އިންތިޚާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިން ޙަރަކާތްތައް ބްރޯޑްކާސްޓްނުކުރުމަށާއި ހަމަނުޖެހުމަށް މަގުފަހިވެދާނެ ގޮތަށް އަމަލު ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކޮށްފި

May 5, 2017

އިންތިޚާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިން ޙަރަކާތްތައް ބްރޯޑްކާސްޓް ނުކުރުމަށާއި ހަމަނުޖެހުމަށް މަގުފަހިވެދާނެ ގޮތަށް އަމަލު ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ތިރީގައި މިވަނީ، މިކަމާ ގުޅިގެން ކޮމިޝަނުން މިއަދު ނެރެފައިވާ ސަރކިއުލަރއެވެ.

“2017 ޤާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން، ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ. އަދި އެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން، އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެނޑިޑޭޓެއްގެ އިންތިހާބީ ހައްޤަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެންނުވާނެ ކަމަށާއި އަދި އެހެން ކެނޑިޑޭޓަކާ ބެހޭ ގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުންކޮށްގެން ވެސް ނުވާނެއެވެ.

މަތީގައި ބަޔާންކޮށްފައިވާ ދެ މާއްދާއާ ޚިލާފަށް ބްރޯޑްކާސްޓްކުރުމަކީ، ޤާނޫނެއްގެ ބާރު ކެނޑިގެންދާ ގޮތަށް ބްރޯޑްކާސްޓްކުރުން ކަމަށް ވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (2) އާ ޚިލާފު ކަމެއް ކަމަށް އަންގައި، 6 މެއި 2017ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މި ކަމަށް ސަމާލުވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

އަދި އިންތިހާބުގެ ކަންކަން ހިނގަމުންދާ މި ދަނޑިވަޅުގައި، ޤައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށާއި އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަމަތަކަށް އިހްތިރާމްކުރުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރަމެވެ. މިއާ ޚިލާފަށް ބްރޯޑްކާސްޓްކުރާ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ.”