ކަނޑައަޅާފައިވާ މުއްދަތުގައި ޚިދުމަތް ފަށާފައިނުވާތީ އާރު. ޕްރޮޑަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާޠިލްވެއްޖެ

October 26, 2017

އާރު. ޕްރޮޑަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް، ކަނޑައަޅާފައިވާ މުއްދަތުގައި ޚިދުމަތް ފަށާފައިނުވާތީ ބާޠިލްވެއްޖެއެވެ.

މިކަމާ ގުޅިގެން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ނެރެފައިވާ އިއުލާނެއްގައި ވަނީ، ޤާނޫނު ނަންބަރު: 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ނ) އާއި ގަވާއިދު ނަންބަރު 2012/R-11 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 19 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން، ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފަށަންވާނެ ތާރީޚަކީ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން 12 މަސް ހަމަވާ ތާރީހު ކަމުގައި ކަނޑައަޅައި އަދި މި ތާރީޚުގެ ފަހުން އިތުރަށް ހިނގާ 12 މަސްދުވަހުގެ ތެރޭގައި ބްރޯޑްކާސްޓްކުރަން ފަށާފައިނުވާނަމަ، ލައިސަންސް ބާޠިލްވާނޭ ކަމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު: (IUL)427-LCM/PRIV/2013/6 (21 ފެބްރުއަރީ 2013) އިއުލާނުން ކަނޑައަޅައިފައިވާތީ، ތިރީގައި ބަޔާންކޮށްފައިވާ ޗެނަލްއަށް ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އިން ހުއްދަ ދޫކޮށްފައިވާ ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތް މެދުވެރިކޮށް ބްރޯޑްކާސްޓްކުރަން ފަށާފައިނުވާތީ، އެ ޗެނެލްގެ ވެރިފަރާތަށް ދޫކޮށްފައިވާ ލައިސަންސް، ޤާނޫނާ އެއްގޮތް ވާގޮތުގެ މަތީން ބާޠިލްވެފައިވާކަން އާއްމުކޮށް އަންގައި އިއުލާންކުރަމެވެ.

ޗެނެލްގެ ނަން:  ރާއްޖެ ޕްލަސް

ލައިސަންސް ދޫކޮށްފައިވާ ކުންފުނި:      އާރު. ޕްރޮޑަކްޝަން ޕްރައިވެޓް ލިމިޓެޑް

ލައިސަންސް ނަންބަރު: 427-LCM/CML(TV)/2015/12

ބްރޯޑްކާސްޓް ކުރުމަށް ހުއްދަކޮށްފައިވާ ވަސީލަތް: ސެޓަލައިޓް

ލައިސަންސް ދޫކޮށްފައިވާ ތާރީޚް: 9 ސެޕްޓެމްބަރ 2015

ބްރޯޑްކާސްޓްކުރަން ފެށުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހް:   8 ސެޕްޓެމްބަރ 2016

ބްރޯޑްކާސްޓްކުރަން ފަށާފައި ނުވުމުގެ ސަބަބުން ލައިސަންސް ބާޠިލްވާ ތާރީހް: 9 ސެޕްޓެމްބަރ 2017

ކުންފުނީގެ މަސްއޫލްވެރިން:

  1. އަލްފާޟިލާ ފާޠިމަތު މުފީދާ، ގ. މާވާ ވިލާ/ މާލެ (ހިއްސާދާރެއް)
  2. އަލްފާޟިލް މުޙައްމަދު ޙުސައިން، ދަފްތަރު ނަންބަރު 3721/ މާލެ (ހިއްސާދާރެއް)

މީގެ އިތުރުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އާރު. ޕްރޮޑަކްޝަން ޕްރައިވެޓް ލިމިޓެޑަށް މިއަދު ފޮނުވާފައިވާ ސިޓީގައި، 8 ސެޕްޓެމްބަރ 2017ގައި “ރާއްޖެ ޕްލަސް” އިން ބްރޯޑްކާސްޓްކުރަން ފަށާފައިވާ ކަމަށް އާރް. ޕްރޮޑަކްޝަން ޕްރައިވެޓް ލިމިޓެޑުން ބުނެފައިވީ ނަމަވެސް، ބްރޯޑްކާސްޓްކުރަން ފަށާފައި ވަނީ “އައި.ޕީ ޓީވީ އަދި އޯ.ޓީ.ޓީ ޕްލެޓްފޯމް” މީޑިއަމް މެދުވެރިކޮށް ކަމަށް އެ ސިޓީގައި ބުނެފައިވުމާއެކު، “ރާއްޖެ ޕްލަސް” އަށް ދޫކޮށްފައިވާ  ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އިން ހުއްދަ ދޫކޮށްފައިވާ ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތް ކަމުގައިވާ “ސެޓެލައިޓް” މެދުވެރިކޮށް ބްރޯޑްކާސްޓްކުރަން ފަށައިފައިނުވާކަން އެނގެން އޮތުމާއެކު، އެ ކުންފުންޏަށް ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް، ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ބާޠިލްވެފައިވާކަން އަންގާފައިވެއެވެ.

2015 ވަނަ އަހަރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކުރި ބްރޯޑްކާސްޓް ލައިސަންސްތަކުގެ ތެރެއިން ކަނޑައެޅިފައިވާ 2 އަހަރުގެ މުއްދަތުގެ ތެރޭގައި ޚިދުމަތް ނުފަށައިފި ނަމަ ލައިސަންސް ބާތިލްވާނެކަން ސަމާލުކަމަށް ގެނައުމުގެ ގޮތުން، 29 އޯގަސްޓް 2017 ގައި ކޮމިޝަނުން ވާނީ ސަރކިއުލާއެއް ވެސް ނެރެފަ އެވެ.

ކަނޑައެޅިފައިވާ މުއްދަތުގައި ޚިދުމަތް ނުފެށުމުގެ ސަބަބުން، 2014 ވަނަ އަހަރު ވެސް 3 ކުންފުންޏަކަށް ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ވަނީ ބާޠިލްވެފަ އެވެ.