ބްރޯޑްކާސްޓަރުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް ކޮމިޝަނުން އިލްތިމާސްކޮށްފި

January 25, 2021

ދައުލަތާއި ސަރުކާރުގެ އިދާރާތަކުގެ އެކިއެކި ހަރަކާތްތައް ބްރޯޑްކާސްޓަރުން ކަވަރުކުރުމަށް ހަމަހަމަ ފުރުސަތު ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅިގެން ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ ސަރކިއުލަރގެ މުހިންމު ބައިތަކެވެ.

“ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހައްޤަކަށް ވީހިނދު، އަދި ޑިމޮކްރަސީއެއްގެ ވެސް އެންމެ މުހިންމު އެއް އަސާސްއެވެ.

އެހެންކަމުން، ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ބާއްވާ ނޫސް ކޮންފަރެންސްތަކާއި އެކިއެކި ހަރަކާތްތައް ކަވަރުކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދީ، އެކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

އާންމު ރައްޔިތުންނަށް ސައްޙަ މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން ކުރަމުންދާ މަސައްކަތްތަކާއި އަދި ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ދެއްވާ އެއްބާރުލެއްވުންވެސް މި ފުރުސަތުގައި މި ކޮމިޝަނުން ފާހަގަކުރަމެވެ.”