ރާއްޖެ ޓީވީއިން ކޮމިޝަނާ ދެކޮޅަށް ދަޢުވާކުރި ދެ މަސައްލައެއްގައި، ކޮމިޝަނުން އަޅާފައިވާ ފިޔަވަޅުތައް ބާޠިލުކޮށްދެވެން ނެތްކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

March 31, 2019

ރާއްޖެ ޓީވީން 26 އޮކްޓޯބަރ 2016 ވަނަ ދުވަހު ގެނެސްދީފައިވާ ކޮންޓެންޓަކާ ގުޅިގެން ކޮމިޝަނުން ނިންމާފައިވާ ނިންމުމާއި، 8 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ރެއިން ފެށިގެން، ރާއްޖޭ ޓީވީގެ ޢާއްމު ކޮންޓެންޓް މެދުކަނޑާލުމާ ގުޅިގެން، ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާޠިލްކޮށްދިނުމަށް އެދި، ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލައިގައި، އެ ނިންމުންތައް ބާޠިލުކޮށްދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މީގެ ތެރެއިން ފުރަތަމަ މައްސަލައިގައި، ރާއްޖެ ޓީވީން 26 އޮކްޓޯބަރ 2016ވަނަ ދުވަހު ގެނެސްދީފައިވާ ކޮންޓެންޓް ޤާނޫނު ނަންބަރު 15/2016 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އާ ޚިލާފުކަމަށް ބުނެ 6 އޭޕްރީލް 2017 ގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޜާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް /-1,000,000 (އެއް މިލިއަން) ރުފިޔާއިން ޖޫރިމަނާކުރި ކުރުމަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި އެ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ޖޫރިމަނާކުރުމާބެހޭ އުސޫލާ ޚިލާފަށް ކޮށްފައިވާ ޖޫރިމަނާއެއް ކަމަށް ބުނެ، އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދެއްވުން އެދި ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، ކޮމިޝަނުގެ ނިންމުމަކީ ހަވާލާދީފައިވާ ކަންކަމާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން ޝަރީޢަތަށް ސާބިތުނުވާތީ، ކޮމިޝަންގެ ނިންމުން ބާޠިލުކޮށްދެވެން ނެތްކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އަދި، ކޮމިޝަނާ ދެކޮޅަށް ރާއްޖެޓީއިން ހުށަހެޅި ދެވަނަ މައްސަލައިގައި، 8 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ރެއިން ފެށިގެން، ރާއްޖޭގެ ޓީވީގެ ޢާއްމު ކޮންޓެންޓް މެދުކަނޑާލައިފައިވަނީ، ޤާނޫނު ނަމްބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 40 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2012/R-11 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ) ގެ 22 ވަނަ މާއްދާއާ ޚިލާފަށް، ކޮމިޝަންގެ ހުއްދަ ހޯދުމަކާ ނުލައިކަން، ޝަރީޢަތަށް ސާބިތުވާތީ، ކޮމިޝަނުން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށް ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު، ބާޠިލް ނިންމުމެއްކަމުގައި ކަނޑައަޅާނެ، ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމުގައި ކަނޑައަޅައި ސިވިލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

މި ޚަބަރާ ގުޅޭ އިތުރު ލިޔުންތައް