ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-23/2020)

January 5, 2021

ޝަކުވާ ނަމްބަރު: CAC-23/2020

ޝަކުވާ ހުށަހެޅި ތާރީޙް: 02 ޖުލައި 2020

ހުލާސާ: މިއީ، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕްކޮށްފައިވާކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން Mendhuru.mv އެވެ ކިޔުނު ވެބްސައިޓެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް އަކުރުން އަކުރަށް ޗެނަލް 13 އިން ތަކުރާރުކޮށް ގެނެސްދެމުންދާތީ، އެ ރިޕޯޓު ޗެނަލް 13 އިން ބްރޯޑްކާސްޓްކުރަމުން ގެންދަނީ އެއީ ތެދެއްކަން ކަށަވަރުކޮށްގެންތޯ ބަލައިދެއްވުން އެދި ހުށަހަޅާފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ހުށަހަޅާފައިވާ މި ޝަކުވާއާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތުތަކެއް ދީފައިވީނަމަވެސް، އެފަރާތުން މައްސަލައަށް ޖަވާބުދާރީވެފައިނުވާކަމާއި؛

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ޗެނަލް 13 އިން، 28 ޖޫން 2020 ވަނަ ދުވަހުގެ ރޭ 23:44ގައި ބްރޯޑްކާސްޓް ކޮށްފައިވާ ކޮންޓެންޓްގައި ހިމެނޭ ކަންތައްތަކަކީ، ޖިނާއީ ތުހުމަތުތަކަކަށް ވާއިރު، ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމަކީ މި ކޮމިޝަންގެ އިޙްތިޞާސް ތެރޭގައި ހިމެނޭ ކަމެއް ނޫންކަމާއި،

މީޑީއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން  28 ޖޫން 2020 ވަނަ ދުވަހުގެ ރޭ 23:44ގައި ބްރޯޑްކާސްޓް ކޮށްފައިވާ ކޮންޓެންޓް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ (1) ވަނަ ނަންބަރު ” މުޖުތަމައުގެ އަދަބު އަޙުލާގުގެ މިންގަނޑުކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތައް ހިފެހެއްޓުން”، (2) ވަނަ ނަންބަރު ” އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުންނުކުރުން” އަދި (3) ވަނަ ނަންބަރު “އޮރިޔާން ކާޑާއި އޮރިޔާން ކާޑުގެ މާނައިގައި ހިމެނޭ އެއްޗިއްސާއި ޖިންސީ ގުޅުން ސިފަވާ މަންޒަރާއި އަޑު ހިމެނޭ އެއްވެސް އެއްޗެއް ބްރޯޑްކާސްޓްނުކުރުން” އާ ޚިލާފުވާ ކަމަށް ކަނޑައަޅައި، މިއީ ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ (1)، (2) އަދި (3) އާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ޚިލާފުވި ފުރަތަމަ ފަހަރު ކަމުގައިވާތީ، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު)ގެ 44 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ޕްރޮގްރާމްތައް ބައްޓަންކުރުމަށާއި، މިފަދަ ކޮންޓެންޓުތައް ފޮނުވުމުގައި ސަމާލުވުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ނަސޭހަތްތެރިވުމަށާއި، ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ (1)، (2) އަދި (3) އާ ޚިލާފް ކޮންޓެންޓެއް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ބްރޯޑްކާސްޓްކޮށްފައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 08:30 އާ ދެމެދު ޗެނަލް 13 އިން ޢާންމުކުރުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓަޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން މައްސަލަ ނިންމީއެވެ.

05 ޖަނަވަރީ 2021