ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-06/2021)

January 3, 2022

ޝަކުވާ ނަމްބަރު: CAC-06/2021

ޝަކުވާ ހުށަހެޅި ތާރީޙް: 31 އޮގަސްޓް 2021

ހުލާސާ: މިއީ، ދިވެހިރާއްޖޭގެ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދުގެ ދަށުން ހެދިފައިވާ އުޞޫލުތަކާ ޙިލާފަށް، ރީބްރޯޑްކާސްޓްކުރުމުގެ ޙިދުމަތް ދެމުންގެންދާ މީޑިއާނެޓްއިން އެކްސްކްލޫސިވްކޮށް ބޭރުގެ ފަރާތްތަކުން ކޮންޓެންޓް ރައިޓްސް (ފުޓުބޯޅަ ލީގުތަކުގެ ކޮންޓެންޓް)  ގަނެ ވާދަވެރިންނަށް އެކޮންޓެންޓް ދެއްކުން މަނާވާނެގޮތަށް އަމަލުކުރަމުންދާކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާތީ ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ރީބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދުގެ ދަށުން ހެދިފައިވާ އުޞޫލުތަކާ ޙިލާފަށް، ރީބްރޯޑްކާސްޓްކުރުމުގެ ޙިދުމަތް ދެމުންގެންދާ މީޑިއާނެޓްއިން އެކްސްކްލޫސިވްކޮށް ބޭރުގެ ފަރާތްތަކުން ކޮންޓެންޓް ރައިޓްސް (ފުޓުބޯޅަ ލީގުތަކުގެ ކޮންޓެންޓް)  ގަނެ ވާދަވެރިންނަށް އެކޮންޓެންޓް ދެއްކުން މަނާވާނެގޮތަށް އަމަލުކުރަމުންދާކަމަށް ބުނެ ހުށަހަޅާފައިވާ މި މައްސަލައިގައި،

ދިވެހިރާއްޖޭގެ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދުގެ ދަށުން ހެދިފައިވާ އުޞޫލުތަކާ ޙިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު މުގުރާލައި ދިވެހިރާއްޖޭގައި މީޑިއާގެ ޙިދުމަތް ދެމުންގެންދާ މީޑިއާނެޓްއިން އެކްސްކްލޫސިވްކޮށް ބޭރުގެ ފަރާތްތަކުން ކޮންޓެންޓް ރައިޓްސް (ފުޓުބޯޅަ ލީގުތަކުގެ ކޮންޓެންޓް)  ގަނެ ވާދަވެރިންނަށް އެކޮންޓެންޓް ދެއްކުން މަނާވާނެގޮތަށް އަމަލުކުރަމުންދާކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ.

ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ތަޙްޤީޤު ކުރެވެމުންދާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތުދީ، މައްސަލައަށް  ޖަވާބުދާރީވެފައިވާކަމާއި،

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާއި އުސޫލުތަކާއި ޙިލާފަށް، އެކްސްކްލޫސިވްކޮށް ބޭރުގެ ފަރާތްތަކުން ފުޓްބޯޅަ ލީގުތަކުގެ ކޮންޓެންޓް ރައިޓްސް ގަނެ ވާދަވެރިންނަށް އެ ކޮންޓެންޓް ދެއްކުން މަނާވާނެގޮތަށް ޢަމަލުކުރަމުންދާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަށް މީޑިއާނެޓުން އިންކާރުކޮށް، ރީބްރޯޑްކާސްޓް ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އެއްވެސް އަމަލެއް ހިންގަމުން ނުދާކަމަށާއި، މީޑިއާނެޓުން ޚިދުމަތްދެނީ، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާފަދައިން ޗެނަލުގެ ވެރިފަރާތް ނުވަތަ ޗެނަލުގެ ވެރިފަރާތުން ޗެނަލުގެ ރައިޓްސް ދިނުމަށް އެކަށައަޅައިފައިވާ ފަރާތާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ ނޮން އެކްސްކްލޫސިވް އެއްބަސްވުންތައް ހެދިގެން ކަމާއި، ދިވެހި ރައްޔިތުންގެ ޚާއްސަ ޝައުޤެއް ހިމެނޭ ލިސްޓަޑް އިވެންޓްތައް ފޯރުކޮށްދިނުމުން ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު މަޙްރޫމްވާނޭ ފަދަ ގޮތަކަށް ނުވަތަ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރަށް އެންމެ ފުޅާ ދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދޭ ޒަރީޢާއިން ނުގެނެސްދެވޭފަދަ ގޮތަކަށް، ލިސްޓެޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ވަކި ޙައްޤުތަކެއް ކޮންވެންޝަނަލް ރީބްރޯޑްކާސްޓަރު ހޯދުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައިވާއިރު އެފަދަ ގޮތަކަށް އަމަލުކުރަމުން ގޮސްފައި ނުވާނެކަމާއި، މީޑިއާނެޓުގެ ފަރާތުން ރައިސްޓް ގަނެ ރީބްރޯޑްކާސްޓްކުރަމުންދާ ޗެނަލްތަކުގައި ހިމެނޭ ކުޅިވަރާއި ގުޅޭ އެންމެހައި ކޮންޓެންޓްތަކަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާ އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 20 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން އެ  ޗެނަލްތައް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު މީޑިއާނެޓުން ހޯދާފައިވާ އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އިން ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން މީޑިއާނެޓުން ފޯރުކޮށްދެމުންދާ ޗެނަލްތަކެއްކަމަށް  ބުނެ ހުށަހެޅި ޤާނޫނީ މާއްދާތަކަށް ރިއާޔަތްކުރާއިރު،

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާ (ހ) ގައި ” ރީބްރޯޑްކާސްޓުކުރުމަށް އެދޭ ޗެނަލަކީ، އެހެން ޤައުމެއްގައި، އެ ޤައުމުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސެއްގެ ދަށުން ބްރޯޑްކާސްޓްކުރާ ޗެނަލަކަށްވުން.” އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 20 ވަނަ މާއްދާގައި ” ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ޗެނަލް ފޮނުވަންވާނީ، ޗެނަލް ވެރިފަރާތް ނުވަތަ ޗެނަލްގެ ވެރިފަރާތުން ޗެނަލްގެ ރައިޓްސް ދިނުމަށް އެކަށައަޅައިފައިވާ ފަރަތާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ ނޮން އެކްސްކުލޫސިވް އެއްބަސްވުމެއް އޮވެގެންނެވެ.” މި މާއްދާތަކުން މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ ޖަވާބަށް ދަލީލުކުރާކަމާއި،

މީޑީއާނެޓް ޕްރައިވެޓް ލިމިޓެޑަކީ ކޮމިޝަންގެ ނަންބަރު 427-LCM/(RB)/2014/43 އިން 4 ނޮވެންބަރު 2014 އިން ފެށިގެން މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާާ ފަރާތެއްކަމަށްވާތީއާ،

މައްސަލަ ރައްދުވާ މީޑިއާނެޓްގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތުގެ ތެރޭގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 20 ވަނަ މާއްދާ އާއި ޚިލާފަށް އެކްސްކުލޫސިވް ރައިޓްސް އޮތް ޗެނަލަކަށް ކޮމިޝަނުން ހުއްދަ ދީފައިނެތަތީ، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު އަދި ކަނޑައެޅިފައިވާ އުސޫލުތާކާއި ޙިލާފްވެފައިވާ ކަމަށް ކަނޑައެޅޭނޭ ޖާގައެއް ނެތް ކަމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

13 ޑިސެންބަރު 2021