ރިޔާސީ އިންތިޚާބަށް ދޫކުރާ “ޑިރެކްޓް އެކްސެސް” ގެ މަޢުލޫމާތު ކޮމިޝަނަށް ހުށަހެޅުމަށް ބްރޯޑްކާސްޓަރުންނަށް އަންގައިފި

August 11, 2013

އިންތިޚާބާއި ބެހޭ ޢާއްމު ޤާނޫނޫ (11/2008)ގެ 30 ވަނަ މާއްދާގެ ދަށުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަވަރުކުރުމަށް ބްރޯޑްކާސްޓަރުން ރިޔާސީ ކެންޑިޑޭޓުންނަށް ދޫކުރާ “ޑިރެކްޓް އެކްސެސް ވަގުތު” މޮނިޓަރ ކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގައިފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ޢާއްމުކޮށްގައިވާ ސަރކިއުލަރގައިވާ ގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ރޭޑީއޯ/ޓީވީ ސްޓޭޝަންތަކުން ދޫކުރާ ޑިރެކްޓް އެކްސެސްގެ  އަންނަނިވި މަޢުލޫމާތު ހުށަހެޅުމަށް ވަނީ އެދިފައެވެ.

  1. ހަމަހަމަ ގޮތެއްގައި އެންމެހައި ރިޔާސީ ކެންޑިޑޭޓުންނަށް ޑިރެކްޓް އެކްސަސް ވަގުތު ދޫކުރަން ހަމަޖެހިފައިވާ އުސޫލު
  2. ޑިރެކްޓް އެކްސަސް ވަގުތު ދޫކުރަން ހަމަޖެހިފައިވާ އޮންއެއަރގެ ގަޑިތައް
  3. ޑިރެކްޓް އެކްސަސް ގެ ގޮތުގައި ދޫކުރާ ވަގުތަށް އަގެއް ނަގާނަމަ އަގުތަކުގެ ތަފްސީލް
  4. ޑިރެކްޓް އެކްސަސް ގެ ގޮތުގައި ދޫކުރާ ވަގުތު އަދި އުސޫލު އާންމުކުރާނެ ގޮތާއި، އާންމުކުރާނެ ތާރީޚުގެ މަޢުލޫމާތު
  5. އަދި، ޑިރެކްޓް އެކްސަސް ވަގުތު ތަކުގައި ބްރޯޑްކާސްޓްކުރި ކޮންޓެންޓްގެ ރިކޯރޑިންގ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ކޮމިޝަނަށް ހުށަހެޅުން

ޑިރެކްޓް އެކްސެސްއާއި ގުޅޭ މި މަޢުލޫމަތު ކޮމިޝަނަށް ފޮނުވުމުގެ ސުންގަޑިއަކީ 13 އޮގަސްޓް 2013 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިންނެވެ.