އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ އުޞޫލެއް އެކުލަވާލައި ބްރޯޑްކާސްޓަރުންނާ މަޝްވަރާކޮށްފި

January 23, 2020

އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލެއް އެކުލަވާލައި އެ އުސޫލަށް ޚިޔާލުހޯދުމަށް ބްރޯޑްކާސްޓަރުންނާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.

މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ހަމަހަމަ ކަމާއެކު، އެއަރޓައިމް ދިނުމުގައި ޢަމަލުކުރަން އެންމެ އެކަށޭނެ ގޮތަކަށް މި އުސޫލު ބައްޓަންކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

މިއީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމާއި އިސްތިހާރު ފޮނުވުމަށް ވަގުތު ދިނުމުގައި ބްރޯޑްކާސްޓަރުން ޢަމަލުކުރަންވީ ހަމަތައް ކަނޑައެޅުމާއި، އެ ހަމަތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމާއި، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބަލައި ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅުއެޅުމުގެ ހަމަތައް ބަޔާންކުރާ އުޞޫލުވެ.

މިއަދުގެ މި ބައްދަލުވުމުގައި ބްރޯޑްކާސްޓަރުންގެ ތެރެއިން، ޕަބްލިކް ސަރވިސް މީޑިއާއާއި ރާއްޖެ ޓެލެވިޜަންގެ އިތުރުން ވީ މީޑީއާއާއި 97 މިނިވަންގެ ފަރާތުން ބައިވެރިވެފައިވެއެވެ.

ކޮމިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.