ޤަވައިދާ ޚިލާފަށް ބައެއް ރަށްރަށުގައި ރީބްރޯޑްކާސްޓްކުރާ މައްސަލައަށް ހައްލެއް ހޯދުމަށް މިނިސްޓަރ އޮފް ހޯމް އެފެއަރސްއާއެކު ކޮމިޝަނުން މަޝްވަރާކޮށްފި

July 24, 2019

ޤަވާއިދާ ޚިލާފަށް ބައެއް ޗެނަލްތައް ބައެއް ރަށްރަށުގައި ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލާގައި މިނިސްޓަރ އޮފް ހޯމް އެފެއާރްސް އިމްރާން އަބްދުﷲ އާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.

ރަށްރަށުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެވޭނީ ކޮމިޝަނުން ލައިސަންސް ހޯދައިގެން ކަމާއި، ނަމަވެސް ގިނަ ރަށްތަކުގައި މި ޚިދުމަތް ލައިސަންސެއް އޮތްނަމަވެސް. އެއާ ހިލާފަށް ބައެއް ޗެނަލްތައް ރީބްރޯޑްކާސްޓްކުރަމުންދާކަން، މިއަދު ހަވީރު ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ކޮމިޝަނުން ފާހަގަކުރިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވި ގޮތުގައި، ބޭރުގެ ޓީވީ ޗެނަލްތަކުގެ ރައިޓްސް ނެތި ބައެއް ރަށްތަކުގައި ރީބްރޯޑްކާސްޓްކުރަމުންދާ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބިފައިވާ ކަމާއި، އަދި ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ސަބަބުން ލައިސަންސް ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބޭކަމަށްވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިކޮމިޝަންގެ ބަޖެޓް ނެތުމުގެ ސަބަބުން، އެރަށް ރަށަށް ގޮސް ސީދާ މައްސަލަ ނުބެލޭ ކަމާ، ބައެއް ރަށްތަކުގައި ކައުންސިލްގެ  އެއްބާރުލުން ނުލިބޭކަން ފާހަގަކޮށްލިއެވެ.

މީގެއިތުރުން، ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރަމުންދާ ރަށްތަކުގެ މައްސަލަ ބެލުމަށް ކައުންސިލަރުންގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމުގައިވެސް ކޮމިޝަންގެ ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ހޯމް މިނިސްޓަރގެ އަރިހުން ކޮމިޝަނުގެ ރައީސް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުން ފާހަގަކުރި މައްސަލަތަކަށް ޙައްލެއް ހޯއްދަވައި ދެއްވަން މަސައްކަތް ކޮށްދެއްވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން،  ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙާއި ޑިރެކްޓަރ ލީގަލް އެފެއަރސް، ފާޠީމަތު ޝައުފާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.