެނަލަކަށް -/2000ރ (ދެ ހާސް ރުފިޔާ) ގެ މަގުން 76 ޗެނަލަށް 152,000/-ރ (އެއް ލައްކަ ފަންސާސް ދެހާސް ރުފިޔާ) އިން ކޭބަލް ޗޮއިސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރުމަށާއި؛

ކޭބަލް ޗޮއިސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން ފާސްކޮށްދީފައިވަނީ 17 (ސަތާރަ) ޗެނަލް ހިމެނޭނެހެން ބޭސިކް ޕެކޭޖްކަމަށްވެފައި، މިހާރު ދެމުންދާ ޚިދުމަތުގައި ޖުމުލަ 80 ޗެނަލެއް ހިމަނައިގެން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ކުރިއަށްގެންދާކަން ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ބ) އާ ކޭބަލް ޗޮއިސް ކޮމްޕެމީ ޕްރައިވެޓް ލިމިޓެޑް ޚިލާފުވި ފުރަތަމަ ފަހަރު ކަމުގައި ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިޝަނުގެ ހުއްދަނެތި ކޭބަލް ޗޮއިސް ކޮމްޕެމީ ޕްރައިވެޓް ލިމިޓެޑް އިން ޗެނަލް ޕެކޭޖަށް އުނިއިތުރު ގެނެސްފައިވާތީ، 2,000ރ (ދެ ހާސް ރުފިޔާ) އިން ކޭބަލް ޗޮއިސް ކޮމްޕެމީ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރުމަށާއި،

ކޭބަލް ޗޮއިސް ކޮމްޕެމީ ޕްރައިވެޓް ލިމިޓެޑް އިން ބ. އޭދަފުށީގައި ދޭ ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންކުރާ 2 ޑިވައިސް
-/1800 ރ (އެއްހާސް އަށްސަތޭކަ ރުފިޔާ) އަށް ވިއްކާކަމަށް، ކޮމިޝަންގެ ތަޙުޤީޤަށް  ސާބިތުވާތީ، ކޭބަލް ޗޮއިސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) އާ ޚިލާފްވެފައިވާކަމަށް ކަނޑައަޅައި، ކޮމިޝަނުން ފާސްކޮށްފައި ނުވާ އަގެއް ޚިދުމަތަކަށް ނަގާފައިވާކަން ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، -/2000ރ (ދެ ހާސް ރުފިޔާ) އިން ޖޫރިމަނާކުރުމަށާއި،

ޖޫރިމަނާ ފައިސާއަށްވާ އެކުޖުމުލަ 156,000/-ރ (އެއް ލައްކަ ފަންސާސް ހަ ހާސް ރުފިޔާ) އިން ކޭބަލް ޗޮއިސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި، މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ފައިސާ ކޮމިޝަނަށް ދެއްކުމަށާއި، ޗެނަލްތަކުގެ ލިސްޓަށް އުނިއިތުރެއް ގެންނަނަމަ އެކަން ކޮމިޝަނަށް ހުށަހަޅައި ހުއްދަ ހޯދުމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައި ނެތް ޗެނަލުތަށް ރީބްރޯޑްކާސްޓްކުރުން ވަގުތުން ހުއްޓާލުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ކޭބަލް ޗޮއިސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

23 ފެބްރުވަރީ 2022