ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-06/2020)

August 18, 2020

ޝަކުވާ ނަމްބަރު: CAC-06/2020

ޝަކުވާ ހުށަހެޅި ތާރީޙް: 25 ފެބްރުވަރީ 2020

ހުލާސާ: މިއީ، 21 ފެބްރުވަރީ 2020 ވީ ހުކުރު ދުވަހުގެ ހަވީރު 06:00 ހާއިރު ޗެނަލް 13 ގެ ލައިވް ޕްރޮގްރާމެއް ކުރިއަށްދިޔަ ވަގުތު ބްރޭކިން ނިއުސްގެ ގޮތުގައި، ފެނަކަ ކޯޕަރޭޝަންގެ ލޯގޯ (ކަޅާހުދުގެ) ޖަހާފައިވާ ލިޔުމެއް އާންމުކޮށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާގުޅޭ ގޮތުން ގެނެސްދިން ޚަބަރު އެއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް އާއްމުކުރި ޚަބަރެއް ނޫން ކަމަށާއި، ޢާއްމު ރައްޔިތުނަށް ޙަޤީޤަތް އޮޅުވާލާ ރައްޔިތުންގެ ހިތްތަކުގައި ފެނަކަ ކޯޕަރޭޝަނާއި މެދު ނަފުރަތު އުފައްދާ ކުންފުނީގެ އަގުވައްޓާލުމުގެ އަމަލެއްކަމަށް ބުނެ މި މައްސަލަ ބަލައިދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 21 ފެބްރުވަރީ 2020 ވީ ހުކުރު ދުވަހުގެ ހަވީރު 06:00 ހާއިރު ޗެނަލް 13 ގެ ލައިވް ޕްރޮގްރާމެއް ކުރިއަށްދިޔަ ވަގުތު ބްރޭކިން ނިއުސްގެ ގޮތުގައި، ފެނަކަ ކޯޕަރޭޝަންގެ ލޯގޯ (ކަޅާހުދުގެ) ޖަހާފައިވާ ލިޔުމެއް އާންމުކޮށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާގުޅޭ ގޮތުން ގެނެސްދިން ޚަބަރު އެއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް އާއްމުކުރި ޚަބަރެއް ނޫން ކަމަށާއި، ޢާއްމު ރައްޔިތުނަށް ޙަޤީޤަތް އޮޅުވާލާ ރައްޔިތުންގެ ހިތްތަކުގައި ފެނަކަ ކޯޕަރޭޝަނާއި މެދު ނަފުރަތު އުފައްދާ ކުންފުނީގެ އަގުވައްޓާލުމުގެ އަމަލެއްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި؛

މައްސަލައިގެ އަސްލު ނިސްބަތްވެފައިވަނީ ޗެނަލް 13 އިން ބްރޯޑްކާސްޓްކޮށްފައިވާ “ފެނަކަ ކޯޕަރޭޝަންގެ ލޯގޯ (ކަޅާހުދުގެ) ލިޔުމުގެ ސައްޙަކަމުގެ މައްޗަށް ކަމަށް ވާތީ؛

އެ ލިޔުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުން މައުލޫމާތު ސާފުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް މަސައްކަތް ކުރެވުނު ނަމަވެސް، އެ ލިޔުމުގެ އަސްލު،  މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ހޯދިފައިނުވާކަމާއި، އެ ލިޔުމުގެ ސައްޙަކަން ކަށަވަރުކުރެވިފައިނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މި ކޮމިޝަނަށް މައުލޫމާތު ދީފައިވާތީ؛

21 ފެބްރުވަރީ 2020 ވީ ހުކުރު ދުވަހުގެ ހަވީރު 06:00 ހާއިރު ޗެނަލް 13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ބްރޯޑްކާސްޓްކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ ލޯގޯ ޖަހާފައިވާ ލިޔުމުގެ ސައްޙަކަން މި ކޮމިޝަންގެ ތަޙްޤީޤަށް ކަށަވަރުކުރެވެން ނެތަތީ، ޗެނަލް 13 އިން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ކަނޑައެޅެން ނެތް ކަމަށް މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

18 އޮގަސްޓް 2020