“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އެކުލަވައިލުމަށް ފަހު އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

August 2, 2018

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 30 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 4/2018 (ޤާނޫނު ނަންބަރު 11/2008 އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ ދަށުން، އިންތިޚާބެއްގެ ދުވަސްވަރު، އެ އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓުންނަށާއި، އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ޚާއްޞަކޮށްގެން؛ އެ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމާއި އިޝްތިހާރު ފޮނުވުމަށް ވަގުތު ދިނުމުގައި ބްރޯޑްކާސްޓަރުން ޢަމަލުކުރަންވީ ހަމަތައް ކަނޑައެޅުމާއި، އެ ހަމަތަކާ ޚިލާފުވާކަމަށް ބެލެވޭ ބްރޯޑްކާސްޓަރުންނާމެދު ހުށަހެޅޭ ޝަކުވާތައް ބެލުމާއި، އެ ހަމަތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅުއެޅުމުގެ އުޞޫލެއް އެކުލަވާލައި އާންމުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލާޒިމްކޮށްފައިވާތީ މި އުސޫލު އެކުލަވައިލުމަށް ފަހު މިއަދު އެޓަރނީ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މި އުސޫލު އެކުލަވައިލާފައި ވަނީ، 10 ޖުލައި 2018 ގައި މި އުސޫލުގެ ފުރަތަމަ ދެލިކޮޕީ އެކުލަވައިލުމަށް ފަހު އާއްމުކޮށް ޚިޔާލުހޯދުމަށް ހުޅުވާލުމަށް ފަހު، އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ އެކު މަޝްވަރާކޮށް، މީގެ އިތުރުން ބްރޯޑްކާސްޓަރުންނާ އެކު ދެ ފަހަރެއްގެ މަތީން ބައްދަލުކޮށް އެ ފަރާތްތަކުގެ ޚިޔާލުހޯދުމަށް ފަހު ބައެއް އިސްލާހުތައް ހިމެނުމަށްފަހުގައެވެ.

މި އުސޫލަކީ ޤާނޫނު ނަންބަރު 4/2018 (ޤާނޫނު ނަންބަރު 11/2008 އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) 9 ޖުލައި 2018 ގައި ތަސްދީޤުކުރެއްވުމާއި ގުޅިގެން، އެ އިސްލާޙުގެ ދަށުން، މި ފަދަ އުސޫލެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލައި އާންމުކުރުމަށް ކޮމިޝަނަށް ލާޒިމްކޮށްފައިވުމާ ގުޅިގެން އެކުލަވާލާ އުސޫލެކެވެ. އެހެންކަމުން 8 އޮގަސްޓް 2018 ގެ ކުރިން މި އުސޫލު އާންމުކުރަން ޖެހެއެވެ. މި އުސޫލަށް އެޓަރނީ ޖެނެރަލްގެ ލަފާ ލިބުމުން ދިވެހި ސަރުކާރުގެ ގެޒެޓްގައި މި އުސޫލު ޝާއިޢުކުރެވޭނެއެވެ.