ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-25/2018)

November 15, 2018

ޝަކުވާ ނަމްބަރު: CAC-25/2018

 

ޝަކުވާ ހުށެހެޅި ތާރީޙް: 04 ނޮވެންބަރު 2018

ހުލާސާ:  މިއީ، 2018 އޮކްޓޫބަރު 31 ވަނަ ދުވަހުގެ ހެނދުނު ރާއްޖެޓީވީ އިން ގެނެސްދީފައިވާ “ފަށާއިރު” ޕްރޮގްރާމް ހުށަހަޅައިދިން ފަރާތްތަކުން އެ ޕްރޮގްރާމްގައި، ޝަރުޢީ ކޯޓުތަކާއި ފަނޑިޔާރުންގެ، ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭ އަދި މުޅި ޝަރުޢީ ދާއިރާގެ ކަރާމަތާއި ޤަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާކަމަށް ފާހަކުރެވިފައިވާކަމާއި، މިފަދަ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި އިސްލާމީ ޝަރީޢަތުގައި ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާ އެއްވެސް ގުޅުމެއް ނެތް، އަދި ރައްޔިތުންގެ މެދުގައި ޝަރުޢީ ދާއިރާއާ މެދު ނުބައި ތަޞައްވަރެއް އުފެއްދުމުގެ މަޤްޞަދުގައި ޤަޞްދުގައި ކޮށްފައިވާ ނިޒާމް ޢާންމާ ޚިލާފު ޢަމަލުތަކެއްކަމަށް ވުމުގެ އިތުރުން، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކޮށްދިނުމުގެ ދުސްތޫރީ އަދި ޤާނޫނީ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއްކަމަށް ފާހަގަކުރެވިފައިވާތީ އިސްވެ ދެންނެވުނު ތާރީޚުގައި ރާއްޖެ ޓީވީއިން ގެނެސްދިން “ފަށާއިރު” ޕްރޮގްރާމް ހުށަހަޅައިދިން ފަރާތްތަކުން އެ ޕްރޮގްރާމުގައި، ޝަރުޢީ ކޯޓުތަކާއި ފަނޑިޔާރުންނާއި އަދި ވަކިން ޚާއްޞަކޮށް ދިވެހިރާއްޖެގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭ އަދި މުޅި ޝަރުޢީ ދާއިރާގެ ކަރާމަތާއި ޤަދަރަށް އުނިކަން ލިބޭ ފަދަ ގޮތެއްގައި ގެނެސްދީފައިވާ ކޮންޓެންޓްތަކަކީ، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައާއި، ދެވަނަ ހަމައިގެ ނަންބަރު 1، 2 އާއި ތިންވަނަ ހަމައިގެ 1 ވަނަ ނަންބަރާއި، ފަސްވަނަ ހަމައިގެ 1 އަދި 2 ވަނަ ނަންބަރާ ޚިލާފު އަމަލެއްކަމަށް ބުނެ، މި މައްސަލަ ބައްލަވައި ދެއްވުން އެދި ހުށަހަޅައިފައިވާ ޝަކުވާއެކެވެ.

ނިންމި ގޮތް:

31 އޮކްޓޫބަރު 2018 ވަނަ ދުވަހުގެ ހެނދުނު ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް ގެ ޗެނަލް “ރާއްޖެ ޓީވީ” އިން ގެނެސްދީފައިވާ “ފަށާއިރު” ޕްރޮގްރާމްގައި ގެނެސްދިން ކޮންޓެންޓްގައި ވާހަކަ ދެއްކެވި ޕްރެޒެންޓަރު ވާހަކަ ދައްކަވާފައި ވަނީ ޖުމްލަގޮތެއްގައި ދެ ކަމެއްގެ މައްޗަށްކަމާއި، އެގޮތުން ފުރަތަމައީ ސަދޫމްގެ ޝަރީޢަތްކުރުމުގެ ނިޒާމުން ފާހަގަކުރެވިފައިވާ މައްސަލަތަކަކާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެއް ކަމާއި، ދެވަނައީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމްއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެއް ކަމާއި، މި ޕްރޮގްރާމްގައި ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމްއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކަކީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (1)، (2)، ދެވަނަ ހަމައިގެ (1)، (2)، ތިންވަނަ ހަމައިގެ (1) އަދި ފަސްވަނަ ހަމައިގެ (1)، (2) އާ ޚިލާފަށް ދައްކާފައިވާ ވާހަކަތަކެއް ހިމެނޭ ކޮންޓެންޓެއް ނޫންކަން ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ؛

މި މައްސަލައާ ގުޅޭ ކޮންޓެންޓްގައި ވާހަކަ ދެއްކެވި ޕްރެޒެންޓަރު ވާހަކަ ދައްކާފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތްކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން މައްސަލަ ނިންމީއެވެ.

 

13 ނޮވެންބަރު 2018