ކޮމަންވެލްތް އިލެކްޝަން އޮބްޒާރވް ޓީމުން ކޮމިޝަނާ ބައްދަލުކޮށްފި

April 2, 2019

މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާރވް ކުރެއްވުމަށް ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ކޮމަންވެލްތްގެ ޓީމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ބައްދަލުކޮށްފިއެވެ.

މިއަދު މެންދުރު ފަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ކޮމިޝަންގެ ތަޢާރަފަކާއި، ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ބްރޯޑްކާސްޓްކުރާ ކޮންޓެންޓް މޮނިޓަރކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުވެސް ކޮމަންވެލްތްގެ ޓީމާ ކޮމިޝަނުން ޙިއްސާކުރިއެވެ.

ވޭތުވެދިޔަ އިންތިޚާބުތަކުގައި މޮޏީޓަރކުރުމުގެ މަސައްކަތް ދިޔަ ގޮތާ ގުޅޭގޮތުންނާއި، މިއަހަރުގެ މަޖލިސް އިންތިޚާބުގެ މޮނިޓަރިންގ މަސައްކަތްތަކާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު، މަޢުލޫމާތު ދެއްވިއެވެ.

ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން، ކޮމިޝަނަރ ޒީނާ ޒާހިރާއި، ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙާއި ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް ޢާއިޝަތު ޝާހީން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

ކޮމަންވެލްތް އިލެކްޝަން އޮބްޒާރވް ޓީމުގައި އެންމެ އިސްކޮށް ހުންނަވަނީ ޖަމައިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑިންގއެވެ. މި ޓީމުގައި މީގެއިތުރުންވެސް އިންތިޚާބުތަކާ ގުޅޭ އެކި ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުން ހިމެނެއެވެ.