ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-02/2018)

August 8, 2018

ޝަކުވާ ނަމްބަރު: IMCAC-02/2018

ޝަކުވާ ހުށަހެޅި ތާރީޙް: 20 މާރިޗު 2018

ހުލާސާ: މިއީ، ރާއްޖެ ޓީވީން 16 މާރިޗު 2018 ވަނަ ދުވަހުގެ ރޭ 23:24 އިން 23:35 އަށް ބްރޯޑްކާސްޓްކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމުގައި ޤައުމުގެ އަމަންއަމާންކަން ނަގާލާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަބުރު ގެއްލޭ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ބެލެވޭތީ ކޮމިޝަނުން ބަލާ މައްސަލައެކެވެ.

ނިންމި ގޮތް: ރާއްޖެ ޓީވީން 16 މާރިޗު 2018 ވަނަ ދުވަހުގެ ރޭ 23:24 އިން 23:35 އަށް ބްރޯޑްކާސްޓްކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމުގައި ޤައުމުގެ އަމަންއަމާންކަން ނަގާލާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަބުރު ގެއްލޭ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ބެލެވޭތީ ކޮމިޝަނުން ބަލާފައިވާ މި މައްސަލައާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުޞަތުތަކެއް ދީފައިވާކަމާއި؛

މިގޮތުން މައްސަލައަށް ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުތަކުގައި ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ސިޓީތަކަށް ނަޒަރުކުރާއިރު، ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން އެދިފައިވާފަދައިން ޖަވާބުދާރީވެވޭފަދަ ގޮތަކަށް މައްސަލައިގެ ސީޣާ ސާފުކޮށްދެވިފައިނުވާކަމަށާއި، މައްސަލައަށް ޖަވާބުދާރީވެވޭނީ މައްސަލަ ސާފުވެގެން ކަމަށް ތަކުރާރުކޮށް ބުނެފައިވީ ނަމަވެސް،

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް ޚިލާފުވާކަމަށް ބެލެވޭތީ ބަލާފައިވާ މި މައްސަލައިގައި ހިމެނޭ ކޮންޓެންޓް (ރާއްޖެ ޓީވީން 16 މާރިޗު 2018 ވަނަ ދުވަހުގެ ރޭ 23:24 އިން 23:35 އަށް ބްރޯޑްކާސްޓްކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމް) ގެ ޓްރާންސްކްރިޕްޓްއެއްގެ ގޮތުގައި ލިޔުމަށްފަހު، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފުވާ ކޮންޓެންޓް ފާހަގަކޮށް، އަދި އެ ކޮންޓެންޓް ޚިލާފުވާކަމަށް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ޤާނޫނީ މާއްދާތައް، އަދި ޚިލާފުވާކަމަށް ބެލެވޭ ސަބަބު ބަޔާންކުރުމަށްފަހު، މައްސަލައަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް ދެވިފައިވާކަމާއި؛

މި މައްސަލައަކީ، ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުގެ ޗެނަލް ‘ރާއްޖެ ޓީވީ’ އިން 16 މާރިޗު 2018 ވަނަ ދުވަހުގެ ރޭ 23:24 އިން 23:35 އަށް ބްރޯޑްކާސްޓްކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމް ގައި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދެ މާއްދާއަކާ ޚިލާފު ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށް ބެލެވޭތީ ކޮމިޝަނުން ބަލާފައިވާ މަދަނީ މައްސަލައެއް ކަމުގައިވާތީ އާއި، މި މައްސަލައިގެ ތަޙްޤީޤުގެ މަރުހަލާގައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ކަމާގުޅޭ ގަވާއިދުތަކުގައިވާ އުސޫލުތަކުގެ ދަށުން ތަޙުޤީޤުގެ އެންމެހާ އިޖުރާޢަތުތައް ފުރިހަމަކޮށް އިސްވެ ދެންނެވިފައިވާ ފަދައިން މައްސަލަ ރައްދުވާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް މައްސަލައަކީ ކޮބައިކަން ބަޔާންކޮށް، ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާތީ އާއި، މައްސަލައާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން އިންކާރުކޮށްފައިނުވާތީއާއި، ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން މައްސަލަ ސާފުނުވާކަމަށް ތަކުރާރުކޮށް ބުނަމުން ގެންދިޔުމަކީ މައްސަލަ ސާބިތުވެއްޖެ ނަމަ، އަޅާފާނެ ފިޔަވަޅަކުން ބަރީޢަވުމަށް  ކުރަމުންދާ މަސައްކަތެއް          (willful blindness) ކަމުގައި ބެލުމުގެ ފުރުސަތު އޮތަތީ؛

ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، މި މައްސަލައަކީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދެ މާއްދާއަކާ ޚިލާފުވާކަމަށް ބެލެވިގެން ކޮމިޝަނުން ބަލާފައިވާ މައްސަލައެއްކަމާއި، އޭގެ ތެރެއިން؛

ފުރަތަމައީ، މައްސަލައާ ގުޅޭ ކޮންޓެންޓްގެ ޓްރާންސްކްރިޕްޓްގެ ތަރުތީބު ނަންބަރު 8 އަދި 16 ވަނަ ނަންބަރުގައިވާ ކޮންޓެންޓަކީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާ (ޤައުމީ ސަލާމަތަށް ނުރައްކާކުރުވާނެ ޚިޔާލުފާޅުކުރުން) ގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން “ޤައުމުގެ ސިޔާދަތަށް ނުވަތަ އިސްތިޤްލާލަށް ގެއްލުން ލިބޭނެފަދަ ޚިޔާލުފާޅުކުރުން” އާ ޚިލާފުވާކަމަށް ބެލެވޭ ކޮންޓެންޓެއްކަމާއި؛

މައްސަލައާ ގުޅޭ ކޮންޓެންޓްގެ ޓްރާންސްކްރިޕްޓްގެ ތަރުތީބު ނަންބަރު 2، 4، 10، 11 އަދި 14 ވަނަ ނަންބަރުގައިވާ ކޮންޓެންޓަކީ، 5 ފެބުރުވަރީ 2018 ގައި ދިވެހިރާއްޖޭގައި 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރުގެ ދަށުން ޤާނޫނުއަސާސީގެ ހިފެހެއްޓޭ ނުވަތަ ހަނިކުރެވޭ މާއްދާތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާ (އެއްވެ އުޅުމުގެ މިނިވަންކަން) އިން ލިބިދޭ ޙައްޤު ބޭނުން ކުރުމަށް ރައްޔިތުންނަށް ހިއްވަރު ލިބިދޭގޮތަށް ދައްކާފައިވާ ވާހަކަ ހިމެނޭ ކޮންޓެންޓެއްކަމާއި، މި ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތު ދިވެހިރާއްޖޭގައި އިޢުލާނުކޮށްފައިވީ މުއްދަތުގެ ތެރޭގައި ކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤަކީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރުގެ ދަށުން ޤާނޫނުއަސާސީގެ ހިފެހެއްޓިފައިވާ ނުވަތަ ހަނިކުރެވިފައިވާ ޙައްޤަކަށްވާތީ، އެ ޙައްޤުގެ ބޭނުންކުރުމަށް ރައްޔިތުންނަށް ގޮވާލާ ދައްކާފައިވާ ވާހަކަ ހިމެނޭ ކޮންޓެންޓަކީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާ (ޤައުމީ ސަލާމަތަށް ނުރައްކާކުރުވާނެ ޚިޔާލުފާޅުކުރުން) ގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން “ޤައުމުގެ ސިޔާދަތަށް ނުވަތަ އިސްތިޤްލާލަށް ގެއްލުން ލިބޭނެފަދަ ޚިޔާލުފާޅުކުރުން” އާ ޚިލާފުވާކަމަށް ބެލެވޭ ކޮންޓެންޓެއްކަމާއި؛

މައްސަލައާ ގުޅޭ ކޮންޓެންޓަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާ (ޤައުމީ ސަލާމަތަށް ނުރައްކާކުރުވާނެ ޚިޔާލުފާޅުކުރުން) ގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިމުގެ ތެރެއިން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާތީ؛

މި ކޮންޓެންޓަކީ، ޤައުމީ ސަލާމަތަށް ނުރައްކާކުރުވާނެ ޚިޔާލުފާޅުކުރުން ކަމަށް ބެލެވޭ ވާހަކަތަކެއް ހިމެނޭ ކޮންޓެންޓެއް ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ފެނުނު ހިނދު؛

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު (ޤައުމުގެ ސިޔާދަތަށް ނުވަތަ އިސްތިޤުލާލަށް ގެއްލުން ލިބޭނެ ފަދަ ޚިޔާލުފާޅުކުރުން) އަށް ރިޢާޔަތްކޮށް، މި މައްސަލައިގައި ހިމެނޭ ކޮންޓެންޓް އިސްވެ ދެންނެވުނު މާއްދާއާ ޚިލާފުވާ ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާ ކަމަށް ކަނޑައަޅައި؛

އަދި، މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާއާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން ޚިލާފުވާ ދެވަނަ ފަހަރު ކަމަށްވާތީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، މި އުސޫލުގެ 9 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް 750,000ރ (ހަތް ލައްކަ ފަންސާސް ހާސް ރުފިޔާ) އިން ޖޫރިމަނާކުރުމަށާއި؛

ދެވަނައީ، މައްސަލައާ ގުޅޭ ކޮންޓެންޓްގެ ޓްރާންސްކްރިޕްޓްގެ ތަރުތީބު ނަންބަރު 6، 7، 12 އަދި 13 ވަނަ ނަންބަރުގައިވާ ކޮންޓެންޓަކީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް ނިސްބަތްކޮށް އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ އަބުރާބެހުމުގެ ޢަމަލެއް، އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބްރޯޑްކާސްޓްކޮށްފައިވާކަމަށް ބެލެވޭ ކޮންޓެންޓެއްކަމާއި؛

މައްސަލައާ ގުޅޭ ކޮންޓެންޓަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަދި އެމާއްދާގެ (ބ) ގެ އިމުގެ ތެރެއިން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާތީ އާއި؛

މައްސަލައާ ގުޅޭ ކޮންޓެންޓަކީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބިދޭ ކޮންޓެންޓެއް ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ފެނުނުހިނދު؛

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަދި އެމާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ކޮންޓެންޓް އިސްވެ ދެންނެވުނު މާއްދާއާ ޚިލާފުވާ ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާ ކަމަށް ކަނޑައަޅައި؛

އަދި، މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަދި އެމާއްދާގެ (ބ) އާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން ޚިލާފުވާ ތިން ވަނަ ފަހަރު ކަމަށްވާތީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް 1,250,000ރ (އެއް މިލިއަން ދެ ލައްކަ ފަންސާސް ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމަށާއި؛

ޖޫރިމަނާ ފައިސާއަށްވާ އެކުޖުމްލަ 2,000,000ރ (ދެ މިލިއަން ރުފިޔާ) މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.

08 އޮގަސްޓް 2018