ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-12/2020)

January 31, 2021

ޝަކުވާ ނަމްބަރު: CAC-12/2020

ޝަކުވާ ހުށަހެޅި ތާރީޙް: 25 ފެބްރުވަރީ 2020

ހުލާސާ: މިއީ، އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ޅ. އޮޅުވެލިފުށީގައި ދޭކަމަށް ބުނެ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްއަށް ރައްދުވާގޮތަށް 25 ފެބްރުވަރީ 2020 ގައި ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ޅ.އޮޅުވެލިފުށީގައި ދޭކަމަށް ބުނެ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްއަށް ރައްދުވާގޮތަށް 25 ފެބްރުވަރީ 2020 ގައި ހުށަހަޅާފައިވާ މި މައްސަލައިގައި،

ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ތަޙްޤީޤު ކުރެވެމުންދާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާކަމާއި؛

މައްސަލައަށް ޖަވާބުދާރީވެ ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީއަށް ރިޢާޔަތްކުރާއިރު،ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑުން ޅ.އޮޅުވެލިފުށީގައި އެއަރޓެލް، ވީޑިއޯކޮން އަދި ޑައިލޮގް މެދުވެރިކޮށް ޗެނަލް ހިމަނައިގެން ރީބްރޯޑްކާސްޓްކުރުމުގެ (ކޭބަލްޓީވީ)ގެ ޚިދުމަތް ދެމުން ނުގެންދާކަމާއި، ނަމަވެސް ޅ.އޮޅުވެލިފުށީގައި ބަޑީސް ނެޓްގެ ފަރާތުން ދެމުންގެންދަނީ އިންޓަރނެޓްގެ ޚިދުމަތްކަމާއި، އިންޓަރނެޓް ޕެކޭޖް އާއި އެކު ސްޓްރީމް ސާވިސް އަކުން ފެންނަން ހުންނަ ސްޓްރީމިން ޗެނަލްތަކަކީ އިންޓަރނެޓްގެ ޒަރީއާއިން ފެންނަ ޗެނަލްތަކެއްކަމާއި، އެއިރެއްގައި ލިންކް ލިބެންހުންނަ ޗެނަލްތައް ސްޓްރީމިންގްސާރވިސްގެ ތެރެއިން ފެންނާނެ ކަމަށް ބަޔާންކޮށްފައިވާތީއާ،

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

އިންޓަނެޓްގެ ޒަރީއާއިން، ޗެނަލްތައް ސްޓްރީމްކުރެވޭގޮތަށް ދޭ ޚިދުމަތަކީ، ޤާނޫނު ނަންބަރު  16/2010(ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކަށް ނުވާތީ، ކޮމިޝަންގެ އިޙްތިޞާޞުގައި ހިމެނޭ މައްސަލަތަކެއް ނޫންކަމަށް ކޮމިޝަންގެ ނަންބަރު CAC-15/2017 އަދި ކޮމިޝަންގެ ނަންބަރު CAC-13/2019 މައްސަލަ ނިންމުމުގައި ކޮމިޝަނުން ކަނޑައަޅާފައިވާކަމާއި،

“ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއާ ގުޅޭ އުސޫލު” 20 އޮކްޓޫބަރު 2020 ގައި ކޮމިޝަނުން ފާސްކޮށް އަމަލުކުރަން ފަށާފައިވާކަމާއި،

މި އުސޫލުގައި ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ތެރޭގައި އިންޓަރނެޓް އަދި އެހެނިހެން (ކޮމިޝަނުން ފާސްކޮށްފައިވާ) ހިމަނާފައިވީނަމަވެސް، CAC-12/2020 މި މައްސަލަ ކޮމިޝަނަށް ހުށަހަޅާފައިވަނީ
25 ފެބްރުވަރީ 2020ގައި ކަމުންމި މައްސަލައަކީ “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއާ ގުޅޭ އުސޫލު” ވުޖޫދަށް އައުމުގެ ކުރިން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށް ވީނަމަވެސް،

ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑުން ޅ. އޮޅުވެލިފުށީގައި އިންޓަރނެޓް ޕެކޭޖް އާއި އެކު ސްޓްރީމް ސާވިސް އަކުން ފެންނަން ހުންނަ ސްޓްރީމިން ޗެނަލްތަކެއް ހިމަނައި ޚިދުމަތްދެމުންގެންދާކަން ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ އިއުތިރާފުން އެންގެން އޮތަތީއާ،

“ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއާ ގުޅޭ އުސޫލު” ގައި ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ތެރޭގައި އިންޓަރނެޓް އަދި އެހެނިހެން (ކޮމިޝަނުން ފާސްކޮށްފައިވާ) ހިމަނާފައިވާތީ، އިންޓަރނެޓާ އެކު ސްޓްރީމް ސާވިސް އަކުން ފެންނަން ހުންނަ ސްޓްރީމިން ޗެނަލްތަކެއް ހިމަނައިގެން ޚިދުމަތްދެމުންދާނަމަ، އެ ޚިދުމަތަކީ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތެއްކަމަށް ބެލެވޭތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ކަމާގުޅޭ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލައިސަންސް ލިބިގެން ނޫނީ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށް ނުދިނުމަށް ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑަށް ދެންނެވުމަށްށާއި،  ބަޑީސް ނެޓް ޕްރައިވެޓް ލިމިޓެޑުން ޅ. އޮޅުވެލިފުށީގައި އިންޓަރނެޓް ސްޓްރީމިންގ ޒަރީއާއިން ޚިދުމަތް ދެމުންގެންދާނަމަ، އެ ޚިދުމަތް ވަގުތުން ހުއްޓާލުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ކަމާގުޅޭ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ އިމުގެތެރެއިން ޚިދުމަތް ދިނުމަށް ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑަށް ދެންނެވުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

20 ޖަނަވަރީ 2021