ޤާނޫނާ ޚިލާފަށް ބާއްވާ އެއްވުންތައް ލައިވްކުރުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރުން

July 23, 2017

ސަރކިއުލަރ

            427-LCM/CIR/2017/12:ނަންބަރު

ޤާނޫނާ ޚިލާފަށް ބާއްވާ އެއްވުންތައް ލައިވްކުރުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރުން

މި ފަހަކަށް އައިސް، ރާއްޖެއަށް ދިމާވެފައި މިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ބައެއް ބްރޯޑްކާސްޓް މީޑިއާތަކުން ޤައުމުގެ އަމަން އަމާންކަން ގެއްލޭ ގޮތަށާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުންދާ ކަމުގެ ޝަކުވާ މި ކޮމިޝަނަށް ދަނީ ލިބެމުންނެވެ. މީގެ ތެރޭގައި ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ޚަބަރު ފެތުރުމާއި ދައުލަތުގެ ބާރުތަކާއި އެކި މުއައްސަސާތަކުގެ އަގު ވެއްޓޭގޮތަށް ތަފާތު ފަރާތްތަކުން ދައްކާ ވާހަކަތައް ގެނެސްދިނުމާއި އެ މުއައްސަސާތަކާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނޭ ފަދަ ކޮންޓެންޓް ގެނެސްދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން، ޤާނޫނު ނަންބަރު: 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާ ޚިލާފަށް ބޭއްވޭ މުޒާހަރާތަކާއި އެއްވުންތައް ވެސް ބައެއް ބްރޯޑްކާސްޓަރުން ލައިވްކޮށް ގެނެސްދެމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ.

ޤައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އިސްކަމެއް ދީގެން ބްރޯޑްކާސްޓްކުރުމަކީ ހުރިހާ ބްރޯޑްކާސްޓަރުންގެ ޒިންމާއެއް ކަމުގައި ކޮމިޝަނުން ދެކޭކަމަށް މި ދަނޑިވަޅުގައި ފާހަގަކޮށް މި ފަދަ މައްސަލަތައް މެދުވެރި ނުވާނޭގޮތަކަށް ބްރޯޑްކާސްޓަރުންގެ ފަރާތުން ހަރަކާތްތެރިވާ ނޫސްވެރިންގެ އަމަލުތައް ބެހެއްޓުމަށާއި ބްރޯޑްކާސްޓިންގ ސްޓޭޝަންތަކުން ފޮނުވާ ކޮންޓެންޓް ބައްޓަންކުރުމަށް މަގުފަހިކުރުމުގެ ގޮތުން، އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބްރޯޑްކާސްޓިންގ ސްޓޭޝަންތައް ހިންގާ އިސް ވެރިންނަށް މި ކޮމިޝަނުން ގޮވާލަމެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ނެތި ޤާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ޕްރޮމޯޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ސަބަބުން އެއްވެސް ޤާނޫނަކާ ޚިލާފުވާނަމަ އެ ކަމުގެ ފުރިހަމަ ޒިންމާ އެ ބްރޯޑްކާސްޓަރަކު ނަގަންޖެހޭނެކަން ހަނދާންކޮށްދެމެވެ.

އަދި ހަމަ މި ފުރުސަތުގައި، ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކަށާއި، ޤާނޫނު ނަންބަރު: 2016/15 (އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރަމެވެ. އަދި މިއާ ޚިލާފަށް އަމަލުކުރަމުންދާ ބްރޯޑްކާސްޓަރުންނާ މެދު ޤާނޫނީ ފިޔަވަޅު މި ކޮމިޝަނުން އަޅާނޭ ކަމުގައި ވެސް ދަންނަވަމެވެ.

29 ޝައްވާލް 1438
23 ޖުލައި  2017