ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-17/2018)

February 4, 2019

ޝަކުވާ ނަމްބަރު: CAC-17/2018

ޝަކުވާ ހުށަހެޅި ތާރީޙް: 10 އޮކްޓޫބަރު 2018

ހުލާސާ: މިއީ، ޗެނަލް 13 އިން ގެނެސްދިން “އޮޅުވާލި ވޯޓު” ޕްރޮގްރާމްގައި 8 އޮކްޓޫބަރު 2018 ގެ 22:21 ގައި، ވަގު ޝަރީފު ކަމަށް ބުނެ އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ޞައްޙަނޫން އަދި ސާބިތު ނުހިފޭ ދޮގު މަޢުލޫމާތު ފަތުރައި، އަދި އެބޭފުޅާގެ ޤަދަރަށާއި ޢިއްޒަތަށް އުނިކަންލިބޭގޮތަށް، ރައްޔިތުންގެ ކުރިމަތީގައި މުޚާތަބުކޮށް ދައްކާފައިވާ ވާހަކަތައް ވަގުތުން ޓެލެކާސްޓްކޮށްފައިވާކަމަށް ބުނެ، ހުށަހަޅައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މަތީގައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، ޗެނަލް 13 އިން ގެނެސްދިން “އޮޅުވާލި ވޯޓު” ޕްރޮގްރާމްގައި 8 އޮކްޓޫބަރު 2018 ގެ 22:21 ހާއިރު، ވަގު ޝަރީފު ކަމަށް ބުނެ އިލެކްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް އަޙްމަދު ޝަރީފްގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ޞައްޙަނޫން އަދި ސާބިތު ނުހިފޭ ދޮގު މަޢުލޫމާތު ފަތުރައި، އަދި އެބޭފުޅާގެ ޤަދަރަށާއި ޢިއްޒަތަށް އުނިކަންލިބޭގޮތަށް، ރައްޔިތުންގެ ކުރިމަތީގައި މުޚާތަބުކޮށް ދައްކާފައިވާ ވާހަކަތައް ވަގުތުން ޓެލެކާސްޓްކޮށްފައިވާކަމަށް ބުނެ، ކޮމިޝަނަށް ހުށަހަޅާފައި މިވާ ޝަކުވާއާ ގުޅޭ ކޮންޓެންޓްގައި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުއާ ޚިލާފު ކޮންޓެންޓް ހިމެނޭކަމަށް ބެލެވިގެން ކުރިޔަށް ގެންދިޔަ މައްސަލައިގެ ތަޙުޤީޤުގެ މަރުހަލާގައި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ޤާނޫނު، 22 ނޮވެންބަރު 2018 ގައި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާ އަދި ޢަމަލުކުރަން ފެއްޓެވުމާ ގުޅިގެން، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފުކަމަށް ބެލެވޭތީ ކޮމިޝަނުން ބަލަމުން ގެންދިޔަ މައްސަލަތައް،
22 ނޮވެންބަރު 2018 އިން ފެށިގެން ބަލަމުންދާނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ކަމުގައި ކޮމިޝަނުން ނިންމާފައިވާކަމާއި؛

މިގޮތުން، މި ޝަކުވާއާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ދިން ފުރުސަތުގައި؛

މައްސަލައަށް ޖަވާބުދާރީވެ، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިގެ ފަރާތުން ދިން ބަޔާނުގައި މައްސަލައާ ގުޅޭ ކޮންޓެންޓްގައި ވާހަކަ ދެއްކި ބޭފުޅަކު ދެއްކި ވާހަކަ، ޗެނަލް 13 އިން ލައިވް ކުރަމުން ދިޔައިރު ކޮންޓެންޓުގައި ހިމެނެނީ ކޮންބޭފުޅެއްގެ ވާހަކަކަމެއް އަދި ބޭފުޅަކާމެދު ދޮގު ތުޙުމަތެއް ނޫނީ ބޭފުޅެއްގެ އަބުރަށް އަރައިގަންނަކަމެއް ޗެނަލް 13 އަށް ނޭނގޭކަމަށާއި، އެއީ ކޮން ބޭފުޅެއް ކަން ސީދާ ޔަޤީންކަމާއެކު އެނގޭނަމަ އަޑު ކަނޑާލާނެކަމާށާއި، އެ ކޮންޓެންޓް ބްރޯޑްކާސްޓެއް ވެސް ނުކުރާނެކަމަށާއި، މައްސަލައިގެ ކޮންޓެންޓްގެ ޓްރާންސްކްރިޕްޓްގައި ދަށުރޮނގު ދަމާފަ ހުރި ތަންތަނުގައި ފާހަގަކޮށްފަ ހުރީ ބައެއް ބޭފުޅުންނަށް ކިޔާ ވަނަންކަމަށް ބެލެވޭ ބައެއް ނަންކަމަށާއި، އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތަށް އެ ބޭފުޅާއަށް ނިސްބަތްވާ ގޮތަށް ބޭނުންކުރެވިފައި ހުރި ވާހަކަތަކެއް ކަމަށް އިޙްސާސްކުރެވެނީ ކަމަށް ޗެނަލް 13 އަށް ބޮޑަށް ޤަބޫލުކުރެވޭކަމަށް ބުނެފައި ވީނަމަވެސް؛

މައްސަލައާ ގުޅޭ ކޮންޓެންޓު ބެލިބެލުމުގައި 8 އޮކްޓޫބަރު 2018 ވަނަ ދުވަހުގެ ރޭ 22:20 އިން 22:21 އަށް، ޗެނަލް 13 އިން ‘އޮޅުވާލި ވޯޓު’ ގެ ނަމުގައި ޕިޕީއެމް އޮފީސް ސަރަހައްދުގައި ވަގުތުން ބްރޯޑްކާސްޓްކުރި ޙަރަކާތުގައި ވާހަކަ ދެއްކެވި ބޭފުޅާ ދައްކާފައިވާ ވާހަކައަށް ބަލާއިރު، އެ ވާހަކަތައް ނިސްބަތްވާ ފަރާތަކީ އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފުކަން ކޮމިޝަންގެ ތަޙްޤީޤަށް ފާހަގަވެފައިވާކަމާއި އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްއަށް ނިސްބަތްކޮށް ބްރޯޑްކާސްޓްކޮށްފައިވާ އެކޮންޓެންޓްގެ ސަބަބުން އެފަރާތުގެ އަބުރާއި ޢިއްޒަތަށް އުނިކަން އަންނާނޭ ކަމަށް ފެނުނު ހިނދު، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) ވަނަ ނަންބަރު (މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުން) އާ ޚިލާފް ކޮންޓެންޓެއް ކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމުގައި ކަނޑައަޅައި؛

މިއީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) ވަނަ ނަންބަރާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ޚިލާފުވި ފަސްވަނަ ފަހަރުކަމުގައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއަރވުމުގެ ފުރުސަތު ނުދިނުމަށްޓަކައި، ސްޓޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، ޑިލޭއަކާ އެކު ނޫނީ، ލައިވް އިވެންޓްތައް ދެން ނުފޮނުވުމަށް މީޑިއާ ރިންގް ޕްރިއެޓް ލިމިޓެޑަށް އެންގުމަށް މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމީއެވެ.

28 ޖަނަވަރީ 2019