ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-18/2020)

January 31, 2021

ޝަކުވާ ނަމްބަރު: CAC-18/2020

ޝަކުވާ ހުށަހެޅި ތާރީޙް: 25 ފެބްރުވަރީ 2020

ހުލާސާ: މިއީ، ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ހދ.ނޮޅިވަރަންގައި ދޭކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ހދ.ނޮޅިވަރަންގައި ދޭކަމަށް ބުނެ ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ރައްދުވާގޮތަށް 25 ފެބްރުވަރީ 2020 ގައި  ހުށަހަޅައިފައިވާ ޝަކުވާއާ ގުޅިގެން ބެލި މި މައްސަލައިގައި،  ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާކަމާއި؛

ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަކީ، ހދ.ނޮޅިވަރަންގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަންގެ ނަންބަރު 427-LCM/(RB)/2012/20 (23 އޮކްޓޫބަރު 2012) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތެއްކަމާއި، ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވަނީ މި ކޮމިޝަނުން ފާސްކޮށްދީފައިވާ 4 ޗެނަލް) ޓީވީއެމް، ދިޓީވީ، ވީޓީވީ އަދި ރާއްޖެޓީވީ) ކަމާއި، މިހާތަނަށް ޑީކޯޑަރު އަގު އަދި އެއްވެސް އަގެއް ފާސްކުރުމަށް ކޮމިޝަނަށް ހުށަހަޅާފައިނުވާކަން ލިޔެކިއުންތަކުން އެނގެންއޮންނަކަމާއި،

މައްސަލައަށް ޖަވާބުދާރީވެ ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޮނުވި ސިޓީގައި، ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހދ. ނޮޅިވަރަންގައި 2005 ފެށިގެން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުން ގެންދާކަމާއި ޚިދުމަތުގައި މެސްކޯގެ ޗެނަލްތައް މެދުވެރިކޮށް އެއިރު ބޭރުގެ ބައެއް ޗެނަލްތައް ދޭންފެށި ނަމަވެސް، އެ ޚިދުމަތް އަގުބޮޑުވެ، ހާލަތު ހުރިގޮތުން ޚިދުމަތް މެދުކަނޑާލިކަމާ، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި -/100 ރުފިޔާގެ ފީއެއް ނަގާކަމާ، އެކިއެކި ފަރާތްތައް މެދުވެރިކޮށް ޗެނަލްތައް ދޫކުރުމުގެ ހުއްދަ ލިބޭތޯ މައްސަކަތްކޮށްފައިވާނެކަމަށާއި، ކުރިން ހުއްދަލިބިފައިވާ ބައެއް ޓީވީ ސްޓޭޝަންތަށް ބަންދުކޮށް ބައެއް ޗެނަލްތަށް ފްރީ ޓު އެއަރ ނުފެންނަ ގޮތް ވުމުން މިހާރު ދޫކުރެވުންދަނީ ޕީއެސްއެމްގެ ޗެނަލްތައް އެކަނިކަން ބަޔާންކޮށްފައިވާތީއާއި؛

އަދި ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހދ. ނޮޅިވަރަންގައި ޕީއެސްއެމް، މުންނާރު އަދި ޔެސް ޗެނަލް ހިމަނައިގެން
-/100 ރުފިޔާގެ ފީއެއްނަގައި، ރީބްރޯޑްކާސްޓްކުރާ ކަމަށް ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ލިބިފައިވާތީ، ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހދ.ނޮޅިވަރަންގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދަނީ -/100 ރުފިޔާގެ ފީ އެއް ނަގައިގެންކަން ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާތީ، ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) އާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް، ޚިދުމަތަކަށް ނެގިކަން ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ، 2,000ރ (ދެ ހާސް) ރުފިޔާ އިން ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރުމަށާއި، މި ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއި، ބްޜޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

26 ޖަނަވަރީ 2021