ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-06/2018)

June 12, 2019

ޝަކުވާ ނަންބަރު: CAC-06/2018

ޝަކުވާ ހުށަހެޅި ތާރީޙް: 25 ޖުލައި 2018

ހުލާސާ: މިއީ ޅ. ހިންނަވަރުގައި ލައިސަންސް ނެތި އެއާރ ޓެލް، ފްރީ ޑިޝް ޓީވީ، ވީޑިއޯކޯން އަދި ޑައެލޮގް ގެ ޗެނަލްތައް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރަމުން ދާ ކަމާއި ރީބްރޯޑްކާސްޓް ކުރަމުންދާ ޗެނަލްތައް ރިސީވްކުރަމުން ގެންދަނީ ޑިޝްއެންޓަނާ މެދުވެރިކޮށްކަމާއި 68 (ފަސްދޮޅަސް އަށް) ޗެނަލެއް ދައްކަމުންދާކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ހުލާސާ: މިއީ ޅ. ހިންނަވަރުގައި ލައިސަންސް ނެތި އެއާރ ޓެލް، ފްރީ ޑިޝް ޓީވީ، ވީޑިއޯކޯން އަދި ޑައެލޮގް ގެ ޗެނަލްތައް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރަމުން ދާ ކަމާއި ރީބްރޯޑްކާސްޓް ކުރަމުންދާ ޗެނަލްތައް ރިސީވްކުރަމުން ގެންދަނީ ޑިޝްއެންޓަނާ މެދުވެރިކޮށްކަމާއި 68 (ފަސްދޮޅަސް އަށް) ޗެނަލެއް ދައްކަމުންދާކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ޅ. ހިންނަވަރުގައި ލައިސަންސް ނެތި އެއާރ ޓެލް، ފްރީ ޑިޝް ޓީވީ، ވީޑިއޯކޯން އަދި ޑައެލޮގް ގެ ޗެނަލްތައް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރަމުން ދާ ކަމާއި ރީބްރޯޑްކާސްޓް ކުރަމުންދާ ޗެނަލްތައް ރިސީވްކުރަމުން ގެންދަނީ ޑިޝްއެންޓަނާ މެދުވެރިކޮށްކަމާއި 68 ޗެނަލެއް ދައްކަމުންދާކަމަށް ބުނެ، ހުށަހަޅައިފައިވާ ޝަކުވާއާ ގުޅިގެން ބެލި މި މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ދިން ފުރުސަތުގައި؛
މައްސަލައަށް ޖަވާބުދާރީވެ ފޮނުވި ސިޓީގައި ސެޓްލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޅ. ހިންނަވަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ނުދޭކަމަށާއި، ނަމަވެސް، އެ ކުންފުނީގެ ނެޓްވޯރކް ބޭނުންކޮށްގެން މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ކޭބަލްޓީވީ ޚިދުމަތް ދޭކަމާއި، ޅ. ހިންނަވަރުގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް (ކޭބަލް ޓީވީ) ގައި ހިމަނާފައިވާ ޗެނަލްތަކަކީ، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ “ހިޓްސް ޕެކޭޖު” ގެ ޗެނަލްތައް ކަމަށްވާތީ އާއި، އެ ޗެނަލްތައް ދެއްކުމަށް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑާއި މީޑިއާނެޓާއެކު ކޮށްފައިވާ އެގްރިމަންޓްގެ ކޮޕީއެއް ކޮމިޝަނަށް ހުށަހަޅައިފައިވާތީ އާއި؛
ޅ. ހިންނަވަރުގައި ސެޓްލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެމުންދަނީ އިންޓަރނެޓްގެ ޚިދުމަތްކަމާއި، މީޑިއާނެޓާއި ސެޓްލިންކް ޕްރައިވެޓް ލިމިޓެޑް ގުޅިގެން “މީޑިއާނެޓް” ކޭބަލް ޓީވީ ސާވިސް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެއާރ ޓެލް، ފްރީ ޑިޝް ޓީވީ، ވީޑިއޯކޯން އަދި ޑައެލޮގް ބޭނުންކޮށްގެން ޚިދުމަތް ދެމުންނުދާކަމަށް ފާދިއްފޮޅު ހިންނަވަރު ކައުންސިލްގެ އިދާރާއިންނާއި ފާދިއްޕޮޅު ހިންނަވަރު ޕޮލިސްޓޭޝަނުން މަޢުލޫމާތުދީފައިވާތީއާއި،
ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ޅ. ހިންނަވަރުގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކީ މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ދޭ ޚިދުމަތެއްކަމަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުން މައުލޫމާތުދީފައިވާތީ؛
ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ޅ. ހިންނަވަރުގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކީ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުގެ ނެޓްވޯރކްގައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ “ހިޓްސް ޕެކޭޖް” ގެ ޚިދުމަތް ފޯރުވައިދިނުން ކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބެލޭނޭ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.