ދިވެހި ޤައުމުގެ ރީތި ނަން ބޭރު ދުނިޔޭގައި ކިލަނބުވާ ގޮތަށާއި އަދި ޓެރަރިޒަމްއަށް ހިތްވަރު ލިބޭ ކޮންޓެންޓް ބްރޯޑްކާސްޓަރުން ނުފޮނުވުމަށް ކޮމިޝަނުން ނަޞޭހަތްތެރިވެއްޖެ

March 21, 2017

ދިވެހި ދައުލަތުގެ ޚާރިޖީ ގުޅުންތަކާއި ދިވެހި ޤައުމުގެ ރީތި ނަން ބޭރު ދުނިޔޭގައި ކިލަނބުވާ ގޮތަށާއި އަދި ޓެރަރިޒަމްއަށް ހިތްވަރު ލިބޭ ކޮންޓެންޓް ބްރޯޑްކާސްޓަރުން ނުފޮނުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނަޞޭހަތްތެރިވެއްޖެއެވެ.

ތިރީގައި މިވަނީ، މިކަމާ ގުޅިގެން ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ ސަރކިއުލަރއެވެ.

“ދިވެހި ދައުލަތުގެ ޚާރިޖީ ގުޅުންތަކާއި ދޭދޭ ޤައުމުތަކުގެ މެދުގައި ޤާއިމްކުރެވިފައިވާ އެކުވެރިކަމުގެ ގުޅުންތަކަށް ބުރޫއަރާ ގޮތަށާއި ދިވެހި ޤައުމުގެ ރީތި ނަން ބޭރު ދުނިޔޭގައި ކިލަނބުވާ ގޮތަށް އަދި ޓެރަރިޒަމްއަށް ހިތްވަރު ލިބޭގޮތަށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ބައެއް ބްރޯޑްކާސްޓަރުން ފަތުރަމުންދާކަން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ރާއްޖޭގައި މިހާރު ފެތުރެމުންދާ އިންފްލުއެންޒާ ރޯގާގެ ޚަބަރުތައް އާންމުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ފަތުރަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރެއިން ބައެއް ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ޤަވާއިދާއި ކޯޑް އޮފް ޕްރެކްޓިސް އަދި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ފުށުއަރާ ކަމަށް ފާހަގަކުރެވޭ ކޮންޓެންޓް ކަމަށް މި ކޮމިޝަނަށް ފާހަގަކުރެވެއެވެ. އަދި މި ފަދަ އަމަލުތައް މި ކޮމިޝަނުން ކުށްވެރިކުރަމެވެ.

ވީމާ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ޕްރެކްޓިސް އަދި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ތެރެއިން ބްރޯޑްކާސްޓަރުންގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް މި ފުރުޞަތުގައި ހުރިހާ ބްރޯޑްކާސްޓާރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނަޞޭހަތްތެރިވަމެވެ. އަދި މިއާ ޚިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންނާމެދު ޤާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.”