ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-10/2013)

July 23, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-10/2013)

ޝަކުވާ ނަމްބަރު: CAC-10/2013

ޝަކުވާ ހުށެހެޅި ތާރީޙް: 05 މާޗް 2013

ހުލާސާ:  ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތަކާއި، ނިންމާ ނިންމުންތަކާއި، އަދި ކޯޓުތަކާއި ފަނޑިޔާރުންނާއި ބެހޭގޮތުން ނުބައި ތަސައްވުރެއް ދެވޭފަދަ ގޮތަކަށް، 01 ފެބްރުއަރީ 2013ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ “ތިލަފަތް” ޕްރޮގްރާމްގައި ގެނެސްދީފައިވާ ކަމަށް ބުނެ ހުށަހަޅާފައިވުން.

 

ނިންމި ގޮތް:   01 ފެބްރުއަރީ 2013 ގައި ރާއްޖެ ޓީވީގެ “ތިލަފަތް” ޕްރޮގްރާމްގައި ފޮނުވާފައިވާ ކޮންޓެންޓަކީ  ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އެއް ވަނަ ހަމައިގެ (2) އާ ޚިލާފު ކޮންޓެންޓެއް ކަމަށް ޝަކުވާ ހުށަހެޅި ފަރާތުން ބަޔާންކޮށްފައިވީ ނަމަވެސް، ޝަރުޢީ ކޯޓުތަކުގެ ނިންމުންތަކާއި ކޯޓުތަކާބެހޭ ގޮތުން ޢިލްމީގޮތުން ވާހަކަ ދައްކައި ބަހުސުކޮށް ހެދުމަކީ ބައިނަލްއަޤުވާމީ މިނިވަން ދިމިގްރާތީ މުޖުތަމަޢުތަކުގައި ކޮށްއުޅޭ ކަމެއްކަމާއި، އަދި ދިވެހިރާއްޖޭގައި ވެސް އެފަދަ ބަހުސްތަށް ކުރެވެމެންދާކަމާއި، އެފަދައިން ކުރެވޭ ބަހުސްތަކާއި ދިރާސާތަކަކީ ކޯޓުތަކުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތަކާއި، ކޯޓުތަކާއި ފަނޑިޔާރުންނާ ބެހޭގޮތުން ނުބައި ތަސައްވުރެއް ދެވޭފަދަ ބަހުސްތައް ނުވަތަ ދިރާސާތަށް ކަމަށް ބަލަންޖެހޭ ފަދަ ސަބަބެއް ނޫންކަމަށް ފެނުނު ހިނދު އެ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އެއް ވަނަ ހަމައިގެ (2) އާ ޚިލާފު ކޮންޓެންޓެއްކަމަށް ކަނޑައެޅެން ނެތްކަމާއި، ނަމަވެސް ހަވާލާދެވުނު ތިލަފަތް ޕްރޮގްރާމްގެ ތެރެއިން ގެނެސްދިން ރިޕޯޓްގައި ފަޑިޔާރުންނާ ބެހޭ ގޮތުން ތުހުމަތުތަކެއްގެ ވާހަކަ ގެނެސްދީފައި ވާއިރު ފަޑިޔާރުގޭގެ އެއްވެސް ބަހެއް މި ރިޕޯޓް ބެލެންސްކުރުމަށް ގެނެސްދީފައި ނުވުމާއި އަދި އެ ފަދަ ބަހެއް ހޯދުމަށް މަސައްކަތް ކޮށްފައިވާކަން ރިޕޯޓުގައި ހާމަކޮށްފައި ނެތްކަމަށް ފެންނާތީ، އެ ރިޕޯޓް ގެނެސްދީފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ (1) “ޚަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ހަމަހަމަކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރުން” އާ ޚިލާފަށް ކަމަށް ކަނޑައަޅައި، 1 ފެބްރުއަރީ 2013 ގައި ގެނެސްދިން ތިލަފަތް ޕްރޮގްރާމްގެ ރިޕީޓް ބްރޯޑްކާސްޓްކުރާ ނަމަ ރިޕޯޓު އިސްލާޙުކުރުމަށްފަހު މެނުވީ ބްރޯޑްކާސްޓް ނުކުރުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ )ހ(ގެ 4ގެ ދަށުން ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑްއަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީއެވެ.

23 ޖުލައި 2013