“ޗެނެލް 100” އަދި “ޗެނެލް +100” ގެ ނަމުގައި މީޑިއާނެޓްއިން ބްރޯޑްކާސްޓްކުރަމުންދާ ކޮންޓެންޓާއި އަދި މި ޗެނަލްތަކުން ފޮނުވާކަމަށް މީޑިއާނެޓުން މިހާރު އިޝްތިހާރުކުރަމުންދާ ކޮންޓެންޓާ ބެހޭ

June 26, 2014

ނޫސް ބަޔާން

“ޗެނެލް 100” އަދި “ޗެނެލް 100+” ގެ ނަމުގައި މީޑިއާނެޓްއިން ބްރޯޑްކާސްޓްކުރަމުންދާ ކޮންޓެންޓާއި އަދި މި ޗެނަލްތަކުން ފޮނުވާކަމަށް މީޑިއާނެޓުން މިހާރު އިޝްތިހާރުކުރަމުންދާ ކޮންޓެންޓާ ބެހޭ ގޮތުން ދަންނަވަމެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 18ވަނަ މާއްދާގައި، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ޗެނެލް ފޮނުވަންވާނީ ޗެނެލް ދޭ ފަރާތާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތާއި ދެމެދުގައި ވެފައިވާ އެއްބަސްވުމެއް އޮވެގެންކަމަށް ބަޔާންކޮށްފައި ވެއެވެ. މީޑިއާނެޓުން ފޮނުވާ “ޗެނެލް 100” އަދި “ޗެނެލް 100+” އަކީ މީޑިއާނެޓްގެ ޚިދުމަތުގެ އީ.ޕީ.ޖީގައި ހިމެނޭ ޗެނެލް ލިސްޓްގައި ހިމެނޭ ޗެނެލެއްކަމުން މި ޗެނެލްގެ ވެރިފަރާތާއި މީޑިއާނެޓާ ދެމެދު ވެފައި އޮންނަ އެއްބަސްވުމެއް އޮވެގެން މެނުވީ އެ ޗެނެލްތައް ރީބްރޯޑްކާސްޓްކުރެވޭނޭ ޤާނޫނީ ހަމައެއް އޮތްކަމަކަށް ނުފެނެއެވެ. މީގެ އިތުރުން ކޮންމެ ޓީވީ ޗެނެލެއްގައި ވެސް އެ ޗެނެލެއްގެ ސްޓޭޝަން އައިޑެންޓިފިކޭޝަން ސްކްރީންއިން ފެންނަން ހުންނަން ޖެހޭއިރު، މި ދެ ޗެނެލްގައި ވަކި ޚާއްސަ ސްޓޭޝަން އައި.ޑީ އެއް ފެންނަން ނުހުންނަކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 27 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކުރާއިރު، ރީބްރޯޑްކާސްޓްކުރެވޭ ކޮންމެ ޗެނެލެއް ވެސް ފޮނުވަންވާނީ، އެ ޤަވާއިދުގެ 27 ވަނަ މާއްދާގެ (ހ) އާއި 28ވަނަ މާއްދާ އާއި 37ވަނަ މާއްދާގެ (ހ)ގެ ބޭނުމަށް ގެންނަންޖެހޭ އުނި އިތުރު ފިޔަވައި، އެ ޗެނެލެއްގެ ފީޑް ލިބެމުންދާ ގޮތަށް އިތުރު އެއްވެސް ބަދަލެއް ނުގެނެސްކަން ސާފުކޮށް އެނގެއެވެ. ނަމަވެސް “ޗެނެލް 100” އަދި “ޗެނެލް 100+” އިން ފޮނުވަނީ އެކި ވަގުތު އެކި ޗެނެލްތަކުގެ ކޮންޓެންޓްކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. މި ގޮތަށް އުނިއިތުރު ގެނެސްގެން ކޮންޓެންޓް ގެނެސްދިނުމަކީ ބްރޯޑްކާސްޓްކުރުމުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ، ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި މިއީ އެއްވެސް ފަރާތަކަށް ކުރެވޭނޭ ކަމެއް ނޫންކަމުގައި ދަންނަވަމެވެ.

މަތީގައިވާ ކަންކަމަށް ބަލާއިރު، މީޑިއާނެޓްއިން ފޮނުވާ “ޗެނެލް 100” ނުވަތަ “ޗެނެލް 100+” އަކީ މި ކޮމިޝަނުން ބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ޗެނެލްތަކެއް ކަމަށް ނުވުމާއި އަދި އެ ދެ ޗެނެލަކީ ބޭރުގެ އެއްވެސް ފަރާތަކުން ހިންގާ ޗެނެލެއްކަންވެސް އެނގެން ނެތުމާއި އަދި އެ ޗެނެލްތަކުގައި މިހާރު ކުރެވެމުން ދަނީ ބްރޯޑްކާސްޓް ކަމަށްވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިދުމަތްކުރިއަށް ގެންދިއުމަށާއި އެ ދެ ޗެނަލްއިން ބްރޯޑްކާސްޓްކުރުން ވަގުތުން ހުއްޓާލުމަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް މިހާރު ވާނީ އަންގާފައެވެ.

26 ޖޫން 2014