އެޗް.ޑީ. ކޭބަލް ޓީވީއާ ދެކޮޅަށް ކޮމިޝަނުން އަޅާފައިވާ ފިޔަވަޅުތަކަށް ތާއީދުކޮށް ކޯޓުން ހުކުމް ކޮށްފި

June 5, 2018

އެޗް.ޑީ ކޭބަލް (ހއ. ކެލާ) އިން ޕޭ ޗެނަލްތައް ދައްކަމުން ގެންދަނީ އެއަރޓެލް އަދި ޑިޝް ޓީވީ މެދުވެރިކޮށްގެންކަމަށް ބުނެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ (CAC-05/2017)އާއި، އެޗް.ޑީ ކޭބަލް (ހދ. މަކުނުދޫ) އިން ޕޭ ޗެނަލްތައް ދައްކަމުން ގެންދަނީ ޑައިލޮގް، އެއަރޓެލް އަދި ޑިޝް ޓީވީ މެދުވެރިކޮށްގެންކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ (CAC-06/2017) ކޮމިޝަނުން ބަލައި، އަޅާފައިވާ ފިޔަވަޅުތަކަށް ތާއީދުކޮށް ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މިގޮތުން، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 18ވަނަ މާއްދާއާ ޚިލާފަށް ހއ. ކެލާއާއި ހދ. މަކުނުދޫގައި ރީބްރޯޑްކާސްޓް ކުރަމުންގެންދާ ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިނުވާ ޗެނަލްތައް ދެއްކުން ވަގުތުން ހުއްޓާލުމަށާއި ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖަދުވަލު 2ގެ 2ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދާ ދައްކާފައިވާ ކޮންމެ ޗެނަލަކަށް -/2000ރ (ދެހާސް ރުފިޔާ)ގެ މަގުން ޖޫރިމަނާގެ ގޮތުގައި -/128000 (އެއްލައްކަ އަށާވީސް ހާސް) ރުފިޔާ 10 މެއި 2018 އިން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މަކުނުދޫ މެޖިސްޓްރޭޓް ކޯޓަށް ދައްކާ ހަލާސްކުރުމަށް އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 10 މެއި 2018ގައި ހުކުމްކޮށްފައިވެއެވެ.

މީގެއިތުރުން، އެޗް.ޑީ ކޭބަލް (ހދ. ނޮޅިވަރަންފަރު) އިން ޕޭ ޗެނަލްތައް ދައްކަމުން ގެންދަނީ އެއަރޓެލް އަދި ޑިޝް ޓީވީ މެދުވެރިކޮށްގެންކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ (CAC-07/2017)އާ ގުޅިގެން ކޮމިޝަނުން އަޅާފައިވާ ފިޔަވަޅަށް ވެސް ތާއީދުކޮށް މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލާގައި ކޯޓުން ނިންމާފައިވާ ނިންމުމުގައި ވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 18ވަނަ މާއްދާއާ ޚިލާފަށް ހދ. ނޮޅިވަރަންފަރުގައި ރީބްރޯޑްކާސްޓް ކުރަމުންގެންދާ ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިނުވާ ޗެނަލްތައް ދެއްކުން ވަގުތުން ހުއްޓާލުމަށާއި ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖަދުވަލު 2ގެ 2ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދާ ދައްކާފައިވާ ކޮންމެ ޗެނަލަކަށް -/2000ރ (ދެހާސް ރުފިޔާ)ގެ މަގުން ޖޫރިމަނާގެ ގޮތުގައި -/50000 (ފަންސާސް ހާސް) ރުފިޔާއާއި އެ ޤަވާއިދުގެ 31ވަނަ މާއްދާގެ (ނ) އާ ޚިލާފްވުމުގެ ސަބަބުން އެޤަވާއިދުގެ ޖަދުވަލު 2ގެ 8ވަނަ ނަންބަރުގެ ދަށުން-/2000ރ (ދެހާސް ރުފިޔާ)އާ އެކުޖުމްލަ -/52000 (ފަންސާސް ދެ ހާސް) ރުފިޔާ   10 މެއި 2018 އިން ފެށިގެން 16 މަސްދުވަހުގެ ތެރޭގައި މަކުނުދޫ މެޖިސްޓްރޭޓް ކޯޓަށް ދައްކާ ހަލާސްކުރުމަށް އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 10 މެއި 2018ގައި ހުކުމްކޮށްފައިވެއެވެ.