އައި.އެސް.ޑީ.ބީ.ޓީ މަޝްރޫޢުގެ ދަށުން އުފައްދަންޖެހޭ އޮފީހާ ގުޅޭގޮތުން ކޮމިޝަނާއި ޕީ.އެސް.އެމް މަޝްވަރާކޮށްފި

September 20, 2017

ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ “އިންޓަގްރޭޓެޑް ސާވިސް ޑިޖިޓަލް ބްރޯޑްކާސްޓިން- ޓެރެސްޓްރިއަލް” (އައި.އެސް.ޑީ.ބީ.ޓީ)  ނެޓްވޯރކް މަޝްރޫޢުގެ ދަށުން އުފައްދަން ޖެހޭ ޑިޖިޓަލް ބްރޯޑްކާސްޓިންގ ނެޓްވޯކް އޮފީސް(ޑީ.ބީ.އެން.އޯ) އުފެއްދުމާ ގުޅޭ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޕަބްލިކް ސަރވިސް މީޑިއާ މަޝްވަރާކޮށްފިއެވެ.

މިއަދުގެ މި މަޝްވަރާ ބައްދަލުވުމުގައި، ޑީ.ބީ.އެން.އޯ. ގައި ކޮމިޝަނާއި ޕީ.އެސް.އެމް. އަދާކުރާނެ ދައުރާއި މަސްޢޫލިއްޔަތު ކަނޑައެޅުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ޑީ. ބީ. އެން. އޯ. ގެ މައިގަނޑު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ އައި.އެސް. ޑީ. ބީ. ޓީ ޕްރޮޖެކްޓަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި، ޓައިމް ލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމާ އަދި އެކަމަށް ބޭނުންވާ އެންމެހައި ޓެކްނިކަލް ސަޕޯޓްދީ ޕްރޮޖެކްޓްގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުމެވެ. މީގެއިތުރުން، ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް ދޫކުރާ ސްލޮޓްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުންވެސް ހިމެނެއެވެ.

މިއަދުގެ މި ބައްދަލުވުމުގައި، ޕީ. އެސް. އެމް. ގެ ފަރާތުން ބައިވެރިވެވަޑައިގަތީ، މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލާއި، ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙައްމަދު ސަޢީދާއި ޑިރެކްޓަރ ޙުސައިން ޝުހާދުއެވެ. ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބާއި ނާއިބު ރައީސް މުޙައްމަދު އަސްލަމާއި ކޮމިޝަނަރ އިސްމާޢީލް ޞަފްވާނާއި ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙެވެ.